ކުޑަފަރީ އިން މެޗުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިން އަޝްރަގް (ވ)، ޓީމު މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ކެނދިކުޅުދޫ މީޑިއާ
16 އޯގަސްޓް 2022 - 11:30
އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ބަލިވި ނަމަވެސް، ތިން ވަނަ މެޗުގައި ކެނދިކުޅުދޫ ފުޓުބޯޅަ ކުލަބް ބަލިކޮށް، ކުޑަފަރީ ފުޓުބޯޅަ ކުލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ކެނދިކުޅުދޫގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ ކުޑަފަރީ އިން އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ނުޑަފަރީން މެޗުގައި ޖެހި ދެ ލަނޑު ވެސް އެޓީމަށް ޖަހައިދިނީ މުހައްމަދު އަޝްރަގް ޔޫސުފެވެ.
އަޝްރަގް ވަނީ މެޗުގެ ވަރަށް ކުރީކޮޅު ކުޑަފަރީ އަށް ލީޑު ހޯދައިދީފަ އެވެ. ލީޑު ނަގައިދިން ލަނޑު އޭނާ ޖެހީ މެޗުގެ ތިންވަނަ މިނިޓުގަ އެވެ. ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކުރި ކެނދިކުޅުދޫ އިން ނަތީޖާ އެއްވަރު ކުރަން ކުރި މަސައްކަތް ކާމިޔާބުވީ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައި ވަނިކޮށް އަލީ ސަމާލް ޖެހި ލަނޑުންނެވެ. ސަމާލް ވަނީ އެ ޓީމު ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ކެނދިކުޅުދޫ އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު އެޓީމުގެ ސަމާލް (ކ)، ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. ސަމާލް ވަނީ އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފައި. -- ފޮޓޯ ކެނދިކުޅުދޫ މީޑިއާ
ކުޑަފަރީ އިން މެޗު ކާމިޔާބު ކުރި ލަނޑު އަޝްރަގް ޖަހައިދިނީ 84 ވަނަ މިނިޓުގަ އެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގައި ކުޑަފަރީގެ ކޯޗު ހާމިދު ފާއިޒް އަށް ވަނީ ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.
މި ގުރޫޕުގައި ދެން ހިމެނޭ ހޮޅުދޫ ފުޓުބޯޅަ ކުލަބާއި ސޮސައިޓީ ފޯ މާޅެންދޫ ޔޫތު ޑިވެލޮޕްމަންޓް ކައިރިން ކުޑަފަރީ ޓީމު ބަލިވި ނަމަވެސް، ކެނދިކުޅުދޫ ވަނީ ފުރަތަމަ ދެ މެޗުގައި މާޅެންދޫ އާއި ހޮޅުދޫ ބަލި ކޮށްފަ އެވެ.
ނ. އަތޮޅުގެ ހަތަރު ޓީމަކާ އެކު ކެނދިކުޅުދޫ އާއި ހޮޅުދޫގައި ހޯސްޓުކުރާ ގުރޫޕް ސީ ގައި، އިއްޔެ ހޮޅުދޫ ފުޓުބޯޅަ ކުލަބް ވަނީ އަމިއްލަ ރަށުގައި މާޅެންދޫ ޔޫތު ޑިވެލޮޕްމަންޓާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ހޮޅުދޫ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 54 ވަނަ މިނިޓުގައި ޖަހައިދިނީ މޫސާ އިބްރާހިމް އެވެ.
ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ހޮޅުދޫ އިން ކުޑަފަރީ ބަލިކުރި ނަމަވެސް އެޓީމު ވަނީ ދެވަނަ މެޗުގައި، ރަށުން ބޭރުގައި ކެނދިކުޅުދޫއާ ދެކޮޅަށް ކުޅެ ބަލިވެފަ އެވެ.
މި ނަތީޖާއާ އެކު ގުރޫޕުގައި ވާދަކުރާ ހަތަރު ޓީމަށް ވެސް ވަނީ ތިން މެޗުގެ ކުޅުން ނިމިފަ އެވެ. އެއްވަނަ ޑިވިޝަނަށް ކޮލިފައި ވާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ.
މި ގުރޫޕުގައި މިހާތަނަށް ދެ މެޗު ކާމިޔާބު ކޮށްގެން ކެނދިކުޅުދޫ އާއި ހޮޅުދޫ، ހަ ޕޮއިންޓް ހޯދާފައި ވާއިރު، މާޅެންދޫ އާއި ކުޑަފަރީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy