މަރޭ (ކ) ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ޝަމްހާއާ އެކު ޓްރެއިނިން ހަދަނީ. --ފޮޓޯ: އިބްރާހިމް ފާއިދު
07 އޯގަސްޓް 2016 - 12:21
އޮލިމްޕިކް ގޭމްސް ފެށުމުގެ ކުރިން ރާއްޖޭގެ ފާހަގަކޮށްލެވޭ އެތުލީޓުންނާ އެކު އަމަލީ ގޮތުން ތަމްރީން ހަދައި އެ އެތުލީޓުންނަށް ހިތްވަރު ދޭން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކަނޑައެޅި އަމާޒު ހާސިލްކޮށްފި އެވެ. މިހާރު އޭނާ ވަނީ އެކަން އެހެން ހަރުފަތަކަށް ގެންގޮސްފަ އެވެ؛ އެއީ އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ނޮމިނޭޓްކުރުމެވެ.
މަރޭ ވަނީ އިއްޔެ އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް ރާއްޖޭގެ ތަފާތު ކުންފުނިތަކުގެ 13 ފަރާތެއް ނޮމިނޭޓްކޮށްފަ އެވެ.
"ޕާސަނަލް ޗެލެންޖަށް ވާސިލްވުމަށް ހޭދަކުރި 18 ދުވަހަށް ފަހު އަހަރެން މިހިރީ ވަރުބަލިވެފައި އެކަމަކު އިހުސާސްކުރެވެނީ އާރޯކަމާއި ތާޒާކަން. (ހަޔާތުގެ) އެންމެ ފުރިހަމަ ތަޖުރިބާ މިއީ،" މަރޭ ބުންޏެވެ.
މަރޭ (ކ) ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ޒިލާލްއާ އެކު ޓްރެއިނިން ހަދަނީ. --ފޮޓޯ: އިބްރާހިމް ފާއިދު
އެކަމަކު އޭނާ ވިދާޅުވީ މިއީ ނިމުމެއް ނޫން ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އެކި ފަރާތްތަކަށް ޗެލެންޖް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އެގްޒެކެޓިވުންނާއި މިއުޒީޝަނުންނާއި ނޫސްވެރިންނާއި ޓީވީ ޕްރެޒެންޓަރުންނާއި އޭނާގެ އެކުވެރިން ހިމެނޭނެ ކަމަށެވެ.
"އަހަރެމެން އެބަޖެހޭ އަހަރެމެންގެ ބަތަލުން ފާހަގަކުރަން. އަހަރެމެންގެ ޗެމްޕިއަނުންގެ އަގުވަޒަންކުރުން ހައްގެއް ނޫންތަ؟ މިކަމުގައި ބައިވެރިވަމާ،" މަރޭ ވިދާޅުވި އެވެ. "އަހަރެން ނޮމިނޭޓްކުރާ ފަރާތްތަކަށް ދޭ ޗެލެންޖަކީ އޮލިމްޕިކްސް ނިމުމުގެ ކުރިން އެތުލީޓާ އެކު، ތަމްރީން ހެދުން."
އޭނާ ނޮމިނޭޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީގެ ޗެލެންޖަކީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުހައްމަދު މައިޒަރު އާދަމާ އެކު ތަމްރީން ހެދުމެވެ. ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ނޮމިނޭޓްކޮށްފައިވަނީ ބެޑްމިންޓަން ކުޅުންތެރިޔާ ނަޝީއު ޝަރަފުއްދީނާ އެކު ތަމްރީން ހެދުމަށެވެ.
ކްރިކެޓް ކުޅުންތެރިޔާ ހާޖީ ރަޝީދާ އެކު ތަމްރީން ހަދަން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ އަށް ޖެހިވަޑައިގެންނެވި އިރު، ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އަށް އޮތީ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހާ އެކު ތަމްރީން ހެއްދެވުމެވެ.
މީގެ އިތުރުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލް އަހުމަދަށް، ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދާ އެކު ޓްރެއިނިން ސެޝަނެއް ނަގަން ހުށަހެޅުއްވިއިރު، ލިންޓެލްގެ މެނޭޖިން ޑިރެކްޓަރު ކްރީމް އަބްދުލް މާޖިދަށް އޮތީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމެވެ.
މެދު ރާސްތާ ދުވުމުގައި ފާހަގަކޮށްލެވޭ ޝިފާޒް މުހައްމަދާ އެކު ތަމްރީން ހަދަން މަރޭ ނޮމިނޭޓްކޮށްފައިވަނީ އެމްޓީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ނޮމިނޭޓްކޮށްފައިވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) އާ އެކު ތަމްރީން ހެދުމަށެވެ.
މަރޭ (ކ) ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔަކާ އެކު ޓްރެއިނިން ހަދަނީ. --ފޮޓޯ: އިބްރާހިމް ފާއިދު
ކުޅިވަރުގެ ގިނަ ކަންކަމަށް ސްޕޮންސާ ދެމުން އަންނަ އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލަށް، ޖެހިވަޑައިގަންނަވާނީ އުއްމީދީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުހައްމަދު ޒީސްތު ނަސީމާ އެކު ތަމްރީން ހަދާށެވެ.
މަރޭގެ މި ހުށަހެޅުން މީގެ ތެރެއިން ގިނަ ފަރާތްތަކުން ވަނީ ގަބޫލުކޮށްފަ އެވެ. އަދި ގިނަ ބަޔަކު އަންނަނީ މިކަަމަށް ސޯޝަލް މީޑީއާގައި ތައުރީފު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ
08 August 2016
މިމަރޭވެސް މިދެން ދެކޮޅަށް ކެނޑޭ ރީނދޫ މީހެއް.
ސޮހޮލު
07 August 2016
މަރޭ ތީތި ސަޅިއޭ. މޮޅުކަމެއް ތިކުރީ!
ބީއެސްބީވެންގާ
07 August 2016
ރަނގަޅުކަމެއް.ސުވާލަކީ ކިހާ ބައެއްގެ ތާއީދު ލިބޭނެތޯ.!!؟
ބީޓްއިޓް
08 August 2016
5 ވަރަކަށް މީހުންގެ ތާއީދު ލިބިދާނެ. ބަޔަކު ނޫޅޭ މޮޔަވެގެން މީހަކު އެފްބީގަ މޮޔަގޮވިއަސް.
ނެވިމީހާ
07 August 2016
ނުވިސްނުނު މި އަށް "ރުޅިއައި" ރިއެކްޓް ކުރި މީހުން އެކަން ކުރިގޮތެއް/ސަބަބެއް! ދިވެހިން ދިވެހިންގެ ގޮތުގަ ގަމާރުން ހެން ވެފަ ތިބޭ!