ކުޅިވަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ވޯލްޑް ކަޕް ބިޑު ކާމިޔާބުކުރުމުން ރައީސްގެ މަރުހަބާ ސައޫދީ އަށް

ރައީސް ޑރ. މުއިއްޒު ސައޫދީ އަށް ކުރެއްޒި ޒިޔާރަތުގައި އެ ގައުމުގެ އިސް އޮފިޝަލާ އެކު. – ފޮޓޯ: ރައީސް އޮފީސް

12 ޑިސެމްބަރ 2024 - 13:05

ފީފާ ވޯލްޑް ކަޕް 2034 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ސައޫދީ އަރަބިއްޔާ އިން ހޯދުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުﷲ އަޒީޒަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަށާއި، އެ ގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް 2034 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ސައޫދީ އަށް ދިނީ އިއްޔެ ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާ އިން ބޭއްވި ފީފާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.

ރޭ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ކާމިޔާބީއަކީ ސައޫދީ އަރަބިއްޔާގެ ހައިބަތާއި ގަދަރު ދުނިޔޭގައި އުފުލެމުންދާ ކަމުގެ ހެއްކެއްކަމަށާއި، އަދި ބައިނަލްއަގްވާމީ މައިދާނުގައި އެ ގައުމުގެ ސާބިތުކަމާއި، ހަރުދަނާ ސިޔާސަތާއި އިސްނެގުމުގެ ދިރިހުރި މިސާލެއް ކަމަށެވެ.

"މިއީ ސައޫދީ އަރަބިއްޔާގެ އިތުރުން، އަރަބި ކަރަޔަށާއި އަދި މުޅި އިސްލާމީ އުންމަތަށް ލިބުނު ފަހުރެއް،"

ރައީސް ވަނީ މި މުބާރާތަކީ އެއްބައިވަންތަކަމާއި ސަގާފަތާއި ފަންނިއްޔާތާއި އީޖާދުތަކުގެ ރޮނގުންވެސް ދުނިޔެއަށް މުޅީން އައު ކަންތައްތަކެއް ދައްކުވައިދޭނެ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ 10 އަހަރު ފަހުން 2034 ގައި އޮންނަ ވޯލްޑް ކަޕް ބާއްވަން ފީފާ އިން ފުރުސަތު ދީފައި އޮތީ އޭޝިއާ އާއި އޯޝެނިއާގެ ގައުމުތަކަށެވެ. އެ ފުރުސަތު ހޯދުމަށް ކުރިމަތިލީ އޮސްޓްރޭލިއާ އިން ބިޑު އަނބުރާ ގެންދިއުމުން ސައޫދީ އަށް ކުރިން ވެސް އޮތީ ނުރަސްމީކޮށް ބިޑު ކާމިޔާބުވެފަ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައޫދީ ވެގެންދާނީ ވޯލްޑް ކަޕް ބާއްވާ އަރަބި ތިން ވަނަ ގައުމަށެވެ. ފުރަތަމަ ގައުމަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ގަތަރެވެ. އަދި ސައޫދީ ވެގެންދާނީ ވޯލްޑް ކަޕް ބާއްވާ އިސްލާމީ ދުނިޔޭގެ ތިން ވަނަ ގައުމަށެވެ. ގަތަރުން ފުރަތަމަ ހޯދި އެ ޝަރަފް ދެ ވަނަ އަށް ހޯދާނީ 2030 ގެ މުބާރާތުގެ އެއް ހޯސްޓް މޮރޮކޯ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައޫދީގައި ބާއްވާ ވޯލްޑް ކަޕް 2035 ގެ ޖެނުއަރީ އަށް ވެސް ފަސްކޮށްފާނެ އެވެ. އެއީ ނޮވެމްބަރު/ ޑިސެމްބަރު މަސް ރޯދަމަހާ ދިމާވާތީ އެވެ. އާއްމުކޮށް ވޯލްޑް ކަޕް ބާއްވާ ޖޫން/ ޖުލައި އަކީ ސައޫދީގެ ހޫނުމޫސުން ކަމުން އެ ދުވަސްވަރު އެ ގައުމުގައި ވޯލްޑް ކަޕް ނުބޭއްވޭނެ އެވެ. މެދުއިރުމަތީގައި މީގެ ކުރިން ބޭއްވި ވޯލްޑް ކަޕް ގަތަރުގައި ކުރިއަށް ގެންދިޔައީ ވެސް ނޮވެމްބަރު/ ޑިސެމްބަރު ގަ އެވެ.

ސައޫދީގެ ބިޑު ފޮތުގައިވާ ގޮތުން މުބާރާތް ބާއްވާނީ ފަސް ސިޓީއެއްގަ އެވެ. އެއީ ވެރިރަށް ރިޔާދް، ޖިއްދާ، އަލް ޚޮބަރް، އަބްހާ، އަދި ނައޫމް އެވެ. މުބާރާތް ކުރިއަށް ގެންދާނީ 15 ސްޓޭޑިއަމެއްގައި ކަމަށް ވެސް އޭގައި ވެ އެވެ. އޭގެ ތެރެއިން 11 ސްޓޭޑިއަމަކީ މުޅިން އަލަށް ބިނާކުރާ ތަންތަނެވެ. ބެލެވޭ ގޮތުގައި ހުޅުވާ މެޗާއި، ފައިނަލް މެޗު އޮންނާނީ ރިޔާދުގައި ހުންނަ ކިންގް ސަލްމާން ސްޓޭޑިއަމުގަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454