ކުޅިވަރު / މުހައްމަދު ހާނިމް

ހާނިމް އުޅެނީ އޮލިމްޕިކް ދުނިޔެއެއްގައި، ދައްކަނީ އޮލިމްޕިކުގެ ވާހަކަ

ހާނިމް ޕްރެސްއެއްގައި ވާހަކަ ދައްކަނީ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޓަވިއު ހަމަޖައްސަން ވެގެން "މިހާރު" އިން ގުޅިއިރު ވެސް މުހައްމަދު ހާނިމް ހުރީ، މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ހަސަން ސާއިދަށް ގުޅައިގެންނެވެ. ފޯނު ވެއިޓިންގައި ހުރުމުން އަހަރެމެންގެ ކޯލަށް ޖަވާބު ނުދީ، ބިޒީ ކޮށްލީ އެވެ. އޭގެ ފަހުން އޭނާ ގުޅީ އޮލިމްުޕިކގެ ރާއްޖޭގެ ޗެފް ޑެ މިޝަން އަހްމަދު މުންތަގިމް އަށެވެ. އަހަރެމެންނަށް އޭނާ "ކޯލް ބެކް" ކުރީ އޭގެ ފަހުންނެވެ. އިންޓަވިއު އަށް ގަޑި އާއި ތަން ހަމަޖައްސާފައި ފޯނު ބޭއްވީ އެވެ.

އިންޓަވިއު ފަށައި އެތައް އިރެއްވީއިރު ވެސް ވަގުތު ދިޔަ ގޮތް ނޭނގުނެވެ. މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، އޮލިމްޕިކް ގޭމްސްއާ ގުޅުވައިގެން ހާނިމްގެ ވާހަކަ ގެނަޔަސް، ދިވެހި ކޮންމެ އޮލިމްޕިއަނަކަށް އަދި ފަހުން ވެސް އޮލިމްޕިކްސްގައި ވާދަކުރާނެ ކުރިމަގުގެ އެތުލީޓުންނަށް މި ވާހަކައިން ބައިވަރު ފިލާވަޅުތަކެއް ހޯދޭނެ އެވެ. އެތުލީޓުންނަށް އެކަންޏެއް ނޫނެވެ. ކުޅިވަރު މެނޭޖުމެންޓުގައި އުޅޭ ހުރިހާ ގިންތިއެއްގެ މީހުންނަށް ވެސް މެ އެވެ.

ހާނިމްގެ މުޅި ކެރިއާ އާއި ދިރިއުޅުން އަދި އުފަން ދުވަސް ވެސް އޮތީ އޮލިމްޕިކްސްއާ ގުޅިފަ އެވެ. އޭނާ އަކީ ދިވެހި ފުރަތަމަ އޮލިމްޕިކް ޓީމުގެ އެތުލީޓެކެވެ. އެކަމަކު އޭގެ މާ ކުރިން ވެސް އޭނާ ވަނީ އޮލިމްޕިކްސްއާ ގުޅިލާމެހިފަ އެވެ. ކޮންމެ އަހަރެއްގެ ޖޫން 23 ފާހަގަކުރަނީ އިންޓަނޭޝަނަލް އޮލިމްޕިކު ދުވަހުގެ ގޮތުގަ އެވެ. އެ ދުވަހުގައި ތަހުނިޔާ އެކި ފަރާތްތަކަށް ހާނިމް ވެސް ފޮނުވަ އެވެ. އެ ދުވަހު އޭނާ އަށް ރައްދު ވަނީ އުފަން ދުވަހުގެ ހަދިޔާ އާއި ހެޔޮ އެދުންތަކެވެ. އެއީ އޭނާގެ އުފަން ދުވަހެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި، ފިރިހެނުންގެ 4 * 100 މީޓަރުގެ ރިލޭގައި ދިވެހި ޓީމުގެ ރޭސް ނިންމަން ފުރުސަތު ލިބުނީ ހާނިމްއަށެވެ. އެއީ އިންޓަނޭޝަނަލް ލެވަލްގައި އޭނާ ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ރާއްޖޭގައި މަސައްކަތް ކުރި ލަންކާގެ ކޯޗު ސްމިތު ވަލަޕޮލާގެ ކޯޗު ކަމުގެ ދަށުން، ދިވެހި ގައުމީ ޓީމުގެ ނަމުގައި 1987ގެ ކަލްކަތާ ސާފް ގޭމްސްގައި ވާދަކުރި ނިއު ރޭޑިއަންޓުގެ ޓީމަށް ހާނިމު ކުޅުނެވެ. ނިއުގެ ޖޯޒީ ނަންބަރު 2 ގައި އޭނާ ކުޅުނީ ފޯވަޑަށެވެ. ދެވަނަ ޑިވިޝަންގެ ގައުމީ މުބާރާތުގައި މަޝްހޫރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ކޮޅަށް ނިއު އިން ޖެހި ހަމަ އެކަނި ލަނޑު ޖެހީ ހާނިމް އެވެ. ދިވެހި ފުރަތަމަ އޮލިމްޕިކު ޓީމުގައި ހިމެނުނު މެންބަރުންގެ ތެރެއިން، ދެކުނު ކޮރެއާގެ އޮލިމްޕިކްސް އަށް ދިއުމުގެ ކުރިން ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރަން ފުރުސަތު ލިބުނު ހަމައެކަނި އެތުލީޓަކީ ވެސް އޭނާ އެވެ.

ނިއު ރޭޑިއަންޓަށާއި ގައުމީ ޓީމަށް ކުޅެން އުޅެފައި، އޮލިމްޕިކު އެތުލީޓަކަށް އޭނާ ހަދައިދިނީ ގަރުނުގެ ފުޓްބޯޅައިގެ ޝަހުސިއްޔަތު މޯނިންގްސަން މުސާ މަނިކު (ކުޑަ މޫސަ) ދިން ހިޔާލަކުންނެވެ. ފުޓްބޯޅައިގައި ހާނިމަށް އޮތް އެންމެ ބޮޑު އެޑުވާންޓޭޖަކީ އޭނާގެ ހަލުވި ސްޕީޑެވެ. އެ ސްޕީޑަށް މޫސަގެ ތައުރީފު ވެސް ލިބުނެވެ. ސޯލްގެ އޮލިމްޕިކްސްގެ ފުރުސަތު ރާއްޖެ އަށް އޮތުމުން އޮލިމްޕިކްސް އަށް ފޮނުވާނެ އެތުލީޓުންނަށް އެ ފުރުސަތު ހުޅުވާލި އެވެ. މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔައިރު ހުރިހާ ކުޅިވަރެއްހެން ހާނިމް ކުޅުނެވެ. އެންމެ ބޮޑަށް ފާހަގަވީ ފުޓްބޯޅަ އާއި އެތުލެޓިކްސްގަ އެވެ.

ދިވެހި ކުޅިވަރުގެ ބައްޕަ، މަރްހޫމް ޒާހިރު ނަސީރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ޓްރަޔަލްގައި ހިމެނިގެން 1988 ގެ އޮލިމްޕިކްސް ޓީމަށް ހާނިމް ހޮވުނެވެ. އެތުލެޓިކްސްގެ ގިނަ އިވެންޓުތަކެއްގައި ވާދަކުރަމުން ނިއުރޭޑިއަންޓަށް ވެސް ފުޓުބޯޅަ ކުޅެމުން ދިޔަ އެވެ. އަދި ގައުމީ ބޭންކު، ބީއެމްލްގައި އޭރު ވާޒީފާ އަދާ ކުރަމުން އޮފީސްތަކުގެ މުބާރާތްތަކުގައި އެހެން ކުޅިވަރުތައް ވެސް އޭނާ ކުޅުނެވެ. އޭރު މަޝްހޫރު ސަގާފީ ކުޅިވަރެއްގެ ގޮތުގައި އޮތް "މަންޑީ"ގެ ގައުމީ މުބާރާތުގައި ވެސް ވެސް ކުޅުނެވެ. އެކަމަކު 1990 ގައި އެތުލެޓިކްސް އަށް އޭނާ މުޅިން ވެދެ ހުސްވެއްޖެ އެވެ. އެ ކުޅިވަރަށް ހާއްސަވުން އެކަންޏެއް ނޫނެވެ. ހިތާއި ސިކުނޑި އާއި ހަށިގަނޑު ވެސް އެކަމަށްޓަކައި ހިބަކުރި އެވެ. އެތުލެޓިކުސްގައި އޭނާ ވާދަ ނުކުރާ ކެޓެގެރީއެއް ނެތެވެ. ގައުމީ ލެވަލްގައި ވާދަކުރި ގިނަ އިވެންޓުތަކުން އެއް ވަނަ ނޫން އެއްޗެއް އޭނާ ނުގެނެ އެވެ.

"100 މީޓަރު ސްޕްރިންޓް ފިޔަވައި ދެން ބައިވެރިވި ހުރިހާ އިވެންޓަކުން އިންޑަވިޖުއަލް އަދި ޓީމު އިވެންޓުތަކުން ވެސް އަޅުގަނޑު ހުންނާނެ އެއްވަނަ ހޯދައިފައި،" ހާނިމް ކިޔައިދެއްވި އެވެ.

އެތުލެޓިކުސް އަށް ހުސްވެގެން 12 ވަރަކަށް އަހަރު ހާނިމް އުޅުނެވެ. މުބާރާތްތަކުގައި ވާދަ ކުރަމުން ކޯޗިން ކޯސްތައް ވެސް ހަދަމުން އެހެން މީހުން ވެސް ޓްރޭން ކުރަމުން ޓްރެކުގައި ކުރިއަށް ދިޔަ އެވެ. އޭރު ވެސް އޭނާގެ ހިތާއި ސިކުނޑި ހުސް ކުރި ދެވަނަ ކަމަކީ އެހެން މީހުންނަށް އުނގަންނައި ދިނުމެވެ. ކުޅިވަރުން މީހުން ބިނާ ކުރުމެވެ. އާ އެތުލީޓުން ކުޅިވަރަށް ނެރުމަށާއި ކުޅިވަރުގެ އިލުމު ފޯރުކޮށްދިނުމަށެވެ. އެކަމަށް ހިތްޖެހުނީ އަމީނިއްޔާ ސްކޫލުގައި ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރު އެވެ. އެހެން މީހުންނަށް އެއްޗިހި އުނގަންނައިދީ އޮޅުންފިލުވައި ދޭން ފެށުމުން އޭގެ ތެރެއަށް ގެނބި ލޯބި ޖެހި ހިތް ބަންޑުންވި އެވެ. އެކަމަށް ތައްޔާރުވުމަށް އޭނާ ވެސް އަމިއްލަ އަށް ކިޔަވަން ޖެހޭނެކަން ގަބޫލު ކުރި އެވެ.

"އުނގަންނައިދޭ މީހެއްގޮތަށް އަޅުގަނޑު މަޑުމަޑުން ބަދަލުވާން ފެށީ. އެގޮތުން ލިބުނު ފުރުސަތެއްގައި ޖާޕާނަށް އަޅުގަނޑު ދިޔައީ. އެއް އަހަރުގެ ޕްރޮގްރާމެއްގައި. އޭގެ ފަހުން ހަންގޭރިއަން ޔުނިވަސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން އިން، ޖެނަރަލް ކޮންޑިޝަން ކޯހެއް ހެދުމުގެ ފުރުސަތު ލިބުނު."

އެހެން މީހުންނަށް އުނގަންނައިދޭން ކުރި މަސައްކަތުން، ކުޅިވަރާ ގުޅޭ އިލްމީ މައިދާނަކަށް އޭނާ ގެންދިޔަ އެވެ. އަމީނިއްޔާގައި 10 އަހަރު މަސައްކަތް ކުރުމަށް ފަހު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއަށް ބަދަލުވާން ފުރުސަތު ލިބުމަކީ ކުޅިވަރު ރާވާ ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ހުޅުވުނު ދޮރެވެ. އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިއުކޭޝަން އިން، ޑިގްރީ ހާސިލު ކުރި އެވެ. އޭނާގެ އެކެޑެމިކް ރޭސް ގެންދިޔައީ ކުރިއަށެވެ. ދެ ވަނަ ފަހަރަށް އޮސްޓްރޭލިއާ އަށް ދިޔައީ އެ ގައުމުގެ މަކްއޭރީ ޔުނިވަސިޓީން މާސްޓާ ޑިގްރީ ފުރިހަމަ ކުރުމަށެވެ.

ދެކުނު ކޮރެއާގެ އޮލިމްޕިކްސްއާ ހަމައިން، ހާނިމްގެ އޮލިމްޕިކް ދަތުރު ނިމޭކަށް ނެތެވެ. އޮލިމްޕިކްސްގެ ދެ ގޭމްސްއެއްގައި ދިވެހި އެތުލެޓިކްސް ޓީމުގެ ކޯޗުކަން ކުރި އެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި 2000 ގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އަތުލެޓިކްސް ޓީމުގެ ކޯޗަކަށް ވުމުގެ ފުރުސަތު ހާނިމުއަށް ދިނީ، އެ ވަގުތު އޭނާ ވެސް ކިޔަވަން އޮސްޓްރޭލިއާގައި ހުރުމުންނެވެ. އޭގެ ފަހުން ގްރީސްގެ އެތެންސްގައި 2004 ގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ވެސް ދިވެހި އެތުލެޓިކުސް ޓީމުގެ ކޯޗަކީ އޭނާ އެވެ.

އޮލިމްޕިއަނަކަށްވުން ޝަރަފެއް އަދި ޒިންމާއެއް

މިއީ އަހަރެމެންނަށް، ހާނިމް ކިޔައިދިން ވާހަކައިގެ އެންމެ މުހިންމު ބައެވެ. އޮލިމްޕިކްސް އަކީ ދުނިޔޭގެ ކުޅިވަރުގައި އެންމެ ހައިބަތު ބޮޑު، އެންމެ ޝަރަފުވެރި މުބާރާތެވެ. އެއީ ކޮންމެ ކޮންމެ އެތުލީޓަކަށް ކުޅުންތެރިޔަކަށް ދުވުންތެރިޔަކަށް، ފެތުންތެރިޔަކަށް ލިބޭނެ ފުރުސަތެއް ވެސް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކުގައި ވެސް އޮންނަނީ މި އޫސޫލެވެ. އެކި މުބާރާތްތަކުގައި ރާއްޖެ އިން ވެސް އެކި އަދަދުތަކުން ޓީމުތަކާއި އިންޑިވިޖުއަލް އެތުލީޓުން ވާދަކުރެ އެވެ. އޮލިމްޕިކް ގޭމްސްއެއްގައި ބައިވެރި ވުމުގެ ފުރުސަތަކީ ހުރިހާ ކުޅިވަރުތަކަކަށް ވެސް ހާމަކޮށް ހުޅުވިފައި އޮންނަ ފުރުސަތެކެވެ. ބައެއް ކުޅިވަރުތަކުގައި އޮލިމްޕިކުގެ ކޮލިފައިން މަރުހާލާގެ ތެރެއިންނެވެ.

އޮލިމްޕިއަނަކަށް ވުމަކީ ބޮޑު ޝަރަފެކެވެ. ނަމަވެސް ރާއްޖޭގައި އެ އިހުތިރާމެއް އެ ވެލިއުއެއް ވެސް ނެތެވެ. ދުނިޔޭގެ އެހެން ތަންތަނުގައި އޮލިމްޕިކް އެތުލީޓާ މެދު ދެކެނީ ގައުމީ ފަޚުރެއްގެ ގޮތުގަ އެވެ. އެ ގައުމުތަކުގެ ސްކޫލް އުމުރު ފުރައިގެ އަތުލީޓުންނަށް، އޮލިމޕިކް އެތުލީޓުންނާ ބައްދަލު ކުރުމުގެ ފުރުސަތު އޮންނަނީ ވެސް ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ. އޮލިމްޕިކްސްގައި އެންމެ ގިނަ މެޑަލް ހޯދާ ގައުމުތަކުން ވެސް ވާދަކުރާ ހުރިހާ އެތުލީޓުންނަކަށް މެޑަލްއެއް ނުލިބެ އެވެ. ނަމަވެސް އެ ވާދަކުރި އެތުލީޓަކީ އޮލިމްޕިއަނެއްގެ ދަރަޖަ އަށް ވާސިލުވެފައިވާ މީހެއް ކަމަށް ވުމުން ހާއްސަ ގަދަރަކާއި އިހުތިރާމެއް އަދާކުރެ އެވެ.

