ކުޅިވަރު

ގައުމީ މުބާރާތުގެ ފުރަތަމަ ދުވަހު ޒުވާން ރާޅާއެޅުންތެރިން ވިދާލައިފި

ބުރާސްފަތި ދުވަހު ފެށި މި އަހަރުގެ ރާޅާއެޅުމުގެ ގައުމީ މުބާރާތް، "ރަންނަމާރި ޗެލެންޖް 2022" ގެ ފުރަތަމަ ދުވަހު، ވައިލްޑް ކާޑް ސްލޮޓާ އެކު ވާދަކުރާ ޒުވާން ރާޅާއެޅުންތެރިން ވިދާލައިފި އެވެ.

އެމްޓީސީސީ ދިވެހި ސާފް ލީގުގެ ފަސް ވަނަ މުބާރާތް ގޮތުގައި ގައުމީ މުބާރާޓް ކުރިއަށް ގެންދާއިރު، މި މުބާރާތުގައި ޖޫނިއާ އިވެންޓެއް ނުހިމެނެ އެވެ. އޭގެ ކުރިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ މިދިޔަ މަހުގެ ފަހު ކޮޅު، މުޅިން އަލަށް ގައުމީ ޖޫނިއާ ޗެމްޕިއަންޝިޕެއް ކުރިއަށް ގެންގޮސް، އަންނަ އަހަރަށް، 14 އަހަރާއި 16 އަހަރު އަދި 18 އަހަރުން ދަށުގެ ޖޫނިއާ ގައުމީ ޓީމުތައް އެކުލަވާލައިފަ އެވެ.

އޯޕަން އިވެންޓްގައި 16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރި ނުވެވޭ ގޮތަށް އުސޫލު އޮތް ނަމަވެސް، އެމްއެސްއޭ އިން ވަނީ ޖޫނިއާ ހަތް އެތުލީޓަކަށް، މި މުބާރާތުގައި ވާދަކުރަން ވައިލްޑް ކާޑް އުސޫލުން ފުރުސަތު ދީފަ އެވެ. އެއީ 14 އަހަރުން ދަށުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު އަދި ކަޔާން އަބްދުﷲ އަރީފް ގެ އިތުރުން، 16 އަހަރުން ދަށުގެ ސައްޔުދު ސަލާހުއްދީން، މުހައްމަދު އިނާން އަބްދުލް ހަންނާން، އަހުމަދު ޒަޔާން އަދި އަހުމަދު ލުޒެއިން އެވެ.

ފުރަތަމަ ބުރުގެ ހީޓުތަކުން އެއް ވަނަ އަދި ދެ ވަނަ ހޯދާ އެތުލީޓުންނަށް ތިން ވަނަ ބުރުން ސީދާ ޖާގައެއް ލިބޭނެ އެވެ. ވައިލްޑް ކާޑް ސްލޮޓް ލިބުނު ހަ އެތުލީޓެއް ވަނީ ފުރަތަމަ ދުވަހު މި ޑިވިޝަންގެ ފުރަތަމަ ބުރުގެ ހީޓުތަކުގައި ކާމިޔާބު ހޯދައި، ތިންވަނަ ބުރުގެ ސީދާ ޖާގައެއް ހޯދައިފަ އެވެ.

ފުރަތަމަ ބުރުގެ ދެ ވަނަ ހީޓުގައި 10.17 ޕޮއިންޓް ސްކޯ ކޮށްގެން އެއް ވަނަ ހޯދީ ޔޫސުފް ކަޔާން އެވެ. އޭނާގެ ފަހަތުން ދެ ވަނައިގައި ނިންމީ، 18 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ހިމެނޭ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. އޭނާއަށް ލިބުނީ 7.10 ޕޮއިންޓެވެ. އައިހަމް އަދުނާން އާއި ޝިފާޒް ރައުފް ވާދަ ކުރާނީ ދެ ވަނަ ބުރު، ރެޕޯ ރައުންޑްގަ އެވެ.

ތިން ވަނަ ހީޓުގެ އެއް ވަނަ ހޯދީ އިނާން އެވެ. އިނާން ވަނީ 7.67 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެ ވަނަ ހޯދި އިބްރާހިމް އީގާނަށް ލިބުނީ 7.23 ޕޮއިންޓެވެ. މުހައްމަދު އަތޫފާއި ހައްސާން މުހައްމަދަށް ޖެހޭނީ ރެޕޯ ރައުންޑުގައި ވާދަކުރާށެވެ.

ފަސް ވަނަ ހީޓުގައި ވާދަކޮށް ޔަސީން އަހުމަދު ނާޝިދު ވަނީ 6.60 ޕޮއިންޓް ސްކޯ ކޮށްގެން ދެ ވަނަ ހޯދައިފަ އެވެ. ޔަސީން އަށް ވުރެ 0.23 ޕޮއިންޓް އިތުރަށް ހޯދައިގެން އެއް ވަނަ ހޯދީ ގައުމީ ރޭންކިންގެ އަށް ވަނައިގައި އޮތް އާދަމް މުއީން އިބްރާހިމް އެވެ. ރެޕޯ ރައުންޑަށް ދިޔައީ ޔަސީންގެ ފަހަތުން ނިންމި އަބްދުﷲ އަރީފް (ފުކޫ) އާއި އިބްރާހިމް ލަތީފް އެވެ.

ސައްޔިދު ސަލާހުއްދީން ވަނީ ހަ ވަނަ ހީޓުގައި ވާދަކޮށް 7.26 ޕޮއިންޓް ހޯދައިގެން ދެ ވަނަ ހޯދައިފަ އެވެ. އެއް ވަނަ ހޯދި މުހައްމަދު ފަޔާޒް (ޕެލޭ) ވަނީ 9.27 ޕޮއިންޓް ހޯދައިފަ އެވެ. އާދަމް ނަސީމް އާއި ގައުމީ ރޭޏްކިންގެ ނުވަ ވަނައިގައި އޮތް އަބްދުﷲ އަރުޝަދު ވާދަކުރާނީ ރެޕޯ ރައުންޑްގަ އެވެ.

ހަތް ވަނަ ހީޓުގައި ވާދަކުރި އަހުމަދު ލުޒެއިން ވަނީ ރޭންކިންގެ ފަސް ވަނައިގައި އޮތް ޖިނާން އަހުމަދާ ވާދަކޮށް ދެ ވަނަ ހޯދައިފަ އެވެ. ލުޒެއިން ވަނީ 5.90 ޕޮއިންޓް ހޯދައިފަ އެވެ. ޖިނާން އެއް ވަނަ ހޯދީ 9.50 ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓުގައި ވާދަކުރި އަލީ ރިޒާ އާއި އަލީ ސަމާހު، ރެޕޯ ރައުންޑްގައި ވާދަ ކުރާނެ އެވެ.

ނުވަ ވަނަ ހީޓުގައި ވާދަކޮށް އަހުމަދު ޒަޔާން ވަނީ 8.10 ޕޮއިންޓް ސްކޯ ކޮށްގެން ދެ ވަނަ ހޯދައިފަ އެވެ. އެއް ވަނަ ހޯދީ 8.60 ޕޮއިންޓް ސްކޯ ކުރި ޝާނިފް ޝަފީގެވެ. ޖީހާން އަހުމަދު (ޖީއްކޮ) އާއި އަބްދުﷲ އަހުމަދު ވާދަކުރަން ޖެހެނީ ރެޕޯ ރައުންޑްގަ އެވެ.

ޝާނިފް އަކީ 18 އަހަރުން ދަށުގެ ޖޫނިއާ ގައުމީ ޓީމުގެ އެތުލީޓެއް ވިޔަސް، އުމުރުން 16 އަހަރުގެ ޝާނިފް ވަނީ މ. މުއްޔާއި، ރ. ކިނޮޅަސް އަދި ކ. ހިންމަފުށީގައި ވެސް މެންސް އޯޕަން ޑިވިޝަންގައި ވާދަ ކޮށްފަ އެވެ. ކިނޮޅަހުގައި އޯޕަން ޑިވިޝަންގެ ފައިނަލް ހީޓުގައި ވެސް ވާދަ ކުރި ޝާނިފް މިވަގުތު އޮތީ ގައުމީ ރޭންކިންގެ 10 ވަނައިގަ އެވެ.

ކަޔާން އަބްދުﷲ އަރީފް ވާދަ ކުރީ ފުރަތަމަ ބުރުގެ އެންމެ ފަހު ހީޓު ކަމަށްވާ 12 ވަނަ ހީޓުގަ އެވެ. ނަޖާހު މުހައްމަދު (ކަނބޯ) އާއި ޔަމާން އިބްރާހިމް އާއެކު ވާދަކުރި މި ހީޓުގައި ތިން ވަނައިގައި ނިންމުމުން، ކަޔާން އަށް ޖެހެނީ ރެޕޯ ރައުންޑްގައި ވާދަ ކުރާށެވެ. ސީނިއާ ގައުމީ ޓީމުގައި ހިމެނޭ، ރޭންކިންގެ ދެ ވަނައިގައި އޮތް ނަޖާހު 10.50 ޕޮއިންޓް ހޯދި އިރު، ޔަމާން އަށް ލިބުނީ 4.17 ޕޮއިންޓެވެ.

ކަޔާން އަށް ހީޓުގެ ދެ ވަނަ ހޯދެން އޮތް ނަމަވެސް، ކާމިޔާބު ނުވީ އެހެން ރާޅާއެޅުންތެރިއެއް ޕްރިއޯރިޓީގައި އޮއްވައި އިންޓަފިއާ ކޮށްގެން، ދެ ވަނައަށް ހޯދި އެންމެ ރަގަޅު ސްކޯ އުނިކުރެވުމުން ކޮމްބޯ ޕޮޒިޝަނަކަށް ވެއްޓިގެންނެވެ. ކަޔާންގެ ފުރަތަމަ ރާޅަށް 3.17 ޕޮއިންޓް ލިބުނު ނަމަވެސް، ޖުމްލަ ސްކޯ އަށް ގުނީ ހަތަރު ވަނަ ރާޅުގައި ހޯދި 3.93 ޕޮއިންޓެވެ.

އެންމެ މަތީ ސްކޯ ހެދީ އިބޫ އަރީފް

ފުރަތަމަ ބުރުގެ 11 ވަނަ ހީޓުގައި، މިހާތަނަށް ހަތް ފަހަރު ގައުމީ މުބާރާތް ކާމިޔާބު ކޮށްފައިވާ ހުސެއިން އަރީފް (އިބޫ) ވަނީ 14.00 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މިއީ ފުރަތަމަ ދުވަހުގެ އެންމެ މަތީ ސްކޯ އެވެ. މިއީ އެއް މުބާރާތެއްގެ މެދުކެނޑުމަކަށް ފަހު ގައުމީ މުބާރާތުން އިބޫ ފެނުނު ފުރަތަމަ ފަހަރެވެ. މި ހީޓުގައި 7.70 ޕޮއިންޓް ސްކޯ ކޮށްގެން ދެވަނަ ހޯދީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

އަހުމަދު މިސްބާހު އަލީ އާއި އަހުމަދު މިސްކަށް ޖެހެނީ ރެޕޯ ރައުންޑުގައި ވާދަކުރާށެވެ.

އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) ވެސް ވަނީ އޭނާ ވާދަކުރި ހީޓު ކަމަށްވާ ހަތަރު ވަނަ ހީޓުގެ އެއް ވަނަ ހޯދައިފަ އެވެ. ހޫދު ވަނީ 13.34 ޕޮއިންޓް ހޯދައިފަ އެވެ. ހީޓުގެ ދެ ވަނަ ހޯދި އަހުމަދު އަރުޒާން ވަނީ 10.83 ޕޮއިންޓް ހޯދައިފަ އެވެ. އިބްރާހިމް އަރީފް އާއި އިބްރާހިމް ނަސީރަށް ވަނީ ރެޕޯ ރައުންޑްގައި ވާދަ ކުރަން ޖެހިފަ އެވެ.

އެހެން ނަމަވެސް، އިބޫ އާ އެންމެ ގާތްކުރާ ސްކޯ އެއް ހެދީ، ފުރަތަމަ ހީޓުގައި ވާދަކުރި މުހައްމަދު އިރުޝާދެވެ. އޭނާ ވަނީ 13.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މި ހީޓުގެ ދެ ވަނަ ހޯދީ، ގައުމީ ރޭންކިންގެ އެއް ވަނައިގައި އޮތް އަހުމަދު އާގިލް (އަންމަޑޭ) އެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޖޫނިއާ ފައިނަލްގައި ވާދަކުރި އަޔާން ނޫރައްދީން ނިންމީ ތިން ވަނައިގަ އެވެ.

ގައުމީ ރޭންކިންގެ ތިން ވަނައިގައި އޮތް ޖައިލަމް ނިޒާރު ވަނީ 9.00 ޕޮއިންޓް ހޯދައި، އަށް ވަނަ ހީޓުގެ އެއްވަނަ ނަގައިފަ އެވެ. ދެ ވަނައިގައި ނިންމީ މުހައްމަދު ނުސްރަތެވެ. ހަސަން އަމާން އާއި އަހުމަދު މިދުޝާން ވާދަ ކުރާނީ ރެޕޯ ރައުންޑްގަ އެވެ.

މި ބުރުގެ 10 ވަނަ ހީޓުގެ އެއްވަނަ ހޯދީ އަޝްރަފް ހަސަނެވެ. އޭނާ 6.50 ޕޮއިންޓް ހޯދި އިރު، ދެ ވަނަ ހޯދި އަލީ ޒަޔާން އަހުމަދު ވަނީ 5.47 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި ނިންމި މުހައްމަދު ރިފާސް އަބްދުއް ރައްޒާގަށް ލިބުނީ 1.77 ޕޮއިންޓެވެ.

އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔައީ ފިރިހެން އޯޕަން ޑިވިޝަންގެ ފުރަތަމަ ބުރުގެ 12 ހީޓެވެ. މި ޑިވިޝަނުގައި 45 އެތުލީޓުން ވާދަ ކުރެ އެވެ. އަންހެން ޑިވިޝަންގައި ހަތަރު އެތުލީޓުން ވާދަ ކުރާއިރު، ސްޓޭންޑް އަޕް ޕެޑްލިން (އެސްޔޫޕީ) ގައި ހަ އެތުލީޓުން ވާދަ ކުރެ އެވެ. ލޯންގް ބޯޑް ޑިވިޝަންގައި މި އަހަރު 12 އެތުލީޓުން ވާދަ ކުރެ އެވެ. އަދި މާސްޓާސް ޑިވިޝަންގައި 16 އެތުލީޓުން ވާދަ ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި އަހަރު މުޅިން އަލަށް "މަރުހަބާ ކަޕް" ނަމުގައި ޓީމް އިވެންޓެއް ކުރިއަށް ގެންދާނެ އެވެ. ޓީމް އިވެންޓްގައި ހަ ރަށެއް ވާދަ ކުރެ އެވެ. އެއީ، ރ. ރަސްމާދޫ، ކ. މާލެ، މ. މުލި، ގދ، ވާދޫ، ގައްދޫ އަދި ކ. ތުކުސްދޫ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް އިލްހާމް

11 November 2022

އަޅުގަނޑު މިއަދު އުފާކުން ޒުވާނުން ޤަޢުމު އަރާސްތުކުރުމުގައި އިސްސަފުގައި ހަރަކާތް ތެރިވަމުން ދާތީ ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454