ކުޅިވަރު / ރާޅާއެޅުން

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: އަލޯހާ ކަޕުން ރާއްޖެއަށް ބްރޯންޒް މެޑަލް

އަލޯހާ ކަޕްގައި ވާދަކުރި ރާއްޖެ ޓީމްގެ އެތުލީޓުން، ކޯޗު ކްލައިޑް މާޓިން އާއެކު.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓު ކަމަށްވާ އަލޯހާ ކަޕުން ރާއްޖޭގެ ޓީމުން ބްރޯންޒް މެޑަލް ހާސިލް ކޮށްފި އެވެ.

އިއްޔެ މެންދުރު ކުރިއަށް ދިޔަ އަލޯހާ ކަޕް ހީޓިގައި ހަތަރު ގައުމަކުން ވާދަ ކުރި އެވެ. އެއީ ރާއްޖޭގެ އިތުރުން، ލެބަނަން އާއި ރިހި މެޑަލް ހޯދި ޖަޕާނާއި ރަން މެޑަލް ހޯދި ޗައިނާ އެވެ.

ރާއްޖޭގެ ޓީމުގައި ހިމެނުނީ ހުސެއިން އަރީފް (އިބޫ) އާއި އަހުމަދު އާގިލް (އަންމަޑޭ) ގެ އިތުރުން ހޫދު އަހުމަދު (ހޫބްޒް) އަދި އަންހެން ރާޅާއެޅުންތެރިޔާ މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ.

ގަޑިއިރަކަށް ދެމިގެން ދިޔަ ހީޓުގައި ކޮންމެ ރާޅާއެޅުންތެރިއަކަށް ވެސް ގިނަ ވެގެން ތިން ރާޅާއެޅުމުގެ ފުރުސަތު ލިބުނެވެ. ރާއްޖޭން ފުރަތަމަ އެޅީ އިބޫ އެވެ. އިބޫ ވަނީ އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް 1.50 އަކާއި 5.50 ޕޮއިންޓެއް ހޯދައިފަ އެވެ. އަންމަޑޭ ވަނީ އެންމެ ރަނގަޅު ދެ ރާޅަށް 4.73 އަކާއި 2.53 ޕޮއިންޓެއް ހޯދައިފަ އެވެ. އާޔާގެ ފުރަތަމަ ރާޅަށް 0.50 ޕޮއިންޓް ލިބުނުއިރު ދެވަނަ ރާޅުގައި 0.60 ޕޮއިންޓް ހޯދި އެވެ. އެންމެ ފަހުން އެޅި ހޫބްޒް ވަނީ 5.27 އަކާއި ހަ ޕޮއިންޓެއް ހޯދައިފަ އެވެ.

މިއާ އެކު ރާއްޖޭގެ ޓީމުން ބްރޯންޒް މެޑަލް ހޯދީ ޖުމްލަ 26.63 ޕޮއިންޓް ހޯދައިގެންނެވެ. ލެބަނަން އަށް ހަމަކުރެވުނީ 9.56 ޕޮއިންޓެވެ. ރިހި މެޑަލް ހޯދި ޖަޕާނުން 30.77 ޕޮއިންޓް ހޯދި އިރު، ޗައިނާ ރަން މެޑަލް ހޯދީ 38.70 ޕޮއިންޓް ހޯދައިގެންނެވެ.

ރެޕޭޗާޖް އިވެންޓުގައި އާޔާ، ފުކޫ، ހޫބްޒް، އަންމަޑޭ އަދި މުއީން ކުރިއަށް

ފިރިހެން އޯޕަން ޑިވިޝަންގެ ރެޕޭޗާޖް 3 އާއި އަންހެން އޯޕަން ޑިވިޝަންގެ ރެޕޭޗާޖް 1 ގެ ހީޓްތައް ވެސް އިއްޔެ ހެނދުނު ކުރިއަށް ގެންގޮސްފައި ވެއެވެ.

ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިޔާ އާޔާ ވަނީ އިއްޔެގެ ފުރަތަމަ ހީޓުގައި ވާދަކޮށް، އަންހެން ޑިވިޝަންގެ ރެޕޭޗާޖް 2 އިން ފުރުސަތު ހޯދައިފަ އެވެ. އާޔާ ވަނީ އޭނާ ވާދަކުރި ހީޓުގައި އެޅި ހަމައެކަނި ރާޅަށް ތިން ޕޮއިންޓް ސްކޯ ކޮށްގެން، ލެބަނަންގެ ލޭނާ ކާމިލް އައްލާމް އާއި ލީނާ ކަމާލް އަބްދުލް ނޫރު ފަހަތަށް ޖައްސާލައި ހީޓްގެ ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ 7.50 ޕޮއިންޓް ހޯދި ޖަޕާނުގެ ރިކާ ޝޯޖީ އެވެ.

ފިރިހެން ރެޕޭޗާޖް 3 ގައި ތިން ހީޓް ކުރިއަށް ދިޔައެެވެ. ފުރަތަމަ ހީޓްގައި އަބްދުﷲ އަރީފް (ފުކޫ) ވަނީ 10.33 ޕޮއިންޓާ އެކު ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ 13.50 ޕޮއިންޓް ހޯދި އިންޑިއާގެ ރަމޭޝް ބުދިހާލް އެވެ.

ދެވަނަ ހީޓުގައި ވާދަކޮށް ހޫބްޒް ދެވަނަ ހޯދީ، ތިންވަނައަށް ދިޔަ ޗައިނީޒް ޓައިޕޭގެ ޖޯން ޖޯން ޗާން އަށް ވުރެ ޖުމްލަ 0.14 ޕޮއިންޓް އިތުރަށް ހޯދައިގެން 9.67 ޕޮއިންޓާއެކު އެވެ. މި ހީޓްގެ އެއްވަނަ ހޯދީ އިންޑިއާގެ އަޖީޝް އަލީ އެވެ.

ފަހު ހީޓުގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ހިމެނުނެވެ. ޖުމްލަ 11.50 ޕޮއިންޓާ އެކު މި ހީޓްގެ އެއްވަނަ ހޯދީ އަންމަޑޭ އެވެ. ދެވަނަ ހޯދީ 8.80 ޕޮއިންޓް ހޯދި އާދަމް މުއީން އިބްރާހިމް އެވެ. އިންޑިއާގެ ސަންޖޭ ސެލްވަމާނީ އަށް 7.96 ޕޮއިންތް ލިބުނުއިރު ރާއްޖޭގެ ޖައިލަމް ނިޒާރަށް މި ހީޓްގައި ލިބުނީ 7.06 ޕޮއިންޓެވެ.

މިއާ އެކު ފިރިހެން އޯޕަން ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ އަށް ރާޅާއެޅުންތެރިންގެ ތެރެއިން ޖައިލަމް އަށް މިވަނީ މުބާރާތް ނިމިފަ އެވެ. ރެޕޭޗާޖް 3 އިން ކާމިޔާބު ހޯދައިގެން ފުކޫ އާއި ހޫބްޒް އަދި އަންމަޑޭ އާއި މުއީން މިވަނީ ރެޕޭޗާޖް 4 އަށް ދަތުރު ކޮށްފަ އެވެ. ރެޕޭޗާޖް 4 ގައި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި ހަސަން ނާސިހު (ޗިކާ) ވެސް ވާދަކުރާނެ އެވެ.

އިބޫ އަދިވެސް ވާދަކުރަނީ މެއިން އިވެންޓުގަ އެވެ. އޭނާ އަށް ކުރިއަށް އޮތީ މެއިން އިވެންޓުގެ ހަތަރުވަނަ ބުރުގެ ހީޓެވެ. މި ހީޓުގައި އޭނާ ވާދަކުރާނީ ޖަޕާނުގެ ރިކީ ސަޓޯ އާއި އިއްކޮ ވަޓަނަބޭ އާއެކު އެވެ.

ރެޕޭޗާޖް 4 ގައި އަންމަޑޭ އާއި އޭނާގެ ބޭބެ ޗިކާ އެއް ހީޓެއްގައި

ހީޓް 1: އާދަމް މުއީން އިބްރާހިމް، ޒިހާއޯ ވޫ (ޗައިނާ)، ސިވަރާޖް ބާބޫ (އިންޑިއާ)، ރަމޭޝް ބުދިހާލް (އިންޑިއާ)

ހީޓް 2: އިސްމާއިލް މިގްލާލް، ހޫދު އަހުމަދު، ލަކްޝިތާ މަދުޝާން (ސްރީލަންކާ)، އަޖީޝް އަލީ (އިންޑިއާ)

ހީޓް 3: އަހުމަދު އާގިލް، ހަސަން ނާސިހު، އަބްދުﷲ އަރީފް، ކަނަޕަތީ ރަމޭޝް ޖޭ ހޭލާ (ސްރީލަންކާ)

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454