އަޒްރާ (ކ) އަދި ދީނާ (ވ)، ދެ ކުޅުންތެރިން މިރޭ ކުޅޭ ވިނާޒް ބްރެކެޓްގެ ސެމީ ގައި ވާދަކުރާނެ.-- ފޮޓޯ: އެމްޕީބީއޭ
25 ޖެނުއަރީ 2023 - 13:47
މާލޭގައި ހުންނަ ގައުމީ ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ 8 ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލުން ދީނާ އަހުމަދާއި އާމިނަތު އަޒްރާ ޖާގަ ހޯދައިފި އެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުން ދީނާ ޖާގަ ހޯދީ ރޭ ކުޅުނު މެޗުގައި ސީދާ ފަސް ފްރޭމުން އާމިނަތު ހަލީމް ބަލިކޮށްފަ އެވެ. އަދި އަޒްރާ ވަނީ 5-1 ފްރޭމުން ފަޒްނާ މޫސާ ބަލިކޮށްފަ އެވެ.
ދީނާ އާއި އަޒްރާ ބައްދަލުކުރާ ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 9:30 ގަ އެވެ.
ރޭގެ މެޗުތަކުން ބަލިވި ނަމަވެސް އާމިނަތު ހަލީމް އާއި ފަޒްނާ އަށް ވެސް މުބާރާތުގައި ކުރިއަށް ދިޔުމުގެ ދޮރު ބަންދެއް ނުވެ އެވެ. ލޫޒާސް ބްރެކެޓް ގައި އާމިނަތު ހަލީމް މިރޭ ވާދަކުރާނި އައިޝަތު އަލީ އާ ދެކޮޅަށެވެ. މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށް ނުކުންނާނީ މިރޭ ފަޒްނާ އާއި އާމިނަތު އަޒީމާ ބައްދަލުކޮށް މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.
ގައުމީ ރޭންކިން އަށް ގުނާ މި މުބާރާތުގެ އަންހެން ޑިވިޝަން ގައި ޖުމްލަ ނުވަ ކުޅުންތެރިން ވާދަ ކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި އައިމިނަތު ފާތީ ވާދައެއް ނުކުރެ އެވެ. ފާތީ ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި ދީނާއާ ވާދަކޮށެވެ.
ފިރިހެން ޑިވިޝަން ގައި މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ވަނީ ހަސަން ޝާޒް މުހައްމަދާ ވާދަކޮށް 9-5 ފްރޭމުން ބަލި ވެފަ އެވެ. ޝާޒް އަކީ މިދިޔަ އަހަރުގެ ފައިނަލް ގައި ހުސެއިން ފަޔާޒާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާ އެވެ.
ހަސަން ޝާޒް މުހައްމަދު، އޭނާ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ބަލިކޮށްފައި.-- ފޮޓޯ: އެމްޕީބީއޭ
ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލުން ޖާގަ ހޯދަން ޝާޒް މިރޭ ނުކުންނާނީ ރޭ 9-3 ފްރޭމުން އިބްރާހިމް އާފީ ބަލިކުރި މުހައްމަދު ޝަރީފާ ދެކޮޅަށެވެ.
ވާޒް އަތުން ބަލިވެ، ހުސެއިން ފަޔާޒަށް ވަނީ ލޫޒާސް ބްރެކެޓް ގައި ކުޅެން ޖެހިފަ އެވެ. ލޫޒާސް ބްރެކެޓް ގައި ރޭ ހުސެއިން ފަޔާޒް ވަނީ ރޭ ޝަޒީން އަބްދުއްސަމަދާ ވާދަކޮށް 9-4 ފްރޭމުން މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި މިރޭގެ މެޗުގައި ކުޅެން ޖެހޭނީ އޭނާގެ ބޭބެ، އަލީ ފަޔާޒާ ދެކޮޅަށެވެ.
އަލީ ފަޔާޒް ވަނީ ރޭ މުހައްމަދު ޝަރީފް އަތުން ބަލިވި އާފީ އާ ވާދަކޮށް 9-5 ފްރޭމުން މޮޅުވެފަ އެވެ.
ހުސެއިން ފަޔާޒް (ކ) އަދި އަލީ ފަޔާޒް (ވ)، ދެބެންގެ ކުރިމަތިލުން މިރޭ އޮންނާނެ.-- ފޮޓޯ: އޭއެފްޕީ
ފިރިހެން ޑިވިޝަންގެ ވިނާޒް ބްރެކެޓް ގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، އިސްމާއިލް ސުވެއިދު ވަނީ 9-6 ފްރޭމުން އިސްމާއިލް ޖީހާން ބަލި ކޮށްފަ އެވެ. ސުވެއިދާ ދެކޮޅަށް މިރޭ ވާދަކުރާނީ 9-6 ފްރޭމުން މުހައްމަދު ދުންޔާޒް ބަލިކުރި އަހުސަން ހާޝިމް އެވެ.
ލޫޒާސް ބްރެކެޓް ގައި ޔޫސުފް ޒުބެއިރާ ވާދަކޮށް 9-5 ފްރޭމުން އަހުމަދު ޒިޔާން މެޗު ކާމިޔާބު ކުރި ނަމަވެސް ޖީހާން އާ ވާދަކޮށް ޒިޔާނަށް ކުރިއެއް ނުހޯދުނެވެ. ޖީހާން މެޗު ކާމިޔާބު ކުރީ 9-6 ފްރޭމުންނެވެ.
މުހައްމަދު އަކްސަމް ވަހީދު ވަނީ 9-5 ފްރޭމުން މުހައްމަދު ސާހިލް ހަމީދު އަތުން ބަލިވެފަ އެވެ. ސާހިލް ވަނީ 9-2 ފްރޭމުން ދުންޔާޒް ވެސް ބަލިކޮށްފަ އެވެ. މިރޭ ސާހިލް ބައްދަލުކުރާނި ޖީހާނާ ދެކޮޅަށެވެ.
މުބާރާތުގައި އަންހެން ޑިވިޝަންގެ ތިން މެޗެއްގެ އިތުރުން ފިރިހެން ޑިވިޝަންގެ ހަތް މެޗެއް މިރޭ ކުޅޭނެ އެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފެށި 8 ބޯލް ޗެމްޕިއަންޝިޕް ގެ ފިރިހެން ޑިވިޝަން ގައި ޖުމްލަ 76 ކުޅުންތެރިން ވާދަ ކުރި އެވެ. އޭގެ ތެރޭގައި އެންމެ މަތިން ރޭންކް ކުރެވިގެން އޮޓަމެޓިކުން ކޮލިފައިވި 48 ކުޅުންތެރިންނާއި، ކޮލިފައިން ބުރުގައި ވާދަކުރި 28 ކުޅުންތެރިން ހިމެނެ އެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ފައިނަލް ބުރު ކުރިއަށް ދަނީ އޮޓަމެޓިކުން ޖާގަ ލިބުނު 48 ކުޅުންތެރިންނާއި ކޮލިފައިން ބުރުން ހޮވާލި 16 ކުޅުންތެރިންނާ އެކު އެވެ.
ދެ ޑިވިޝަންގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy