04 މެއި 2023 - 15:02
މ. މުލީގައި ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުލި ކައިރީގައި އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ބޯހުރާގައި މިއަދު ފަށައިފި އެވެ.
އިއްޔެ ފަށަން އޮތް މުބާރާތް، މޫސުން ގޯސްވުމުން ފެށޭ ގޮތް ނުވި އެވެ.
ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ މުލީ ކައުންސިލާ ގުޅިގެން އެ ރަށުގައި މުބާރާތް ބާއްވަން ދުރާލާ ތައްޔާރު ވެފަ އެވެ. އެކަމަކު މޫސުން ގޯސްވުމުން މުލީގައި ހެދިފައިވާ މުބާރާތުގެ ސެޓަޕް ދޫކޮށް ބޯހުރާގައި މުބާރާތް ފެށީ ބޯހުރާގައި ވަގުތީ ސެޓަޕެއް ހެދުމަށް ފަހު ކަމަށް އެމްއެސްއޭއިން ބުންޏެވެ.
މިއަދު މުބާރާތް ފެށީ 18 އަހަރުން ދަށުގެ ޖޫނިއާ ކެޓެގަރީގެ ހީޓްތަކުންނެވެ. ޖޫނިއާ ބައިގައި 11 އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ ބުރު ކުރިއަށް ދިޔައީ ތިން ހީޓަކަށެވެ.
ފުރަތަމަ ހީޓުގައި ވާދަކުރީ މުލަކުގެ ދެ އެތުލީޓުން ކަމަށްވާ ޝައިހާން ހުސެއިން ސޮލާހާއި މުހައްމަދު ރަޖުވާން އަހުމަދު ފަޔާޒެވެ. ޖުމްލަ 6.60 ޕޮއިންޓު ހޯދައިގެން މި ހީޓްގެ އެއްވަނަ ހޯދީ ޝައިހާން އެވެ. ދެވަނައަށް ދިޔަ މުހައްމަދު ރަޖުވާން އަށް ލިބުނީ 4.97 ޕޮއިންޓެވެ.
ޖޫނިއާ ބައިގައި ދެވަނައަށް ސީޑް ކުރެވުނު ޔޫސުފް ކަޔާން ހަމްދާން ޒަކީ ވެސް ފުރަތަމަ ހީޓުގައި ވާދަ ކުރަން އޮތެވެ. ނަމަވެސް އޭނާއަށް މުބާރާތުގައި ބައިވެރި ނުވެވޭތީ، ޝައިހާން އާއި މުހައްމަދު ރަޖުވާން އަށް ވަނީ ދެވަނަ ބުރުން ފުރުސަތު ޔަގީން ވެފަ އެވެ. ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނަ އެތުލީޓަށް ތިންވަނަ ބުރުން ޖާގަ ލިބޭނެ އެވެ. ތިންވަނަ ބުރުން ޖާގަ ހޯދަން ދެން ތިބި ބައިވެރިންނަށް ޖެހޭނީ ރީ ކޮލިފައިން ބުރުގައި ވާދަ ކުރާށެވެ.
ފުރަތަމަ ހީޓަށް ފަހު، ދެވަނަ ހީޓް ފެށުމުގެ ކުރިން ވެސް މޫސުން ގޯސް ވުމުގެ ސަބަބުން ވަގުތުކޮޅަކަށް މުބާރާތް މެދުކަނޑާލި އެވެ.
ދެވަނަ ހީޓުގައި ވާދަ ކުރީ ތިންވަނައަށް ސީޑް ކޮށްފައިވާ ކަޔާން އަބްދުﷲ އަރީފް އާއި ފަސްވަނައަށް ސީޑް ކޮށްފައިވާ މުހައްމަދު އިނާން އަބްދުލް ހަންނާންގެ އިތުރުން މިދިޔަ އަހަރުގެ މުލީކޮޅު މުބާރާތުގެ ޖޫނިއާ އިވެންތްގެ ޗެމްޕިއަންކަން ހޯދި ޝާނިފް ޝަފީގުގެ އިތުރުން އަހުމަދު ރަޖުވާން އެވެ.
ޝާނިފް މި މުބާރާތުގައި ސީޑް ނުކުރެވުނީ، ފެބްރުއަރީ މަހު ބޭއްވި މިއަހަރުގެ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ގދ. ގައްދޫގައި އޮތް ކަޅެގަލެކޮޑާގައި ވާދަ ކޮށްފައި ނުވާތީ އެވެ.
ދެވަނަ ހީޓުގެ އެއްވަނަ ހޯދީ އިނާން އެވެ. އިނާން ވަނީ ޖުމްލަ 7.93 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔަ ޝާނިފް އަށް ލިބުނީ 5.46 ޕޮއިންޓެވެ. އަދި ތިންވަނައަށް ދިޔަ ކަޔާން އަށް ވަނީ 4.93 ޕޮއިންޓް ލިބިފަ އެވެ.
ތިންވަނަ ހީޓްގައި ވާދަކޮށްފައި ވަނީ ސައްޔިދު ސަލާހުއްދީނާއި އަހުމަދު އާލް އާދިލްގެ އިތުރުން ޔަސީން އަހުމަދު ނާޝިދާއި ޖުމާން މުހައްމަދެވެ. ޔަސީން އަކީ ވެސް ތިންވަނައަށް ސީޑް ކޮށްފައިވާ އެތުލީޓެކެވެ.
އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ކުޅެން ޖެހުމުން ކަޅެގަލެކޮޑާ މުބާރާތުގައި ވާދަ ނުކުރެވުނު ސައްޔިދު ވަނީ މި ހީޓުގައި ޖުމްލަ 10.50 ޕޮއިންޓް ހޯދައި، ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ 7.43 ޕޮއިންޓް ހޯދި ޔަސީން އެވެ. އާލް އަށް ލިބުނީ 2.97 ޕޮއިންޓެވެ.
ތިންވަނަ ބުރުން ޖާގަ ހޯދަން، ރީ ކޮލިފައިން ބުރު ކުރިއަށް ދާނީ ދެ ހީޓަކަށެވެ. ރީ ކޮލލިފައިން ގެ ކޮންމެ ހީޓެއްގައި ވެސް ދެ ބައިވެރިން ހިމެނޭއިރު، ތިންވަނަ ބުރަށް ދާނީ ހީޓްގެ އެއްވަނަ ހޯދާ އެތުލީޓުންނެވެ.
ރީ ކޮލިފައިންގެ ފުރަތަމަ ހީޓުގައި ވާދަ ކުރަން ޖެހެނީ އާލް އާއި އަހުމަދު ރަޖުވާން އެވެ. އަދި ދެވަނަ ހީޓުގައި ވާދަ ކުރާނީ ކަޔާން އަރީފް އާއި ޖުމާން އެވެ.
މުބާރާތުގެ އޯޕަން ކެޓެގަރީގައި 32 ރާޅާއެޅުންތެރިން ވާދަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ބުރު ކުރިއަށް ދާނީ އަށް ހީޓަކަށެވެ.
ހީޓް 1: ނަޖާހު މުހައްމަދު (ކަބޯ)، މުހައްމަދު އިނާން އަބްދުލް ހަންނާން، އަހުމަދު މިދުޝާން، ފަރުހާން އަލީ
ހީތް 2: އަބްދުﷲ އަރީފް، އިބްރާހިމް އައިމަން އާރިފް، އިބްރާހިމް ލަތީފް، ހަސަން އަރުޝަދު
ހީޓް 3: ހޫދު އަހުމަދު (ހޫބްޒް)، އަހުމަދު އަރުޒާން، އިބްރާހިމް ޒަކީ، އަލީ ރިޒާ
ހީޓް 4: ހުސެއިން އަރީފް (އިބޫ)، މުހައްމަދު އަތޫފް، ސާހް އަހުމަދު،އަލީ މަމްނޫން ޝާހިރު
ހީޓް 5: ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ނައުފަލް އަހުމަދު، ޝާނިފް ޝަފީގު
ހީޓް 6: ޖައިލަމް ނިޒާރު، ކަޔާން އަބްދުﷲ އަރީފް، ސައްޔިދު ސަލާހުއްދީން، މުހައްމަދު ނުސްރަތު
ހީޓް 7: މުހައްމަދު އިރުޝާދު (ބިއްލޫ)، އަހުމަދު އާގިލް (އަންމަޑޭ)، އަޒްލީ ނަސީމް، ޖުމާން މުހައްމަދު
ހީޓް 8: ހަސަން ނާސިހު (ޗިކާ)، އައިހަމް އަދުނާން، ޝައިހާން ހުސެއިން ސޮލާހު، އިސްމާއިލް ހަމީދު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީ
04 May 2023
މުލި ތީ ވަރަށް ހިތްގައިމު ރަށެއް.