ފުރަތަމަ ބުރުގެ ހީޓުގައި އަންމަޑޭ، ރާޅަކާ އަޅަނީ.-- ފޮޓޯ: އައިއެސްއޭ
01 ޖޫން 2023 - 11:44
އެލް ސަލްވަޑޯ ގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ މި އަހަރުގެ ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) ދެވަނަ ބުރަށް ދަތުރު ކޮށް ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
މިއީ މި މުބާރާތުގެ ދެވަނަ ބުރަށް ރާއްޖޭގެ ރާޅާއެޅުންތެރިއެއް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ރާއްޖޭން ޖަޕާނުގައި އޮތް ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރި ނަމަވެސް އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ފުރަތަމަ ބުރުގެ ހީޓުތަކުގެ ގަދަ ދޭއްގައި ނުހިމެނި، ވާދަ ކުރީ ރެޕޭޗާޖް އިވެންޓުގަ އެވެ.
މުބާރާތުގެ ހީޓްތައް ރޭ ފެށިއިރު، ރާއްޖޭން ފުރަތަމަ ދުވަހު ރާޅާ އެޅީ އަންމަޑޭ އެކަންޏެވެ. މެއިން އިވެންޓުގެ ހީޓް 11 ގައި އަންމަޑޭ ވަނީ މެކްސިކޯގެ ސަބެސްޓިއަން ހެނާންޑޭޒް އާއި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަދި އިންޑިއާގެ ސަންޖޭ ސެލްވަމާނީ (ސިވަރާޖު ބާބޫ) އާ ވާދަކޮށް ހީޓްގެ ދެވަނަ ހޯދައިފަ އެވެ.
އަންމަޑޭ ދެވަނަ ހޯދީ މި ހީޓުގައި ޖުމްލަ 6.36 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އެއްވަނައަށް ދިޔައީ 16.34 ޕޮއިންޓް ހޯދި ސަބެސްޓިއަން ހެނާންޑޭޒް އެވެ. ތިންވަނައަށް ދިޔަ ކެސްޕާ ހަމިންގާ އަށް 6.10 ޕޮއިންޓް ލިބުނުއިރު ސިވަރާޖު ބާބޫ އަށް ލިބުނީ 3.97 ޕޮއިންޓެވެ. ހަމިންގާ އާއި ސިވަރާޖު ބާބޫ އަށް ރެޕޭޗާޖް ބުރުގައި ވާދަ ކުރަން ޖެހިފައި ވާއިރު އަންމަޑޭ އާއި ހެނާންޑޭޒް ވަނީ މެއިން އިވެންޓުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
ދެވަނަ ބުރުގައި އަންމަޑޭ އަށް އޮތީ ވަރުގަދަ ހީޓެކެވެ. ހީޓު 6 ގައި އަންމަޑޭއާ އެކު ހިމެނެނީ ކޮސްޓަރިކާގެ ކާލޯސް މުނޯޒް އާއި އަޔަލެންޑުގެ ޖެކް ސްކޮޓް އަދި ތިން ފަހަރު ވޯލްޑް ސާފް ލީގު ކާމިޔާޞު ކޮށްފައިވާ ބްރެޒިލްގެ ގެބްރިއެލް މެޑީނާ އެވެ.
ފުރަތަމަ ބުރުގައި ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހޫދު އަހުމަދު (ހޫބްޒް) ވާދަކުރާ ހީޓު އޮތީ މިރެ އެވެ. ހޫދު 39 ވަނަ ހީޓުގައި ނުކުންނާނީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑްސްގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީ އާ ދެކޮޅަށެވެ. އަދި (ސްމައިލީ) ހީޓް 43 ގައި ވާދަކުރާނީ، މެކްސިކޯގެ އެލަން ކްލީލެންޑް އާއި ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް އާއި އިންޑިއާގެ ރަމޭޝް ބުދިހާލް އާ ދެކޮޅަށެވެ.
އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ވެސް ކޮލިފައި ވުމުގެ ފުރުސަތު އޮންނަ މި މުބާރާތުގައި 64 ގައުމަކުން 297 ރާޅާއެޅުންތެރިން ވާދަ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜާޅޭ
02 June 2023
ޢަލްޙަމްދުﷲ .