"އެހެން އެވަނީ އެ ގައުމުތަކުގައި ސްކޫލް ދައުރުން ފެށިގެން އޮލިންޕިކްސްގެ ވެލިއުތަކާއި، އޮލިމްޕިކް ގޭމްސްއެއްގައި ބައިވެރި ވުމަށް އެތުލީޓަކު އެވާ ގުރުބާނީ. ކުރަންޖެހޭ ތަމްރީނުތަކާ، އެހާ ހިސާބަށް ވާސިލްވާން ކަޑަތުކުރާ އުނދަގޫ ހަރުފަތްތަކާ ބެހޭ މައުލޫމާތު ކުދިންނަށް ސްޕޯޓްސް އެޑިއުކޭޝަންގެ ތެރެއިން އުގަންނައިދެވިފައި ހުރުމުން،" ހާނިމް ވިދާޅުވި އެވެ.

ރާއްޖޭގައި އޮލިންމްޕިކް ގޭމްސް އަށް އޮންނަ އަހަންމިޔަތު ކުޑަ އެވެ. ހާނިމް ވިދާޅުވި ގޮތުގައި އޮލިމްޕިޒަމް ޕްރޮމޯޓު ކުރުމުގެ ހަރުދަނާ މަސައްކަތެއް ވެސް ރާއްޖޭގައި ކުރިއަކަށް ނުގެންދެވެ އެވެ. އެ ހާލަތު ބަދަލުވާން ޖެހެ އެވެ. ދިވެހި ކުޅިވަރުގެ ގްރޭންޑް ފިނާލޭ އަށް ވާން ޖެހޭނީ އޮލިމްޕިކުސްގައި ވާދަކުރާ އެތުލީޓުންނަށް ހިތްވަރު ދިނުމަށް ހިންގާ ހަރަކާތްތަކެވެ. ކޮވިޑުގެ ހާލަތުގެ ތެރެއިން ވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެތުލީޓުންނަށް ހިތްވަރުދީ ހެޔޮ އެދުން ފޮނުވުމުގެ ހަރަކާތައް ކުރިއަށް ގެންދިޔަ އެވެ. ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖޭގައި ވެސް އެކަން ކުރެވޭނެ އެވެ.

"މިސާލަކަށް ދިވެހި ކޮންޓިންޖެންޓް ފުރުވާލުން ފިސާރި ކުލަގަދަކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް. ހަމަ އެހެންމެ މީޑިއާ އިން ކުޅެދޭން ޖެހޭ ދައުރު ވެސް އެހާމެ ބޮޑެވެފައި މުހިންމު. ކުޅިވަރާބެހޭ މުއައްސާތަކުގެ ދައުރު ވެސް އެހާމެ ބޮޑު،" ހާނިމް ކިޔައި ދެއްވި އެވެ.

"އޮލިމްޕިކް ގޭމްސް އިން ރާއްޖެ އަށް މެޑެލްއަކާ ހަމައަށް ނުދެވުނަސް އަދި އޮލިމްޕިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓް ކިތަންމެ ކުޑަ ނަމަވެސް ފިސާރި ކުލަގަދަ އަދި މީޑިއާ ހައިފް ވެސް ބޮޑުކޮށް ރާއްޖޭގެ ކުދި ބޮޑު އެންމެނަށް ރާއްޖެ އިން އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމު ފުރަނީކަން އެނގެންވާނެ. ރާއްޖޭގެ އަތުލީޓުން ވާދަކުރާ ދުވަސްތަކާއި އިވެންޓުތައް އޮންނާނެ ގަޑި އާންމުކޮށް އަންގަން ވާނެ. ޓީވީން އޮލިމްޕިކް ގޭމްސް އަށް ހާއްސް ކަވަރޭޖެއް ކުރިއަށް ގެންދިއުން ވެސް އެހާ މުހިންމު."

އޮލިމްޕިކް ގޭމްސް އަކީ ކިހާވަރެއްގެ ބޮޑު ޝަރަފެއްކަން ކިހާ މުހިންމު ކަމެއްކަން ކުޅިވަރު އުޅޭ މަދު މީހަކަށް ނޫނީ ނޭނގޭ ކަމަށް ހާނިމް ވިދާޅުވި އެވެ

"އޮލިމްޕިކް ގޭމްސްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބުމަކީ ވެސް ކިހާ ބޮޑު ޝަރަފެއްކަން ކުޅިވަރުގެ އެންމެ އެލީޓު ލެވަލްގައި ކުޅޭ ކުދިންގެ ތެރެއިން ވެސް މަދު ކުއްޖަކަށް ނޫނީ އެނގެއެކޭ ވެސް އަޅުގަނޑު ނުދަންނަވާނަން،" ހާނިމް ވިދާޅުވި އެވެ.

"އެހެން ވާން އެ ޖެހެނީ ސަބަބުތަކެއް ވެސް ނެތިއެއް ނޫން. އެއީ އަޅުގަނޑުމެންގެ މި ތައުލީމީ ނިޒާމުގެ ތެރޭގައި ސްޕޯޓްސް އެޑިއުކޭޝަން ވަރަށް ހީނަރުކޮށް މި އޮތީ."

ހާނިމް ސަފުގެ ތިން ވަނައިގައި

އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ ކޮންމެ އަތުލީޓަކީ މެޑަލިސްޓަކަށް ނުވާނެ އެވެ. އޮލިމްޕިކްސްގައި މެޑަލް ހޯދި ގައުމުތަކުން އެ މަސައްކަތް ކުރީ އަހަރުތަކެއްގެ ބުރަ މަސައްކަތުންނެވެ. މިހާރު ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސްގައި ފިލިޕީންސުން ރަން މެޑަލްއެއް ހޯދީ އެ ގައުމު އޮލިމްޕިކްސްގައި ވާދަކުރަން ފެށިތާ 94 އަހަރު ފަހުންނެވެ. ހާނިމް ހަނދާނަށް ގެނައީ އޮލިމްޕިކް ފައުންޑާ، ޕިއާޑި ކުބާޓަން ވިދާޅުވެފައިވާ ވާހަކައެކެވެ.

"އެ ބޭފުޅާ ވެސް ވިދާޅުވެފައި އޮންނާނެ؛ އޮލިމްޕިކް ގޭމްސްގައި މެޑަލް ހޯދުން އެއީ ހަމައެކަނި އެންމެ މުހިންމު ކަންތައް ނޫން ކަމަށް. އޮލިމްޕިކް ގޭމްސްގައި ބައިވެރިވުން ވެސް އެއީ ލިބޭ އެހާމެ ބޮޑު ޝަރަފެއް ކަމަށް. ބައިވެރިވާ ހުރިހާ އެތުލީޓުންނަކަށް ރަން މެޑަލެއް ނުލިބޭނެ. އެހެންވީމަ އޮލިމްޕިކް ގޭމްސްގައި ވާދަކުރަން ލިބޭ ފުރުސަތަކީ ވެސް ވަރަށް ބޮޑު ޝަރަފެއް،" ހާނިމް ވިދާޅުވި އެވެ.

"ދެން އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުން ޖެހޭނެ އެނބުރި އައިސް އޮލިމްޕިކްސްގެ މުހިންމުކަން އަދި އޮލިމްޕިކްސް އަށް ދާން ތިމަންނަމެން ކުރި މަސައްކަތަކީ މިއީކަން. މިއީ މިހާ ބުރަ މަސައްކަތެއްކަން. ތިމަންނަމެން ކުރި އިހްސާސަކީ މިއީކަން. ތިމަންނަމެންނަށް ލިބުނު ތަޖުރިބާއަކީ މިއީކަން. ދުނިޔޭގެ އެންމެ މޮޅު އެތުލީޓުނާއި ދިމާވެ އެ ފަރާތްތަކާ ވާހަކަ ދައްކާލުމުން ލިބުނު މައުލޫމާތުތަކާއި އޮލިމްޕިކް ގޭމްއަކުން މެޑަލެއް ލިބެނީ ކިހާ ދުވަހެއްގެ ކިހާ ބުރަ މަސައްކަތަކުންކަން ޒުވާން އަތްލީޓުންނަށާއި މަދަރުސާތަކުގެ ދަރިވަރުންނަށް ކިޔައިދޭން ޖެހޭނެ."

ރާއްޖެ އަށް އޮލިމްޕިކް މެޑަލެއް ހޯދޭނެ

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ކުޅިވަރުގައި އެންމެ ގިނަ ހުނަރު އޮތް ތަނަކީ ރާއްޖެ ކަމަށް ހާނިމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު އެކަނި ބުނާ ވާހަކައެއް ނޫން. ބޭރުގެ ކުޅިވަރުގެ މާހިރުންނާއި ތަޖުރިބާކާރުން، ރާއްޖެ އައިސް އެކި ކުޅިވަރިތަކުގައި މަސައްކަތް ކޮށްފައިވާ މޮޅު ކޯޗުން ވެސް ބުނާ ވާހަކައެއް،" ހާނިމް ވިދާޅުވި އެވެ.

އެހެންވީއިރު ރާއްޖެ އަށް އޮލިމްޕިކް ގޭމްސް އިން މެޑަލްއެއް ހޯދޭނެހެއްޔެވެ؟ މިސުވާލަށް ޖަވާބު ދިނުމުގައި ހާނިމުގެ އަޑުގައި ވެސް ސާބިތުކަމެއް ހުއްޓެވެ.

އޭނާ ދެކޭ ގޮތުގައި 15 އަހަރުގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލައިގެން ބޭރުގެ ފަންނީ ތާޖުރިބާކާރު މާހިރުންގެ އެހީ ހޯދައިގެން އެ ޕްލޭނާ އެއްގޮތަކަށް މަސައްކަތް ކޮށްފި ނަމަ ރާއްޖެ އަށް އޮލިމްޕިކްސްގައި މެޑައްޔެއް ނުހޯދެންވީ ސަބަބެއް ނެތެވެ.

"މި ދެކެވެނީ ވަރަށް ބޮޑު ވާހަކައެއް. މިކަމަށް ވަރަށް ބުރަ އެހާމެ ފުރިހަމަ މަސައްކަތްތަކެއް ފުރިހަމަ ޕްލޭނެއްގެ ދަށުން ކޮށްގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ވަރުގެ ވާހަކައެއް. އެކަމަކު ވެސް އަޒުމު ކަނޑައަޅައިގެން އެކަން ކުރަން އުޅެފިއްޔާ ވާނެ."

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

31 July 2021

ހާނިމްގެ ވާހަކަ ކޮޅުންވެސް އެގެނީ ވަރަށް ކުރިޔަށް ޕްލޭންކޮއްގެން ކަން ކާމިޔާބްގެ މަންޒިލްއަށް ދެވޭނީ. ހުރިހާގައުމުގެއްގައިވެސް ކަންކުރާ އުސޫލަކީ ތިޔައީ 20 15 އަހަރުގެ ދިގުރާސްތާއަކަށް ޕްލޭންކުރުން. މިސަރުކާރުންވެސް އަދި ކުރީ ސަރުކާރުތަކުންވެސް ޕްލޭންކުރޭ އެކަމަކު ބޭންުނވާވަރަށް އިންފްރަސްޓްރަކްޗަރ ހެދިފައިނެތީ.

The name is already taken The name is available. Register?

މޫމިން

30 July 2021

އޮލިމްޕިކްސް އާ ދޭތެރޭ ދިވެހިންދެކޭ ގޮތް ބަދަލުކުރުމުގެ ފުރުސަތު އެންމެ ބޮޑަށް ލިބުނީ ހާނިމަށް. އޮލިމްޕިކް ކޮމިޓީގަ އުޅުނު. އެތްލީޓަކަށް އުޅުނު. ސްކޫލުގައި ދަރިވަރުން ޓްރެއިން ކުރަން އުޅުނު. ޔޫތު މިނިސްޓްރީގައި އުޅުނު. ނުވިތާކަށް ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރަން ލިބުނު. ސިޔާސީ ޕާޓީގެ އިސްސަފުގަ މަސައްކަތް ކުރަން ލިބުނު. މިހުރިހާ ތަނެއްގަ އުޅުނު އިރު ހާނިމް މީހުންގެ އެޓިޓިއުޑް ބަދަލުކުރަން ކުރީ ކޮންކަމެއްބާ؟

The name is already taken The name is available. Register?

ދިވެހިއްޔާ

30 July 2021

ހހހާނިމްބެޔޭ މިތަނުގަ ކުޅިވަރު ތަރައްގީކުރަންޏާ އިންފްރާންސްޓްރަކްޗާރ ތަރައްގީކުރާށެވެ.

The name is already taken The name is available. Register?

މުލޭ

30 July 2021

ހިތްވަރު ހުރިއްޔާ މިހާރު މިހިރަ އިންފްރާސްޓްރަކްޗަރ ބޭނުންކޮށްގެން ވެސް މެޑެއްޔަކާ ހަމައަށް ދެވިދާނެ. އެންމެ މަތީފެންވަރުގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަކީ މި ދިވެހިރާއްޖެއަށް އަދި ވާންއޮތްކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454