10 އޮކްޓޯބަރ 2019 - 09:29
އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދު މިއަދު އިންޑިއާ އަށް އެ ފުރީ، އެކަމަށް އޭނާ ދެވިހިފާފައިވާ މެރެތަން ދުވުމުން އަނެއްކާ ވެސް ވަރަށް ހާއްސަ އަދަދެއް ފުރިހަމަކުރާށެވެ. އަންނަ އާދީއްތަ ދުވަހު ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންގައި ނަސްރު ދުވާނީ އޭނާގެ 50 ވަނަ މެރެތަން އެވެ.
ރާއްޖެ އަށް ރަސްމީކޮށް މެރެތަން ދުވުން ތައާރަފްވި އަހަރުތައް ކަމަށްވާ، އަށްޑިހައިގެ ތެރޭގައި މެރެތަން ދުވި ހުރިހާ ދުވުންތެރިން އެއްކޮށްލައިގެން ވެސް ފަންސާހަކަށް މެރެތަން ހަމަވާނެ ހެން ހީނުވެ އެވެ. އެކަމަކު 2010 ހިސާބުގައި ދިވެހި އާއްމު ދުވުންތެރިން ދުވުމުގެ ތެރެއަށް ވަދެ އުފެދުނު ފޯރިއާ އެކު ރާއްޖޭން ބޭރުގައި އޮންނަ މެރެތަންތަކުގައި ބައިވެރިވާން ފެށުމާ އެކު އަދަދުތައް އިތުރުވެގެން ދިޔައީ އެވެ.
ނަސްރު ވެސް މިހާތަނަށް ދުވި 49 ރޭހުގެ ތެރެއިން ރާއްޖޭގައި ދުވެފައިވާނީ ހަތަރު ވަރަކަށް ރޭހެވެ. އެ ނޫނީ މުޅިން ވެސް ދުވީ ރާއްޖޭން ބޭރުގަ އެވެ. ނަސްރުގެ ހާއްސަ ކަމަކީ ހަމައެކަނި އެޔެއް ނޫނެވެ. އޭނާ ހަތަރު ވަރަކަށް ރޭސް ފިޔަވައި އެހެން ހުރިހާ ރޭހެއް ދުވެފައިވަނީ ވަނީ ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށެވެ. މާނައަކީ އަދަދު ހަމަކުރަން އޭނާ ހަމައެކަނި ދުވެލަނީކީ އެކަންޏެއް ނޫން ކަމެވެ. ބަރާބަރަށް ތަމްރީން ހަދައި ސީރިއަސްކޮށް މިކަންކުރަނީ އެވެ.
"އަޅުގަނޑަށް މިހިސާބަށް އާދެވިފައިވަނީ ވަރަށް ބުރަކޮށް ކުރި މަސައްކަތުންނާއި ވަރަށް ބޮޑަށް ކަމަށް ކަމޭހިތައިގެން ކުރި މަސައްކަތުން. ބޮޑު އަނިޔާއެއް ނުވެ މިހިސާބަށް އާދެވުނީތީ ވަރަށް އުފާކުރަން،" ނަސްރު ބުންޏެވެ.
ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ. އޭނާ ބުނި ގޮތުގައި މެރެތަން ދުވުމަކީ ރެކޯޑަކަށް ވިސްނައިގެން ފެށި ކަމެއް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެކަމަށް އަމާޒު ހިފީ އެވެ.
"ހަރަދުތަކެއް ކޮށްގެން ރާއްޖޭން ބޭރަށް ގޮސް ދުވާއިރު ކޮންމެވެސް އަމާޒެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވިގެން ރެކޯޑް ހަދަން ދުވަން ފެށީ" ނަސްރު ބުންޏެވެ.
އޭނާ 50 މެރެތަން ހަމަކުރުމަށްޓަކައި، ކައިރިކައިރީގައި ދުވަން ހަދައިގެން ޓައިމިން އަށް ސަމާލުކަން އެއްގޮތަކަށް ވެސް ކުޑަނުކުރާ ކަމުގެ ހެއްކަކީ މިދިޔަ މާޗު މަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ހިދުސްތާން މެރެތަންގެ ފުލް މެރެތަން ބައިގެ އެއް ވަނަ ހޯދުމެވެ. އޭނާ 35 ޑިގްރީގެ ހޫނުގައި ދުވެ އެއް ވަނަ ހޯދީ 3 ގަޑި 29 މިނެޓުންނެވެ.
"ކާމިޔާބީގެ ސިއްރަކީ ހޫނުގައި ޓްރެއިނިން ހަދާފައިވުން. ވަރުގަދަ އެތުލީޓުން ރޭހުގައި ދުވެ އެކަމަކު ހޫނަށް ކެތްނުކުރެވިގެން ހުއްޓާލީ،" ނަސްރު ބުނެފައިވެ އެވެ.
ނަސްރުގެ ދެން އޮތް އަމާޒަކީ މި ސަރަހައްދުގެ ނުވަތަ ދުނިޔޭގެ ރެކޯޑަކަށް ދިއުމެވެ. އެކަން ކުރަން ވެސް ބޭނުންވަނީ ރަނގަޅު ޓައިމިން އަކާ އެކު އެވެ. އާއްމުކޮށް ދުނިޔޭގެ ރެކޯޑްތައް ހަދާ ދުވުންތެރިންނަކީ ފަސް ވަރަކަށް ގަޑިއިރުގެ ތެރޭގައި ދުވެގެން ވީހާ ވެސް ގިނަ އަދަދު ހަމަކުރާ ދުވުންތެރިންނެވެ.
ނަސްރު (ވ) އާއި ރާއްޖޭގެ އުއްމީދީ މެރެތަން ދުވުންތެރިޔާ މޯޑް އެކުގައި ދުވަނީ: މޯޑުގެ ކޯޗަކީ ވެސް ނަސްރު.
ނަސްރު މިދިޔަ އަހަރު އެކަނި ވެސް 13 މެރެތަން ދުވިއިރު އެންމެ ފާހަގަކުރެވުނު ކަމަކީ ވެސް ޓައިމިން އެވެ. އަހަރަކު އެއަށް ވުރެ މާ ގިނައިން މެރެތަން ޖަހާ ދުވުންތެރިން ވެސް ދުނިޔޭގައި އުޅެ އެވެ. އެކަމަކު 42 ކިލޯމީޓަރުގެ ދުވުން ނަސްރު ނިންމި ވަގުތަށް ބަލާއިރު އެއީ އާދައިގެ ކަމެއް ނޫނެވެ: އެއިން ކޮންމެ ރޭހެއް ވެސް ނަސްރު ފުރިހަމަކުރީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށެވެ.
ނަސްރު އަށް މިހާރު ވެސް އެކި ފަރާތްތަކުގެ އެހީ ލިބެ އެވެ. ކޮކާކޯލާގެ ސްޕޮންސާޝިޕުގެ ދަށުން ރާއްޖޭން ބޭރަށް ދުވަން ދެވެ އެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ހުއްދައާ އެކު ސިފައިންގެ އިން އޭނާ ވީއްލައިދެ އެވެ. ބެންގަލޫރު މެރެތަނަށް ދިއުމަށް ޓިކެޓް ސްޕޮންސާކޮށްދިނީ ސިފައިންގޭގައި އޭނާ މަސައްކަތްކުރާ މިލިޓަރި އިންޖިނިއަރިންގް ސާވޭ ޑިޕާޓްމަންޓުގެ ހެޑް އަލީ ވިއާމެވެ. އެ ހުރިހާ ފަރާތްތަކަށް އޭނާގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ. އެކަމަކު ނަސްރު ކުރިން ބުނެފައިފާ ފަދައިން ދުނިޔޭގެ ރެކޯޑަކަށް ދާ ނަމަ އިތުރު އެހީތަކެއް ބޭނުންވާނެ އެވެ.
"އަހަންނާ ދިމާވި ދުނިޔޭގެ އެންމެ ގިނަ މެރެތަން ޖަހަން ނުކުމެ މިހާރު އުޅޭ ޕޮލެންޑް މީހަކާ. އޭނާ ދުވަނީ ފަސް ގަޑިއިރަށް ވުރެ ވެސް ލަހުން. އެކަމަކު ޕޮލެންޑްގެ ބޮޑެތި ކުންފުނިތަކުން އޭނާ ސްޕޮންސަކޮށްފައި ހުންނަނީ ދުނިޔޭގެ ރެކޯޑަކަށް ދާތީ،" ނަސްރު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
50 އޭ
11 October 2019
ގިނަ މެރެތަން ތަކެއް ދުވުން އެއީ މާމޮޅު ކަމަކީތަ؟ ޏަތީޖާ އުޅެނީ ރާއްޖޭގެ ގިނަ ދުވުންތެރުންނަށް ވުރެ ވެސް ފަހަތުގަ
މުހައްމަދު ރަޝީދު (މޯޑް)
10 October 2019
ސާބާހާ އައްސަރިބަސް ތިކުރާ ހިއްވަރަށް. ތީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއްނޫން. ވަރަށް ބުރަ މަސައްކަތް ކޮށްގެން ވާނެ ކަންތައްތައްތީ. ހިއްވަރާއެކު ކުރިއައްދޭ. ﷲ ތިބާ ތިކުރާ ބުރަ މަސައްކަތުގަ ބަރަކާތްލައްވާށި. އާމީން.
ނަދީ
10 October 2019
ތިޔަކުރާހިއްވަރަށް ހަމަ ސާބަސް،އިންޝާ ﷲ ކާމިޔާބުވާނެ
ޓޫބާ
10 October 2019
ޢިގިއްޖެ ތަ؟
ސާދު
10 October 2019
ހަމަ ބުނަންވީ ދޯ 80ވަނަ މެރަތަން އޭވެސް ތީމަޖާކަމެއް ތިކަން ޔަގީންކުރަން ބެލިއިރު 3 މެރެތަން ދުވިކަމަށް ފެންނަން އޮތީ
ވެލިކާން
10 October 2019
ވާނުވާ އެނގިގެން އިނގޭ ކޮމެންޓް ކުރާނީ..!