ވޯލްޑް ސާފިން ލީގު ޗެމްޕިއަން އިތާލޯ: އޭނާ މި ވަގުތު ހުރީ ސާފިން ދަތުރެއްގައި ރާއްޖޭގައި.
27 އޯގަސްޓް 2020 - 11:24
ދުނިޔޭގެ ސާފިން ޗެމްޕިއަން ބްރެޒިލްގެ އިތާލޯ ފެރޭރާ ސާފިން ޓްރިޕެއްގައި ރާއްޖޭގެ މަޝްހޫރު ސާފިން ސްޕޮޓްތަކުގައި ރާޅާ އަޅަމުން އެބަދެ އެވެ.
އެންމެ ފަހުގެ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) އާއި ވޯލްޑް ސާފިން ލީގުގެ ޗެމްޕިއަންކަން ހޯދި އުމުރުން 26 އަހަރުގެ އިތާލޯ އޭނާގެ ގާތް މީހުންނާ އެކު ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ސަފާރީއެއްގައި މާލެ އަތޮޅުގައި ދެ ހަފްތާއެއްހާ ދުވަސް ހޭދަކުރަން ހަމަޖެހިފައިވާއިރު އިތާލޯ އަންނަނީ މި ސަރަހައްދުގެ ސާފިން ސްޕޮޓްތަކުގައި ރާޅާއަޅަމުންނެވެ. އެގޮތުން ދުނިޔޭގެ އެތަކެއް ސާފަރުންގެ މެދުގައި މަގުބޫލު އާދަރަން ސެލެކްޓް ހުދުރަންފުށީގައި އޮތް ޅޮހި ސާފް ބްރޭކުގައި ވެސް އޭނާ ވަނީ ރާޅާ އަޅައިފަ އެވެ.
އިތާލޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި އޭނާ އަންނަނީ ރާއްޖޭގައި މި ހޭދަކުރާ ދުވަސްތަކާ ބެހޭގޮތުން ވީޑިއޯތައް ހިއްސާކުރަމުންނެވެ. އަދި ރާއްޖެ އަކީ އޭނާ އެންމެ ގަޔާވާ އެއް މަންޒިލު ކަަމަށް އޭގެއިން ވީޑިއޯއެއްގައި ވަނީ ބުނެފަ އެވެ.
ބޭރުގެ މުބާރާތެއްގައި އިތާލޯ ރާޅާއަޅަނީ. -- ފޮޓޯ: އައިއެސްއޭ
މިއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު މަޑުޖެހިފައި އޮތް ދުވަސްވަރެއް ކަމުން އެކި އެތުލީޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަގުތު ހޭދަކުރަމުންނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާތީ ސާފް ކުރުމަށް މި ވަރުގެ ފުރުސަތެއް ލިބިގެންދިއުމަކީ އިތާލޯ ދެކޭ ގޮތުގައި އޭނާ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ.
ޒުވާން އުމުރުގައި ސާފިން އަށް ހިތްޖެހުނު އިތާލޯ އެންމެ ފުރަތަމަ ވޯލްޑް ސާފިން ލީގު މެންސް ޗެމްޕިއަންޝިޕް ޓުއާގައި ވާދަކުރީ 2015 ވަނަ އަހަރު އެވެ. އެ ފަހަރު ހަތް ވަނަ ހޯދައި ރުކީ އޮފް ދަ އިޔާގެ މަގާމަށް ހޮވުނެވެ. އޭގެ ފަހުން ސާފިންގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިތާލޯ އަންނަނީ ގިނަ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ.
ދުނިޔޭގެ ޗެމްޕިއަނުންގެ މެދުގައި ވެސް މަގުބޫލު ސާފިން މުބާރާތްތަކެއް ރާއްޖޭގައި ބާއްވަ އެވެ. އޭގެ ތެރެއިން އެއް މުބާރާތަކީ ފޯ ސީޒަންސް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ވާދަކުރާ ސާފިން ޗެމްޕިއަންސް ޓްރޮފީ އެވެ. މި މުބާރާތުގައި ވާދަކުރަން އަންނަ ދުނިޔޭގެ ނަން މަޝްހޫރު ސާފަރުން ވެސް ވަނީ ރާއްޖޭގެ ރާޅުތަކުގެ ތެރޭގައި ރާޅާ އެޅުމުގެ ނަސީބު ލިބޭތީ އުފާކުރާ ކަމަށް ބުނެފަ އެވެ. އަދި އެ މީހުންގެ ނަޒަރުގައި ރާއްޖޭގައި މި ހުރި ސާފިން ސްޕޮޓްތައް ހިމާޔަތްކޮށް މި ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy