މުޅިން އަލަށް ފެށި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕުގެ ފުރަތަމަ ދުވަހު؛ އިއްޔެ އޮތް ހީޓެއްގައި އެތުލީޓެއް ރާޅާ އަޅަނީ.-- ފޮޓޯ: އެމްއެސްއޭ
27 އޮކްޓޯބަރ 2022 - 11:43
އަންނަ އަހަރަށް ޖޫނިއާ ގައުމީ ސާފިން ޓީމު އެކުލަވާލަން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މިއަހަރު މުޅިން އަލަށް ބާއްވަން ތާވަލް ކުރި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022 ފަށައިފި އެވެ.
މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ފެށި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ތާވަލް ކޮށްފައި ވާއިރު، މި މުބާރާތުގައި ފިރިންހެ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކެޓެގަރީގެ އިވެންޓް ކުރިއަށް ދާނެ އެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތް؛ ރަންނަމާރި ޗެލެންޖް 2021 ގެ ޖޫނިއާ އިވެންޓުން ވަނީ މި އަހަރުގެ ޖޫނިއާ ގައުމީ ޓީމަށް ފަސް އެތުލީޓުން ހޮވައިފަ އެވެ. މި އަހަރުގެ ގައުމީ ޓީމުގައި ހިމެނެނީ، އަހުމަދު އަމީރު، ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ)، ޔޫސުފް ކަޔާން ހަމްދާން ޒަކީ، މުހައްމަދު ޒަޔާން (ޗޮއްޕު) އަދި ސައްޔިދު ސަލާހުއްދީނެވެ. މިއީ ސާފިންގައި ޖޫނިއާ ގައުމީ ޓީމެއް އެކުލަވާލެވުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖަށް ފަހު ވަނީ މުޅިން އަލަށް، މި އަހަރަށް ޖޫނިއާ ގައުމީ ޓިމަށް ހަ އެތުލީޓުން ހޮވާފައި.-- ފޮޓޯ: ރައީސް އޮފީސް
އެމްއެސްއޭ އިން ވަނީ އަންނަ އަހަރުގެ ޖޫނިއާ ގައުމީ ޓީމަށް 12 އެތުލީޓުން ހޮވާ ގޮތަށް ހަމަޖައްސައިފަ އެވެ. އެގޮތުން މި އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި ކުރިއަށްގެންދާ ތިން އުމުރުފުރާއިން ވެސް، އެންމެ މޮޅު ހަތަރު އެތުލީޓުންނަށް 2023 ވަނަ އަހަރުގެ ޖޫނިއާ ގައުމީ ޓީމުން ފުރުސަތު ލިބޭނެ އެވެ.
ނަމަވެސް މި މުބާރާތުގައި ވާދަކުރާ 18 އަހަރުން ދަށުގެ އެތުލީޓުންގެ ތެރެއިން، 2023 ވަނަ އަހަރު 19 އަހަރު ފުރޭ އެތުލީޓުންނަށް ޖޫނިއާ ގައުމީ ޓީމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
އަންނަ އަހަރުގެ ޖޫނިއާ ގައުމީ ޓީމަށް އެތުލީޓުން ހޮވާއިރު، މި އަހަރުގެ ގައުމީ ސާފް ލީގުގެ ނަތީޖާތައް، އެތުލީޓުން ރޭންކު ކުރުމުގައި ބޭނުމެއް ނުކުރާނެ ކަމަށް އެމްއެސްއޭ އިން ހާމަ ކުރެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާން ރާޅާއެޅުންތެރިންނާ އެކު ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ގައި ޖުމްލަ 41 އެތުލީޓުން ބައިވެރި ވެފައި ވެއެވެ. އުމުރުން 14 އަހަރުން ދަށުގެ ކެޓެގަރީ ގައި 10 އެތުލީޓުން ވާދަ ކުރާއިރު، 16 އަހަރުން ދަށުގެ 15 އެތުލީޓުން ވާދަ ކުރެ އެވެ. އަދި 18 އަހަރުން ދަށުގެ 16 އެތުލީޓުން ވާދަ ކުރެ އެވެ.
ޖޫނިއާ އެތުލީޓުން އަންނަނީ ގައުމީ ސާފް ލީގުގައި އޯޕަން ކެޓެގަރީ އިވެންޓް ތަކުގައި ވެސް ވާދަކޮށް، ކުރިއެރުން ހޯދަމުންނެވެ. އަދި ރަނގަޅު ނަތީޖާތަކާ އެކު ގައުމީ ސީނިއާ ރޭންކިންގެ ގަދަ 10 އިން ވެސް ޖޫނިއާ އެތުލީޓުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy