ގައުމީ ޖޫނިއާ ސާފިން މުބާރާތުގެ އެއްވަނަ ހޯދި ޔަސީން (ކ)، އަމީރު (މ) އަދި ޔޫސުފް ކަޔާން (ވ).-- ފޮޓޯ: އަހުމަދު އަރުޒާން
29 އޮކްޓޯބަރ 2022 - 09:34
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މި އަހަރު މުޅިން އަލަށް ބޭއްވި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ޖޫނިއާ ޗެމްޕިއަންޝިޕް ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އަދި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން އަހުމަދު ނާޝިދު ހޯދި އިރު، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު އަމީރެވެ.
އެންމެ ހަގު އުމުރުފުރާ ކަމުގައިވާ 14 އަހަރުން ދަށުގެ އެއްވަނަ ހޯދި ޔޫސުފް ކަޔާން ވަނީ ދެ އުމުރުފުރާއެއްގައި ވާދަކޮށް، ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. ސޯޅަ އަހަރުން ދަށުގެ ފައިނަލްގައި ވެސް ޔޫސުފް ކަޔާން ވާދަ ކުރި އެވެ.
ޔޫސުފް ކަޔާން ޗެމްޕިއަންކަން ހޯދީ އެ އުމުރުފުރާގެ ފައިނަލް ހީޓުގައި ކަޔާން އަބްދުﷲ އަރީފް ބަލިކޮށްފަ އެވެ. ހީޓް ކާމިޔާބު ކުރީ 7.33 އާއި 7.67 ގެ ރާޅެއް ދުއްވާލައިގެން 15.00 ޕޮއިންޓް ހަމަކޮށްގެންނެވެ. ކަޔާން އަރީފް އަށް ހަމަކުރެވުނީ ޖުމްލަ 8.26 ޕޮއިންޓެވެ.
ސާދަ އަހަރުން ދަށުގެ އުމުރުފުރާގެ ތިންވަނަ މަގާމް ހޯދީ، ޔަސީން އަހުމަދު ނާޝިދެވެ. ޔަސީން ވަނީ ތިންވަނަ ހޮވި ހީޓުގައި މުހައްމަދު އިނާން އާ ވާދަކޮށް ޖުމްލަ 13.27 ޕޮއިންޓް ހޯދައިފަ އެވެ. އިނާން އަށް ލިބުނީ 9.74 ޕޮއިންޓެވެ.
ޔަސީން އަށް 14 އަހަރުން ދަށުގެ ފައިނަލަށް ނުދެވުނީ، ސެމީ ފައިނަލްގައި 0.17 ޕޮއިންޓްގެ ތަފާތަކުން ޔޫސުފް ކަޔާން އަތުން ބަލި ވެގެންނެވެ. ސެމީ ފައިނަލްގެ ހީޓުގައި ޔަސީން އަށް ލިބުނީ 11.77 ޕޮއިންޓެވެ. ކަޔާން އަރީފް ވެސް ސެމީ ގައި އިނާން ބަލިކުރީ 0.17 ޕޮއިންޓްގެ ތަފާތަކުންނެވެ.
އެހެން ނަމަވެސް 16 އަހަރުން ދަށުގެ ފައިނަލް ހީޓުގައި ޔަސީން ވަނީ 1.30 ޕޮއިންޓްގެ ތަފާތަކުން ޔޫސުފް ކަޔާންގެ މައްޗަށް ކުރި ހޯދައި، އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފައިނަލް ހީޓުގައި ޔަސީން ވަނީ ޖުމްލަ 11.67 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 6.00 އަދި 5.67 ޕޮއިންޓެވެ. ޔޫސުފް ކަޔާން އަށް ލިބުނީ 10.37 ޕޮއިންޓެވެ.
ޗެމްޕިއަން ޔަސީން ވަނީ ސެމީ ފައިނަލް ގައި ޝާނިފް ބަލި ކޮށްފަ އެވެ. ޝާނިފް އަކީ މި އަހަރުގެ ދިވެހި ސާފް ލީގުގެ ދެ އިވެންޓެއްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައި، އެއް އިވެންޓުގެ އޯޕަން ކެޓެގަރީގެ ދެވަނަ ހޯދި އެތުލީޓެކެވެ. އަދި މި އަހަރުގެ ސީނިއާ ގައުމީ ރޭންކިންގެ 10 ވަނައިގައި މިވަގުތު އޮތީ ވެސް ޝާނިފް އެވެ.
ސޯޅަ އަހަރުން ދަށުގެ ތިންވަނަ ހޯދީ ސައްޔިދު ސަލާހުއްދީނެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ސެމީ ފައިނަލް ގައި ޝާނިފް ޝަފީގު ބަލި ކޮށްފަ އެވެ. ފޯރި ގަދަ މި ހީޓުގައި ސައްޔިދުގެ ޖުމްލަ ސްކޯ އަކީ 14.33 އެވެ. ޝާނިފް އަށް ލިބުނީ 12.83 ޕޮއިންޓެވެ. ދެ އެތުލީޓުން ވެސް ވަނީ އެންމެ ރަނގަޅު ރާޅަށް 8.00 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ތަފާތަކަށް ވީ ދެ އެތުލީޓުންގެ ވެސް ފަސްވަނަ ރާޅެވެ.
ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ވެސް ހޯދި އަހުމަދު އަމީރެވެ. ޖޫނިއާ ކެޓެގަރީގައި އަމީރު ވާދަކުރާ ފަހު އަހަރު، އެންމެ ފުރަތަމަ ޖޫނިއާ ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ އެއްވަނަ އޭނާ ހޯދީ ފައިނަލް ހީޓުގައި ޝާނިފް ޝަފީގު ބަލި ކޮށްފަ އެވެ.
އަށާރަ އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް ހީޓުގައި ޝާނިފްގެ މައްޗަށް އަމީރު ކުރި ހޯދީ ޖުމްލަ 10.70 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ، 5.50 އަދި 5.20 ޕޮއިންޓެވެ. ޝާނިފްގެ ޖުމްލަ ސްކޯ އަކީ 9.57 ޕޮއިންޓެވެ. އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 5.00 އަދި 4.57 ޕޮއިންޓެވެ.
މި އުމުރުފުރާގެ ތިންވަނަ ހޯދީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ޗޮއްޕު ތިންވަނަ ހޯދީ މުހައްމަދު އިނާން ބަލި ކޮށްފަ އެވެ. ޗޮއްޕުގެ ޖުމްލަ ސްކޯ އަކީ 8.50 ޕޮއިންޓެވެ. އަދި އިނާންގެ ސްކޯ އަކީ 7.17 ޕޮއިންޓެވެ. ދެ އެތުލީޓުން ވެސް އެންމެ ރަނގަޅު ސްކޯ ކުރީ ފުރަތަމަ ދެ ރާޅުގަ އެވެ. ޗޮއްޕުގެ ފުރަތަމަ ދެ ރާޅަށް 4.67 އަދި 3.83 ޕޮއިންޓް ލިބުނު އިރު، އިނާން އަށް ލިބުނީ 4.00 އަދި 3.17 ޕޮއިންޓެވެ.
މިއާ އެކު އިނާން ވަނީ 14 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ހަތަރު ވަނަ ހޯދައިފަ އެވެ.
މި އަހަރު އަލަށް ފެށި ޖޫނިއާ ޗެމްޕިއަންޝިޕްގައި ޖުމްލަ 14 ރަށަކުން 41 ޒުވާން ރާޅާއެޅުންތެރިން ވަނީ ބައިވެރި ވެފަ އެވެ. ސާދަ އަހަރުން ދަށުގެ އުމުރުފުރާގައި 10 ސާފަރުން ވާދަ ކުރި އިރު، 16 އަހަރުން ދަށުގައި 15 އަދި 18 އަހަރުން ދަށުގެ 16 އެތުލީޓެއް ވާދަ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy