ބަސްޓިއަން ޝްވެއިންސްޓެއިގާ (މ) ޖަރުމަން ކުޅުންތެރިންނާ އެކު ޕްރެކްޓިސްކުރަނީ. --ފޮޓޯ: އޭއެފްޕީ
07 ޖުލައި 2016 - 11:43
މާސޭ، ފްރާންސް (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ޖަރުމަން ކުޅޭ މެޗުގައި އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅޭވޭތީ ކަންބޮޑުވެފައި ތިބި ޖަރުމަނުގެ ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ؛ ތަޖުރިބާކާރު މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ ފިޓްވުމެވެ.
ކުއާޓާ ފައިނަލުގައި އިޓަލީ އަތުން ޖަރުމަން މޮޅުވި މެޗުގައި ޝްވެއިންސްޓެއިގާގެ އިތުރުން މިޑްފީލްޑަރު ސާމީ ކެދީރާ އާއި ފޯވާޑް މާރިއޯ ގޯމޭޒަށް އަނިޔާވެފައިވާއިރު އެ މެޗުގައި ދެއްކި ކާޑާ އެކު ޑިފެންޑަރު މެޓްސް ހަމެލްސް ވަނީ ސަސްޕެންޑްވެފަ އެވެ.
"ޝްވެއިންސްޓެއިގާ ސަތޭކަ ޕަސެންޓް ތަމްރީން ހަދައި ޝަކުވާ ނުކޮށްފި ނަމަ މާނައަކީ އޭނާ އަށް ކުޅެވޭނެޔޭ. އޭނާ މިއަދު (އިއްޔެ) ހެނދުނު ޕްރެކްޓިސްކުރި ބަރާބަރަށް، އަނިޔާގެ އެއްވެސް އަލާމާތެއް ނެތް،" ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ބުންޏެވެ. "އޭނާ އިޓަލީ މެޗުގައި ސާބިތުކޮށްދިން އޭނާ އަކީ ފުރަތަމަ 11 ގައި ހިމެނިގެން މުހިއްމު ކުޅުމެއް އަދިވެސް ދެއްކޭނެ ކުޅުންތެރިއެއްކަން. ހާއްސަކޮށް އެފަދަ މެޗުތަކަށް އޭނާގެ ތަޖުރިބާގެ މުހިއްމުކަން ބޮޑު."
ލޯ ބުނީ ކެދީރާ އާއި ގޯމޭޒް އަދި ހަމެލްސް ނެތްތަން ފޫބެއްދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މިފަދަ އުނދަގޫ ހާލަތެއްގައި ޝްވެއިންސްޓެއިގާ ކުޅުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. މުބާރާތް ފެށިއިރު މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޝްވެއިންސްޓެއިގާ އަށް ފުރަތަމަ 11 އިން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ފަހު ވަގުތު އަރައި އޭނާ އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
މުބާރާތް ގައުމު ފްރާންސާ ދެކޮޅަށް ނުކުންނައިރު ވާދަވެރި މުބާރާތެއްގައި 1958 ގެ ފަހުން އެ ޓީމު އަތުން ޖަރުމަން ބަލިވެފައި ނުވެ އެވެ. އެކަމަކު ލޯ ބުނީ އޭނާގެ ޓީމަކީ ފޭވަރިޓް ނޫން ކަމަށެވެ.
"އަހަރެމެން މި ނުކުންނަނީ ޓީމަކާ އިދިކޮޅަކަށް ނޫން. ގައުމަކާ ދެކޮޅަށް މި ކުޅެނީ. އެހެންވީމާ ނުބުނެވޭނެ އަހަރެމެންނަކީ ފޭވަރިޓުން ކަމަށް. ދެ ޓީމުގައި އެބަތިބި ހުނަރުވެރި ބައިވަރު ކުޅުންތެރިން. އެކަން އެންމެ ރަނގަޅަށް ސާބިތުކޮށްދީ މަދުން ގޯސް ހަދައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ޓީމެއް މޮޅުވާނެ،" ލޯ ބުންޏެވެ.
ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރމަން ފޭން/ އަނގޮޅިތީމު
07 July 2016
އިންޝާﷲ މިރޭ ޖަރުމަނު މޮޅުވާނެ. އާމީން
ސިންތިލީ ވޫމް
07 July 2016
ހިތާމަކުރަން ސިޔާސީ ގޮތުން ވެސް ފުރާސް މޮޅުވާނީ މިއަދު.