23 ޖޫން 2025 - 11:06
އޮވިއޭޑޯ (ޖޫން 23) - އުމުރުން 40 އަހަރުގެ ސްޕެއިންގެ މިޑްފީލްޑަރު ސަންޓި ކަޒޯލާ ކުޅެމުން އަންނަ، ރެއާލް އޮވިއޭޑޯ، 24 އަހަރަށް ފަހު ސްޕެނިޝް ލަލީގާއަށް ޕްރޮމޯޓް ކޮށްދީފި އެވެ.
ސްޕެއިންގެ ދެ ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ އޮވިއޭޑޯ ޕްރޮމޯޝަން ހޯދީ، ޕްލޭއޮފް ފައިނަލްގައި 3-2 ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 1-0 އިން ބަލިވި ނަމަވެސް ދެ ވަނަ ލެގުގައި ހޮނިހިރު ދުވަހުގެ ރޭ އޮވިއޭޑޯގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކަޒޯލާ އެވެ.
ޕެނަލްޓީއަކުން ފުރަތަމަ ހާފުގައި ކަޒޯލާ އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިން އިރު، މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ގޯލަކުންނެވެ. ކެޕްތަން ކަޒޯލާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން 72 ވަނަ މިނިޓު ކުޅެފަ އެވެ.
ކަޒޯލާ ވަނީ އުމުރުން އަށް އަހަރުގައި އޮވިއޭޑޯގެ ޔޫތު ޓީމާ ގުޅިފަ އެވެ. ނަމަވެސް އޭގެ 10 އަހަރު ފަހުން އޭނާއަށް ޖެހުނީ ކްލަބް ބަދަލުކުރާށެވެ. ވިޔަރެއާލަށް ބަދަލުވެ، އެ ޓީމުގެ އިތުރުން މަލާގާ އާއި އާސެނަލްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކަޒޯލާ ވަނީ ސްޕެއިން ގައުމީ ޓީމަށް ވެސް 81 މެޗު ކުޅެދީފަ އެވެ.
ގަތަރު ސްޓާ ލީގުގައި ވެސް ކާމިޔާބީތަކެއް ހޯދުމަށް ފަހު މީގެ ދެ އަހަރު ކުރިން ކަޒޯލާ އެނބުރި އޮވިއޭޑޯއަށް ބަދަލުވީ އެ ޓީމަށް ހިލޭ ކުޅެދޭން ތައްޔާރުވެގެންނެވެ. ނަމަވެސް ލީގުގެ ގަވާއިދުގައިވާގޮތުން ހިލޭ ކުޅުމަކީ ހުއްދަ ކަމެއް ނޫނެވެ.
"އަހަރެން ކުޅެދޭނަން ހިލޭ، އެކަމަކު އެކަން އަހަރެންނަށް ހުއްދައެއް ނޫން،" މިހާތަނަށް އެކި އަނިޔާތަކާ ގުޅިގެން 10 ސާޖަރީއެއް ހަދާފައިވާ ކަޒޯލާ ބުނެފައިވެ އެވެ.
ހިލޭ ކުޅުމުގެ ހުއްދަ ނެތުމުގެ ސަބަބުން ކަޒޯލާ ކުޅެމުން އައީ ދެ ވަނަ ޑިވިޝަންގެ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ، އަހަރަކު 91،000 ޔޫރޯގެ މުސާރައަކަށެވެ. ލަލީގާގެ މިނިމަމް ވޭޖަކީ އަހަރަކު 182،000 ޔޫރޯ އެެވެ.
އޮވިއޭޑޯގެ ސީނިއާ ޓީމާ އެކު ފުރަތަމަ ސީޒަންގައި ވެސް ވަނީ ލީގުގެ ގަދަ 6 ގައި ހިމެނިގެން ޕްލޭއޮފް ކުޅެފަ އެވެ. އެ ފަހަރު ފައިނަލުން އެސްޕަނިޔޯލާ ވާދަކޮށް ބަލިވި ނަމަވެސް މިއަހަރުގެ ފައިނަލް ކާމިޔާބު ކޮށްގެން މިވަނީ 2001 ވަނަ އަހަރަށް ފަހު އަލުން ލަލީގާއަށް ޕްރޮމޯޓްވެފަ އެވެ.
އޮވިއޭޑޯގެ އިތުރުން ލަލީގާއަށް ޕްރޮމޯޓްވީ، ލެވަންޓޭ އާއި އެލްޗޭ އެވެ. މިދިޔަ ސީޒަންގައި ރެލިގޭޓްވީ ލެގަނީސް އާއި ލަސް ޕާމާސް އަދި ވަލަޑޮލިޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy