18 އޯގަސްޓް 2024 - 12:03
ރާއްޖޭގައި ކުރިން ބައެއް މީހުން ގަބޫލުކުރީ ރާޅާއަޅަން ދަނީ ވަކަރުގޭ ކުދިން ކަމަށެވެ. އެއީ ނުކިޔާ މަގުމައްޗަށް ބޮޑުވާ ކުދިން ކަމަށް ވެސް އެއް ބަޔަކު ސިފަކުރި އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ދިވެހި ސާފަރުން އަންނަނީ ސާބިތުކޮށްދެމުންނެވެ.
މިދިޔަ ހަފުތާގައި ދޫކުރަން ފެށި އޯ ލެވެލް ނަތީޖާ ބަލާ އުއްމީދީ ސާފަރު ސައްޔިދު ސޮލާހުއްދީން ދިޔައީ އެ އުއްމީދުގަ އެވެ. ރާޅާއަޅާ މީހުންނާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބުތޯ ބަލާށެވެ. ނަތީޖާ ވަރަށް ރަނގަޅަށެވެ. އިސްކަންދަރު ސްކޫލުގައި ކިޔެވި ސައްޔިދު އޯ ލެވެލްގެ ގަދަ 10 ގެ ހަ ވަނަ ހޯދީ އޭ ފާސްތަކުންނެވެ.
ރާޅުތަކުގެ ތެރެއަށް ދެވިހިފާފައިވާ ސައްޔިދު އޯ ލެވެލް އިން ހަތަރު އޭ ސްޓާ، ތިން އޭ އަދި ބީ ފާހެއް ހޯދި އެވެ. ބައެއް އެހެން ދަރިވަރުން ފޫހި މާއްދާއެއްގެ ގޮތުގައި ބަލާ އިސްލާމް މާއްދާއިން އޭނާ އޭ ހޯދި އެވެ. އެކަމަކު ދިވެހިން ލިބުނީ ބީ އެކެވެ.
އޯ ލެވެލްގައި އޭނާ ހޯދި ނަތީޖާ، ސާފިން ކޮމިޔުނިޓީން ބަލައިގަތީ އެ ކުޅިވަރަށް ވެސް ބޮޑު އުފަލެއްގެ ގޮތުގަ އެވެ. އޭނާގެ އެ ކާމިޔާބު ފާހަގަކުރަން ގައުމީ ސާފިން ޓީމުން ހަފުލާއެއް ބާއްވި އެވެ.
"ސަޕްރައިޒެއްގެ ގޮތުގައި އެކަން ރޭވީ. ކޭކު ފަޅައި އެ ސެލްބްރޭޝަން ޓީމު ތެރޭގައި އޮތް،" އޭނާގެ އޯ ލެވްލް ނަތީޖާ ފާހަގަ ކުރަން ބޭއްވި ކުޑަކުޑަ އިވެންޓާ ބެހޭގޮތުން ސައްޔިދު ބުންޏެވެ.
ސައްޔިދު ބުނި ގޮތުގައި ރާޅާ އަޅަންދަމުން ނުކިޔެވޭނޭ ބައެއް މީހުން އޭނާގެ ގާތުގައި ބުންޏެވެ.
"ފުރަތަމަ އެހާ ވަރަކަށް ކިޔަވާކަށް ނުވެސް އުޅެވުނު. ބައެއް މީހުން ބުނި ކިޔެވުމަށް ފޯކަސް ކުރާށޭ. ގްރޭޑް ނުވަޔަކުން ފެށިގެން ބޮޑަށް ކިޔަވަން ފެށީ ވެސް،" ބުންޏެވެ.
އެކަމަކު [އޯލެވެލް] އެކްޒާމް ނިންމާލިއިރު ވެސް އަޅުގަނޑަށް އޮތް އުންމީދު ޓޮޕް ޓެން އަށް ވަދެވޭނެކަން. އެއީ އެހާ މަސައްކަތް ކުރެވުނީމަ."
މިދިޔަ ހަފުތާގައި ލިބުނު އޯ ލެވެލް ނަތީޖާގެ އުފާފާޅުކުރުންތަކަށް ފަހު އޭނާ އަށް މިއަދު އޮތީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރަސްމީ އިވެންޓްތަކެވެ.
ސައްޔިދު ބުނީ އޯ ލެވެލް ނަތީޖާ އަކީ ސާފިން ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު އޭނާ އަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ސާފަރު ހުސައިން އަރީފް (އިބޫ) ގެ ކޯޗުކަމުގެ ދަށުން މުބާރާތަށް ތައްޔާރުވާން ކުރި މަސައްކަތާ އެކު ރާއްޖޭން މި ފަހަރު ތިބީ ބޮޑު އުއްމީދެއްގަ އެވެ. ހާއްސަކޮށް މިފަހަރުގެ މުބާރާތުން 2026 ގެ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭތީ މުބާރާތާ މެދު ދިވެހި އެތުލީޓުންގެ އުއްމީދު މައްޗެވެ.
މިދިޔަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަށް ފަހު މި އަހަރުގެ މުބާރާތަށް ތައްޔާރުވާން މަސައްކަތް ފެށި ކަމަށް ސައްޔިދު ބުންޏެވެ.
ޒުވާން ގައުމީ ޓީމުގައި ދެން ހިމެނެނީ ޔަސިން އަހުމަދު ނާޝިދު، ޔޫސުފް ކަޔާން ހަމްދާން ޒަކީ، ކަޔާން އަބްދުالله އަރީފް، އަހުމަދު ޒަޔާން އަދި މުހައްމަދު އިނާން އަބްދުލް ހަންނާނެވެ. މި އެތުލީޓުންގެ ކެޕްޓަނެއްގެ ގޮތުގައި ސައްޔިދަށް އޮތީ ބޮޑު ޒިންމާއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބީ
19 August 2024
ދިވެހި އިސްލާމުން ކުދިންނަށް ދަށް ގޭޑް ލިބުމުގެ ޒިންމާ ޖެހޭނެ އެޑިއުކޭޝަން އިން ނަގަން.
ބަރާބަރު މިސާލެއް
19 August 2024
މަރުހަބާ. ވަރަށް ރަނގަޅު މިސާލެއް. މައިންބަފައިންވެސް ޤަބޫލުކުރަންވީ، ކުޅިވަރާ އަދި ކަސްރަތާ އިތުރު ޙަރަކާތްތަކުގައި އުޅުމަކީ ކުދިންގެ ވިސްނުމާ ފިކުރު ތާޒާކޮށް ޖިސްމާނީ އަދި ނަފުސާނީގޮތުންވެސް ފައިދާ ކުރާކަންކަން ކަމުގައި. މި ކަންކަމާ ކިޔެވުމާ އެކުގައި ރަނގަޅަށް ވަގުތުބަހާލއިގެން ކުރީމާ ހަމަ ހެޔޮ ނަތީޖާ ލިބޭނެ . ކުއްޖާ ކިޔެވުމަށްގޮސް ހުސްކޮށް އެނޫންކަމެއް ކުރިޔަނުދީ ގެންގުޅުމަކީ އެންމެ ރަނގަޅުގޮތެއް ނޫން
ޖޫދާ
19 August 2024
ރަނގަޅު ވާހަކައެއް
ސަމުގާ
18 August 2024
މިކުއްޖާފުޅު ހުރި ގޮތް ލޯބިކަން ވެސް ދެކެބަލަ. ރީތިކޮށް ބޯކޮށާފައި. ނަނުބުރިއާއި ފަލަ ތަކަހޮޅިތަކުން އަތާއި ފަޔާއި ކަރުވެސް މިނިވަން. ތިޔަގޮތަށް ކުރިއަށް. ކުޅިވަރާއި ކިޔެވުމުންވެސް ކާމިޔާބަށް އެދެން.
ކަރަމް
19 August 2024
ތި ހަމައެކަނި ތިތާގައި ކިރިޔާވެސް އަހްލާގެއްހުރި ކުއްޖަކީ.. އެއްމެ ފަހުން ބޭއްވި މުބާރާތުގައި މުއްޔަށްގޮސް ސީނިއަރ ސާފަރުން އުޅުނުގޮތުން ލަދުންބޯހަލާކު، އެކޮޕީކުރަމުން ޖޫނިއަރ ކުދިންމިދަނީ..
މަރްހަބާ
18 August 2024
މާޝާ ﷲ. ސައްޔިދަށް މަރްހަބާ. ސައްޔިދަށް އަބަދުވެސް ކާމިޔާބީއަށް އެދެން. މާޝާ ﷲ. ރީމާ އަކީ ނަމޫނާ މަންމައެއް.
ނޫނު
18 August 2024
އެމޭޒިންގް! ވެލް ޑަން
އާލީ
18 August 2024
ރާއްޖޭގެ ބައެއް މީހުން އެގޮތަށް ގަބޫލް ކުރަނީ އެއީ ހަގީގަތެއްކަމަށްވާތީ އެކަމަކު މިހާރު އެހަގީގަތް މަޑުމަޑުން ބަދަލުވަމުންދާކަމީ ހަގީގަތެއް. ދާއިރާއަށް ލޯބި ހޯދައި މީހުން ބަލައިގަންނަ ކުޅިވަރަކަށް ހަދަން ކުރަންޖެހޭކަންތައްތައް ވަރަށް ގިނަ މިސާލީ އަޅުގަނޑުމެން ވަކިކަމެއް ކުރަންޏާ ބޭރުގައި އެކަންކުރާ މީހުން ޖައްސާހައި ސިފަތަކާއި ވައްތަރުތައް ޖެއްސުން އެއީ މަޖުބޫރުކަމަށް ހަދައިގެން އެކަންކުރާނަމަ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާމަށް އޭގެ ގެއްލުންވާނެ