ކުޅިވަރު / ކްލަބް ވޯލްޑް ކަޕް

އުމުރުން 44 އަހަރުގެ ކީޕަރު ކްލަބް ވޯލްޑް ކަޕްގައި

ގުރޫޕް ސްޓޭޖުގައި ކޮރެއާގެ އުލްސާންއާ ދެކޮޅަށް ކުޅުނު މެޗުގައި ފަބިއޯ.-- ފޮޓޯ: އޭއެފްޕީ

02 ޖުލައި 2025 - 08:40

މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ މޮޅު ސޭވްތަކާ އެކު ބްރެޒިލްގެ ފްލުމިނޭސީ، މުޅިން އާ ފޯމެޓަށް ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވަރުގަދަ ކްލަބްތައް ފަހަތަށް ޖައްސާލައި، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފްލުމިނޭސީގެ ކެޕްޓަން އުމުރުން 40 އަހަރުގެ ތިއާގޯ ސިލްވާ އަށް ވުރެ ފަހަތުގައި އެ ޓީމުގެ ގޯލު ބަލަހައްޓަނީ އުމުރުން 44 އަހަރުގެ ބްރެޒިލްގެ ފަބިއޯ ޑެވިސަން އެވެ.

ފަބިއޯ ވަނީ ގަދަ 16 ގައި، އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު އިންޓަ މިލާން ބަލިކުރި މެޗުގައި ނުރައްކާތެރި ހަތަރު ހަމަލާ މަތަ ކޮށްފަ އެވެ. އޭގެ ތެރޭގައި މެޗުގެ ފަހު ވަގުތު އޭނާގެ ފައިން ކުރި މޮޅު ބްލޮކެއް ވެސް ހިމެނެ އެވެ.

މިއާ އެކު، 2023 ވަނަ އަހަރުގެ ކޮޕާ ލިބަޓަޑޯރެސް (ދެކުނު އެމެރިކާގެ ޗެމްޕިއަންސް ލީގު) ކާމިޔާބު ކުރި ފްލުމިނޭސީ އަށް ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހެނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށެވެ.

މިއީ ފަބިއޯގެ ކެރިއަރުގެ 28 ވަނަ އަހަރެވެ. އަދިވެސް އޭނާއަކީ ކުޅެމުން އަންނަ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ކްރުޒޭރޯ އަށް 2005 އިން 2021 އަށް 955 މެޗު ކުޅެދިން އިރު، 2022 އިން ފެށިގެން ފްލުމިނޭސީ އަށް މިހާތަނަށް 222 މެޗު ވަނީ ކުޅެދީފަ އެވެ.

އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ފަބިއޯ.-- ފޮޓޯ: އޭއެފްޕީ

ކްލަބް ވޯލްޑް ކަޕްގައި ވެސް ފްލުމިނޭސީގެ ގޯލު ބަލަހައްޓަމުން އަންނަނީ ފަބިއޯ އެވެ. މިދިޔަ މެއި މަހު އޭނާ ވަނީ ޖުމްލަ 507 ކްލީންޝީޓާ އެކު އިޓަލީގެ ލެޖެންޑް ޖިއާންލުއިޖީ ބުފޮންގެ ރެކޯޑް މުގުރާލައިފަ އެވެ. އިންޓަ މިލާން މެޗަށް ފަހު މިހާރު އޭނާގެ ކްލީންޝީޓުގެ އަދަދަކީ 510 އެވެ.

އޭގެ ފަހުން، އޭނާގެ އަމާޒަކަށް ވާނީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ހޯދުމެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތެއްގައި ކުޅެން ފެށި ފަބިއޯ ވަނީ މިހާތަނަށް 1،378 މެޗު ކުޅެފަ އެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮންނަނީ 1،390 މެޗު ކުޅުނު ކަމަށް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައިވާ އިންގްލެންޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަތުގަ އެވެ.

ބްރެޒިލްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު، ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ފަބިއޯ ވަނީ 2004 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރި ބްރެޒިލް ޓީމުގައި ހިމެނިފަ އެވެ. ނަމަވެސް މިހާތަނަށް ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތެއް އޭނާއަށް ނުލިބެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު އުމުރުން 45 އަހަރު ފުރޭ ކީޕަރު ވަނީ އަންނަ އަހަރުގެ ނިޔަލަށް ފްލުމިނޭސީގައި މަޑުކުރަން އެއްބަސްވުން އާކޮށްފަ އެވެ. މިއާ އެކު އޭނާ އަށް، ޝިލްޓަންގެ ރެކޯޑު މުގުރާލެވޭނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް އުމުރުން 40 އަހަރުގައި ކްލަބާއި ގައުމީ ޓީމަށް ވެސް މުހިއްމު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިހާތަނަށް 1281 މެޗު ކުޅެފަ އެވެ. އަދި ރޮނާލްޑޯ އަށް ކެރިއަރުގެ 1000 ގޯލު ހަމަކުރަން މަދުވަނީ 66 ގޯލެވެ.

ކްލަބް ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔަކީ މެކްސިކޯ ގޯލްކީޕަރެއް ކަމަށްވާ އޮސްކާ ޕެެރޭޒް އެވެ. މެކްސިކޯގެ ޕަޗޫކާއާ އެކު 2017 ވަނަ އަހަރުގެ މުބާރާޓުގެ ސެމީ ފައިނަލް ކުޅުނު އިރު އޭނާގެ އުމުރަކީ 44 އަހަރާއި 10 މަހާއި 12 ދުވަހެވެ. އިންޓައާ ދެކޮޅަށް ކުޅުނު އިރު ފަބިއޯގެ އުމުރަކީ 44 އަހަރާއި ނުވަ މަހާއި އެއް ދުވަހެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454