އަންމަޑޭ، އިއްޔެގެ ހީޓު ނިންމައި ކުއާޓާގެ ޖާގަ ޔަގީން ކުރުމަށް ފަހު.--
31 ޖުލައި 2023 - 08:48
ދިވެހި ސާފް ލީގުގެ "ރަންދާ ރާޅުގަނޑު" މުބާރާތުގައި، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އެޅި ރާޅަކަށް ފުރިހަމަ 10 ޕޮއިންޓް ލިބިއްޖެ އެވެ.
ރާޅަކަށް ލިބޭ އެންމެ މަތީ މާކްސްއަކީ 10 ޕޮއިންޓެވެ. މިއީ ރާޅާއެޅުމުގެ ތާރީހުގައި ވެސް މުބާރާތަކުން ދިވެހި ރާޅާއެޅުންތެރިއެއްގެ ރާޅަކަށް ފުރިހަމަ ޕޮއިންޓް ލިބުނު ފުރަތަމަ ފަހަރެވެ. އަންމަޑޭ އެ ޝަރަފް ހޯދީ އޭނާގެ އުފަން ރަށް ކަމަށްވާ ކ. ތުލުސްދޫގަ އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ޕެރީ ހެޗެޓް، އިސް ފަނޑިޔާރުގެ ގޮތުގައި ހަރަކާތްތެރިވާ ލީގުގެ ފަނޑިޔާރުންގެ ޕެނަލްގައި ރާއްޖޭގެ ތަޖުރިބާކާރު ސާފިން ފަނޑިޔާރުން ހަރަކާތްތެރި ވެ އެވެ.
އަންމަޑޭ ވަނީ އޯޕަން ޑިވިޝަނުގެ ހަތަރުވަނަ ހީޓްގައި ވާދަކޮށް، ޖުމުލަ 18.67 ޕޮއިންޓް ހޯދައިގެން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އޭނާގެ ދެވަނަ ރާޅަށް 10 ޕޮއިންޓް ހޯދި އިރު، ޖެހިގެން އެޅި ރާޅުގައި 8.67 ޕޮއިންޓް ހޯދި އެވެ. އަންމަޑޭގެ ފަހަތުން ހީޓްގެ ދެވަނައިގައި ކުއާޓާ އަށް ދިޔައީ 8.83 ޕޮއިންޓް ހޯދި ސައްޔިދު ސަލާހުއްދީނެވެ. މުހައްމަދު ފަޔާޒް (ޕެލޭ) އަށް ލިބުނީ 3.83 ޕޮއިންޓެވެ.
ކުއާޓާ ފައިނަލްގައި ހަތަރު ހީޓް އޮންނާނެ އެވެ. ކޮންމެ ހީޓެއްގައި ވެސް ވާދަ ކުރާނީ ދެ އެތުލީޓުންނެވެ. ސެމީ އަށް ދާނީ އެ އިން ކޮންމެ ހީޓެއް ކާމިޔާބު ކުރާ ރާޅާއެޅުންތެރިއެކެވެ.
އަންމަޑޭ ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހެނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ހަސަން ނާސިހު (ޗިކާ) އާ ދެކޮޅަށެވެ. އަންމަޑޭއާ އެކު ކުއާޓާ އަށް ދިޔަ ޖޫނިއާ ރާޅާއެޅުންތެރިޔާ ސައްޔިދު ވާދަ ކުރަން ޖެހޭނީ ލެޖެންޑް ހުސެއިން އަރީފް (އިބޫ) އާ އެވެ.
ފަސްވަނަ ބުރުގެ ތިންވަނަ ހީޓްގައި ވާދަކޮށް އިބޫ އެއްވަނަ ހޯދީ 14.33 ޕޮއިންޓް ހޯދައިގެންނެވެ. ހީޓްގެ ދެވަނަ ލިބުނީ 9.83 ޕޮއިންޓް ހޯދި ޗިކާ އަށެވެ. ތިންވަނައަށް ދިޔަ އަހުޒަމް އިބްރާހިމް އަށް ލިބުނީ 7.90 ޕޮއިންޓެވެ.
ކުއާޓާ ފައިނަލްގައި ގދ. ގައްދޫގެ ދެ ރާޅާއެޅުންތެރިން ކަމަށްވާ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ނަޖާހު އަހުމަދު (ކަބޯ) ގެ ކުރިމަތިލުމެއް ވެސް ފެނިގެން ދާނެ އެވެ.
• ހީޓް 1: އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)، މުހައްމަދު ޒަޔާން (ޗޮއްޕު)
• ހީޓް 2: އިސްމާއިލް ރަޝީދު (ސްމައިލީ)، ނަޖާހު މުހައްމަދު (ކަބޯ)
• ހީޓް 3: ހުސެއިން އަރީފް (އިބޫ)، ސައްޔިދު ސަލާހުއްދީން
• ހީޓް 4: އަހުމަދު އާގިލް (އަންމަޑޭ)، ހަސަން ނާސިހު (ޗިކާ)
މިދިޔަ އަހަރު ގައްދޫގައި އޮތް ލީގުގެ ފުރަތަމަ މުބާރާތުގައި ޗެމްޕިއަންކަން ހޯދުމަށް ފަހު ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަންގެ ބާކީ ބައިގައި ސްމައިލީއަށް އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ. ނަމަވެސް މިއަހަރު އޮތް ގައުމީ ޓީމުގެ ސިލެކްޝަން ޓްރަޔަލްސް އޭނާ ކާމިޔާބު ކުރި އެވެ. މިއަހަރުގެ ގައްދޫ މުބާރާތް ދިފާއު ކުރަން ނުކުތް ނަމަވެސް ފައިނަލުގައި އޭނާ ބަލިކުރީ ކަބޯ އެވެ.
ސްމައިލީ ވަނީ ފަސްވަނަ ބުރުގައި ވާދަކުރި ހީޓުގައި 11.50 ޕޮއިންޓް ހޯދައިގެން ކާޟިޔާޞު ކޮށްފަ އެވެ. ދެވަނައަށް ދިޔައީ 5.43 ޕޮއިންޓް ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. މުހައްމަދު އިރުޝާދަށް ލިބުނީ 4.83 ޕޮއިންޓެވެ.
ފަސްވަނަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ކަބޯ އަށް ލިބުނީ ދެވަނަ އެވެ. ދެވަނަ ހޯދީ 9.67 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ހީޓްގެ އެއްވަނަ ހޯދީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ތިންވަނައަށް ދިޔަ ކަޔާން އަބްދުﷲ އަރީފް އަށް ލިބުނީ 7.67 ޕޮއިންޓެވެ.
ކުރީގެ ގައުމީ ޗެމްޕިއަން ކުޑަ އިއްސެ، ކުއާޓާ ފައިނަލްގައި ވާދަކުރާނީ ޖޫނިއާ ރާޅާއެޅުންތެރިޔާ ޗޮއްޕު އާ ދެކޮޅަށެވެ. ޖޫނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ ޗޮއްޕު އަށް މިއީ، ޖޫނިއާ ކެޓެގަރީގައި ވާދަ ކުރެވޭ ފަހު އަހަރެވެ. މިއަހަރުގެ ގައްދޫ މުބާރާތުގައި ޖޫނިއާ ޗެމްޕިއަންކަން ހޯދުމަށް ފަހު އަނިޔާއަކާ ގުޅިގެން، މުލީކޮޅު ރާޅުގަނޑާއި ގާމާދޫކޮޅު މުބާރާތުގައި ވެސް އޭނާ ވާދަ ކޮށްފައެއް ނުވެ އެވެ.
ރަންދާ ރާޅުގަނޑުގައި ލީގުގެ ޖޫނިއާ ޑިވިޝަންގައި ޖުމްލަ ނުވަ ރާޅާއެޅުންތެރިން ވާދަ ކުރާއިރު، އިއްޔެގެ ހީޓްތަކަށް ފަހު ވަނީ ސެމީ ފައިނަލަށް ކުދިން ހޮވިފަ އެވެ.
ސެމީގެ ފުރަތަމަ ހީޓުގައި ވާދަ ކުރާނީ ކަޔާން އަބްދުﷲ އަރީފް އާއި ސައްޔިދު ސަލާހުއްދީނެވެ. އަދި ދެވަނަ ހީޓުގައި ވާދަ ކުރާނީ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
ކަޔާން އަރީފް ސެމީ އަށް އައީ އިއްޔެގެ ކުއާޓާގެ ހީޓުގައި 9.83 ޕޮއިންޓް ހޯދައިގެން 6.17 ޕޮއިންޓް ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސައްޔިދު ކުއާޓާގެ ހީޓުގައި ވަނީ 11.67 ޕޮއިންޓް ސްކޯ ކޮށްގެން ޔަސީން އަހުމަދު ނާޝިދު ފަހަތަށް ޖައްސާލައިފަ އެވެ. ޔަސީން އަށް ލިބުނީ ޖުމްލަ 8.54 ޕޮއިންޓެވެ.
އިނާން ސެމީ އަށް ދަތުރު ކުރީ ނޫހް މުހައްމަދު ދުނައިމް އިރުޝާދާ ވާދަކޮށް ޖުމްލަ 9.83 ޕޮއިންޓް ހޯދައިގެންނެވެ. ނޫހު އަށް ލިބުނީ 5.10 ޕޮއިންޓެވެ. ކުއާޓާގެ ފަހު ހީޓު ކަޔާން ޒަކީ ކާމިޔާބު ކުރީ 0.76 ޕޮއިންތްގެ ތަފާތަކުންނެވެ. ކަޔާން ޒަކީ ޖުމްލަ 7.93 ޕޮއިންޓް ހޯދި އިރު، ޝާނިފް ޝަފީގަށް ހޯދުނީ 7.17 ޕޮއިންޓެވެ.
ޝާނިފް އާއި ޗޮއްޕު ވެސް ކުއާޓާ އަށް ދިޔައީ، ފުރަތަމަ ބުރަށް ފަހު އޮތް ރީކޮލިފައިން ހީޓުންނެވެ. ތިން ރާޅާއެޅުންތެރިން ވާދަކުރި ރީކޮލިފައިން ހީޓު ކާމިޔާބު ކުރީ 10.83 ޕޮއިންޓް ހޯދި ޝާނިފް އެވެ. ޗޮއްޕު އަށް ހޯދުނީ 6.17 ޕޮއިންޓެވެ. އެ ހީޓުން ތިންވަނައަށް ދިޔައީ އަހުމަދު އާލް އާދިލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy