13 ސެޕްޓެމްބަރ 2018 - 11:37
މެންޗެސްޓާ (ސެޕްޓެމްބަރު 13) – ކެރިއަރު ނިންމާލުމުގެ ކުރިން ބާސެލޯނާ އަށް އެނބުރި ދާން ބޭނުންވާ ކަމަށާއި ބޭނުމަކީ ބާސެލޯނާގެ ޔޫތު ޓީމަށް އަދި އެއް ފަހަރު ކޯޗުކޮށްދިނުން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ކޯޗިން ކެރިއަރު ފެށީ 2007 ގައި ބާސެލޯނާގެ ޔޫތު ޓީމުންނެވެ. ޖެހިގެން އައި އަހަރު ސީނިއާ ޓީމާ ހަވާލުވެ އެތައް ކާމިޔާބީތަކެއް ހޯދައިދީ ދުނިޔޭގެ ފެންވަރު ކޯޗަކަށް ބަދަލުވި އެވެ. އޭނާ ހަތަރު އަހަރު ފަހުން އެ ކްލަބް ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވީ ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ހޯދައިދިނުމަށް ފަހު އެވެ.
"އަހަރެން ނިންމާލާނީ ފެށިތަނުން. އަހަރެންގެ ފަހު ފިޔަވަޅަކަށް ވާނީ ޔޫތު ޓީމުތައް. އުއްމީދުކުރަނީ އެއީ ބާސެލޯނާގެ ޔޫތު ޓީމަށް ވާނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި ގާޑިއޯލާގެ ބޭނުން އެކަޑަމީއަކަށް ނުހަނު މުހިއްމެވެ. ސަބަބަކީ އޭނާ އަކީ ނެދަލެންޑްސްގެ ކުރީގެ ކޯޗުން ކަމަށްވާ ރިނަސް މިކެލްސް އާއި ޔޮހާން ކްރައިފް އަދި އިޓަލީގެ އަރިގޯ ސާޗީ ފަދައިގެން ކޯޗިންގައި ހާއްސަ ފިލޯސަފީއެއް ގެންއުޅޭ މީހަކަށް ވުމެވެ. ޔޫތު ޓީމުތަކަށް އޭނާގެ އެހީ ލިބޭ ނަމަ ޖުމްލަކޮށް ފުޓްބޯޅައަށް ކުރިއެރުން އަންނާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ބާސެލޯނާގެ ސީނިއާ ޓީމާ ދެން ހަވާލުނުވާނެ ކަމަށް ކުރިން އޭނާ ވަނީ ބުނެފަ އެވެ. އެކަމަކު އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެދާނެ ކަމަށް ވާހަކަދެކެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy