ވާހަކަ / ބިރުވެރި މާލެ ދަތުރު

ބިރުވެރި މާލެދަތުރު

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

"މިހާ އަވަހަށް؟" ހައިރާންވެފައި ފާޒިރާ ބުންޏެވެ. "ކިހިނެއްވީ؟"

"މާ ހޫނުގަދައީ،" އަހަރެން ސަބަބެއް ހަދައިލީމެވެ. "މި ތާކު ނުވާނެ ކެތެއް."

"އެކަމަކުވާ!" ފާޒިރާ އަށް ލިބުނީ ޝޮކެކެވެ. "އޭސީ ހުންނަ ތަންތަނެއް ނުލިބޭނެ. އަހަންނަށް ފެންނަނީ.."

"ބަލައިލަދީބަލަ!" އަހަރެން އެދުނީމެވެ. "އޭސީ ނެތަސް މާ ހޫނު ނޫން ތަންތަން ހުންނާނެއްނު! އަޅެ ބަލައިދީބަލަ! މި ރޭ މި ތާކު ނުނިދޭނެ."

"ނާސިހާ!" ފާޒިރާ ބުންޏެވެ. "މާލެއިން ތަނެއް ހޯދުމަކީ ތިހާ ފަސޭހަ ކަމެއް ނޫނޭ. އާދެ މިކޮޅަށް. ތަނެއް ލިބުނީމަ ބަދަލުވާނީ. މި ތަނުގަ އޭސީއެއް ނުހުންނާނެ. އެކަމަކު ވަރަށް.."

"ރަނގަޅުވާނެ،" އަހަރެން އެއްބަސްވީމެވެ. "އަހަންނަކަށް ނޭނގެ ތި ގެއަށް ކިޔާ ނަމެއް ވެސް. ޓެކްސީއަށް އަރައިފައި ޑުރައިވަރު އަތަށް ފޯނު ދޭނަން. ފާޒިރާ ފޯނު ހިފައިގެން އުޅޭތި."

އެ ރެއިން އެ ރެއަށް ފާޒިރާ އުޅޭ ތަނަށް ބަދަލުވީމެވެ. ހަލީމާ ގާތަކު ނުވެސް ބުނަމެވެ. އެއީ އަހަރެން ބަދަލުވި ތިންވަނަ ގެއެވެ. އެ ގެ ހުންނަނީ ބުރިބުރިއަށް ހަދައިފައެއް ނޫނެވެ. ވަރަށް އާދައިގެ ގެއެކެވެ. އެ ގޭގައި ދެ ޖިންސުގެ ވަރަށް ގިނަ މީހުން އުޅެއެވެ. ގޭގެ މީހުންނާއި، ގޭގެ މީހުންގެ ތިމާގެ މީހުންނާއި، އެ މީހުންގެ އަނބިދަރިންނާއި، ދަތުރުވަރުގައި އައިސް އުޅޭ މީހުންނާއި، ދުވަހު ކުއްޔަށް އުޅޭ މީހުންނެވެ. ކުޑަކުދިން ވަރަށް ގިނައެވެ. އަޑުފައްގަނޑު ވަރަށް ގަދައެވެ. ކޮޓަރިތައް ކުދިކަމާއި ގިނަކަމުން ހީވަނީ ކޮތަރު ކޮށްޓެއް ހެންނެވެ. ޓީވީއެއް ނުވަތަ ރޭޑިޔޯއެއް ނުހުންނަ ކޮޓަރިއެއް ނެތް ކަހަލައެވެ. ކޮންމެ ތާކުން ވެސް ހުންނަނީ ވަރަށް އަޑު ގަދަކޮށްފައެވެ. އެކިއެކި ޓީވީ ޗެނަލުތަކުގެ އަޑުއިވެ އެވެ. ދެ ކޮޓަރިއަކުން އެއް ޗެނަލެއްގެ އަޑެއް ނާދެއެވެ. ހިންދީ ސީރީޒާއި ހިންދީ ލަވައިގެ އަޑެވެ. އިނގެރޭސިން ވާހަކަދައްކާ އަޑާއި، ބަޑިތަޅާ އަޑާއި، ދިވެހި ލަވަޔާއި، ދިވެހި ޚަބަރުގެ އަޑެވެ. ދިވެހި ޗެނަލުތަކުން އިވޭ ސިޔާސީ ހަޅޭކާއި، ބަޔަކު ސިޔާސީ ޒުވާބެއް ކުރާ އަޑު ވެސް އިވެ އެވެ. ސިނގެރޭޓު ދުމުން މުޅި ތަން އޮތީ އެއްވަސް ވެފައެވެ. ގެއަށް ވަދެފައި ވެސް ހިތަށްއެރި އެވެ. އެ ގެއަކު އަހަންނަކަށް ކެތެއް ނުވާނެ އެވެ. އެކަމަކު އެހެން ގޮތެއް އެ ރެޔަކު ނެތެވެ. ފާޒިރާއާ އެކުގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ފާޒިރާ ނިދަނީ އެ ގޭގައި ހުންނަ ރައްޓެހި އަންހެން ކުއްޖެއްގެ ކޮޓަރިއެއްގައެވެ. އެއް އެނދުގައެވެ. އެއީ ހަތަރު ފޫޓު ހަ ފޫޓުގެ އާދައިގެ އެނދެކެވެ. ހަމަޖެހިލައިގެން ނިދޭނީ އެކަކަށެވެ. ދެ މީހުން ތިބޭއިރު ފުރޮޅިލާނެ ޖާގައެއް ނޯވެއެވެ. ތިން މީހުންނަކަށް ނުނިދޭނެ އެވެ.

"އަހަރެން އޮވެދާނަން ބެޑްޝީޓެއް އަޅައިލައިގެން ތަޅުންގަނޑުގައި." އަހަރެން އިސްނަގައި ބުނީމެވެ.

އަހަންނަކީ ތަޅުންގަނޑުގައި ނިދި މީހެއް ނޫނެވެ. ގޮދަނޑި ނޫން ތަނެއްގައި ނިދި މީހެއް ވެސް ނޫނެވެ. ފާޚާނާ ކުޑަވެފައި، ވައި ދައުރުވާނެ އެއްވެސް ގޮތެއް ނެތެވެ. މިނެޓެއް ނުވަނީސް އަހަރެން ނޭވާހާސްވެއެވެ. ހިތަށްއެރިއެވެ. އެއް ރެޔަށް ވުރެ ގިނަ ރެޔަކު އެ ތަނުގައި ހުންނާކަށް ނުޖެހޭނެއެވެ.

ކޮލެޖަށް ގޮސްފައި އެކި ކުދިންނާ ވާހަކަ ދެއްކީމެވެ. އެހެން ތަނެއް ލިބޭތޯ މަސައްކަތް ފެށީމެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެވަނަ ރެޔަކު ވެސް ނިދަން ޖެހުނީ ކޮތަރު ކޮށީގައެވެ. ދަންވަރު ދޭއްޖަހާއިރު ވެސް ޓީވީތަކުގެ އަޑުފަށްގަނޑު ނުކެނޑެއެވެ. އެ ރޭ އަހަންނަށް މޫމިނާގެ މެސެޖެއް ލިބުނެވެ. މޫމިނާއަކީ ކޮލެޖުން ދިމާވި ކުއްޖެކެވެ. އޭނައަށް ތަނެއް ލިބުނީއެވެ.

"މިގެ ކައިރީގަ ހުންނަ ގެއެއް،" މޫމިނާ ބުންޏެވެ. "އެ ގޭ ދައްތަ ބުނީ ގޭގަ ހުންނާނެ ކުއްޖަކު ހޯދަދީބަލާށޭ."

"އަޅެ ތި ތަން ހޯދަދީބަލަ!" އަހަރެން ބުނީމެވެ. "ކިހާ ވަރަކަށް؟"

"އެހެނެއް ނުބުނޭ،" މޫމިނާ ބުންޏެވެ. "ދައްތަ ބުނީ ހުންނާނެ ކުއްޖަކު ހޯދައިދޭށޭ. އެކަމަކު އެއީ ވިލިނގިލި އިނގޭ."

އަހަންނަކަށް ފަސޭހައެއް ނުވާނެއެވެ. އެހެންނަމަވެސް އެހެން ގޮތެއް ނެތެވެ.

"ވިލިނގިއްޔަކަސް ހެވޭ،" އަހަރެން ބުނީމެވެ. "ތި ތަން ހަމަޖެހޭތޯ ބަލާ! މި ރޭ ލިބޭނެތަ؟"

އެ ރެޔަކު ހަމައެއްނު ޖެހުނެވެ. ތަން ލިބުނީ ޖެހިގެން އައި ދުވަހުއެވެ. ކޮލެޖުން އައި ގޮތަށް ވިލިނގިއްޔަށް މިސްރާބު ޖެހީމެވެ. އަހަންނާ އެކުގައި މޫމިނާ ވެސް ދިޔައެވެ. އެ ގެއަށް ވަދެވުނީ އިރުއޮއްސުނު ފަހުންނެވެ. އެ ގެއަކީ ބުރިބުރިއަށް ހުރި ގެއެއް ނޫނެވެ. އުންމީދު ކުރިހާ ސާފުތާހިރު ގެއެއް ވެސް ނޫނެވެ. ބަދިގެ ވަރަށް ކުޑައެވެ. އުނދުން ކައިރީގައި އެއްފަހަރާ ދެ މީހަކަށް ނުތިބެވޭނެ އެވެ. ގޭގެ ވެރިމީހާއަކީ ޒާހިރާއެވެ. ވަރަށް ހިތްހެޔޮކޮށް ވާހަކަދައްކާ އޯގާތެރި މީހެކެވެ. އަގު އެހީމައި އަގެއް ނުބުންޏެވެ. ފައިސާއަކު ނުހިފިއެވެ. އަހަރެން ހުންނާނެ ދުވަހަކު ހުންނަންވީއެވެ. ކޮޓަރި ދެއްކުމުގެ ކުރިން އަހަރެންނަށް ކާންދިނެވެ. އެކިއެކި ވާހަކަ އަހައި، ގޭގެ ކަންތައްތައް ކިޔައިދިނެވެ. މާލެ އައިސް ވީ މަދު ދުވަސްކޮޅު އަހަންނަށް ކުރެވުނު ތަޖުރިބާ އަހަރެން ހިއްސާކުރީމެވެ.

"މިހާރު މީ ހަތަރުވަނަ ގެ." އަހަރެން ބުނީމެވެ.

"މިގެއަކު ތި ކަހަލަ އެއްވެސް ކަމެއް ދިމައެއް ނުވާނެ." ޒާހިރާ ޔަގީންކަން ދިނެވެ.

އެ ގޭގައި ތިން ކޮޓަރި ހުރެއެވެ. އެއް ކޮޓަރީގައި ޒާހިރާގެ ދެމަފިރިންނެވެ. އަނެއް ކޮޓަރީގައި ޒާހިރާގެ ހަގު އަންހެން ދަރިފުޅު ޖުމާނާއެވެ. ލަފާކުރެވޭ ގޮތުގައި ފަނަރަސޯޅަ އަހަރުގެ ކުއްޖެކެވެ. ޒާހިރާގެ ދޮށީ ދަރިފުޅު މީހަކާ އިނދެގެން އުޅެނީ މާލޭގައެވެ. އޭނަ އުޅުނު ކޮޓަރީގައި އުޅެނީ ޒާހިރާގެ ބޮޑުދައިތައެވެ. އޭނައަކީ ދެބައި އުމުރަށް ވުރެ ދޮށި މީހެކެވެ. އަހަރެން ހުންނަން ޖެހުނީ ބޮޑުދައިތަ އުޅޭ ކޮޓަރީގައެވެ. އެ ތަނުގައި ވަކި ދެ އެނދު ހުއްޓެވެ. ނަސީބަކުން ހަރުގަނޑަކުން އެނދަށް އަރާކަށް ނުޖެހެއެވެ.

ނިދުމުގެ ކުރިން އަހަރެން ބަދިގެ ސާފުކުރީމެވެ. ސިންކު ދޮވެ، ތަށިތައް ވެސް އަހަންނަށް ބަލައިލަން ކެރޭވަރު ކުރީމެވެ. އެ ހުރިހާ މަސައްކަތެއް އަހަރެން ކުރިއިރު، ބޮޑުދައިތަ ވަރަށް ފަރުވާތެރިކަމާ އެކުގައި ބަލަން ހުއްޓެވެ. ނިދަން ބަލައިލިއިރު އެނދުގައި ވަރަށް ހިރަފުސް އޮތެވެ. ބާލީހުގައި މަޑުމަޑުން ޖަހައިލިޔަސް ހިރަފުހެވެ. އެކަމަކު އެ ރޭ އިތުރު މަސައްކަތެއް ކުރާނެ ހިތްވަރެއް ނެތެވެ. ފޮތިގަނޑު ނަގައިފައި ވަރަށް ރަނގަޅަށް ފޮޅައިފައި، އަނެއް ފުށުން ޖަހައިލީމެވެ. އޭގެ މަތީގައި ތުވާއްޔެއް އަޅައިފައި އޮށޯތީމެވެ. އޭރު ވެސް ބޮޑުދައިތަ އިނީ އޭނަގެ އެނދުގައި އިށީނދެލައިގެން އަހަރެން ކުރާ ކަންތަކަށް ބަލާށެވެ. އަހަރެން ދެނަހުރިކަމަކަށް ނަހަދަމެވެ. ހީކުރި ވަރަށް ވުރެ ފާޚާނާ ރީއްޗެވެ. އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފަތިހު ތެދުވެ ނިކަން ރަނގަޅަށް އެނދު ސާފުކޮށްލީމެވެ. އެނދުގައި އަޅައިފައި އޮތް ފޮތިގަނޑާއި ބާލީސްއުރަ ދޮވުނީމެވެ. ފެންވަރައިގެން ނުކުތްތަނާ ޒާހިރާ ވަނެވެ. އަހަރެން ސައިބޯން ގެންދިޔައެވެ. ޒާހިރާ ހުރީ ރޮށިފިހެ، މަސްހުނި މޮޑެފައެވެ. މުރަނގަތޮޅި ކިރުގަރުދިޔަ ވެސް ހުއްޓެވެ.

"އަޅެ އަހަންނަށް ވެސް ގޮވައިލި ނަމަ." އަހަރެން ބުނީމެވެ.

"ދެންފަހަރަކުން." ޒާހިރާ ހިނިތުންވެލައިފައި ބުންޏެވެ.

ވަރަށް ހަމަޖެހިލައިގެން ދެ މީހުން އެކުގައި ސައިބުއީމެވެ. އެހެން މީހަކު އެ ދުވަހަކު ސަޔަކު ބައިވެރިއެއް ނުވެއެވެ. ޒާހިރާގެ ފިރިމީހާ އާއި ދަރިފުޅެއް ވެސް ނުދެކެމެވެ. ހުރިހާ ކަމެއް އެހައި ރަނގަޅަށް ދިޔުމުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ޒާހިރާ އެހާ ހެވީ ކީއްވެގެން ހެއްޔެވެ؟ ބޮޑުދައިތަގެ ހަމަހިމޭންކަމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަމްޖަދު ގުޅުމުން އަހަރެން އެ ހުރިހައި ވާހަކައެއް ކިޔައިދިނީމެވެ. އޭނަ ވެސް ހައިރާންވިއެވެ. ޝުކުރު ވެސް ކުރިއެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީތީއެވެ.

ކޮލެޖު ނިންމައިފައި ގެއަށް އައީމެވެ. ބަތްކެއްކީ ޒާހިރާއެވެ. ކުދިކުދި ކަންތައްތަކުގައި އޭނާއަށް އެހީވާން އަހަރެން ހުރީމެވެ. އެންމެން ކައިނިމުމުން ތަށިތައް ދޮވެލައި، ދެން ވެސް އަހަންނަށް ހަޑިހެން ހީވާ ތަނެއް ހުރިއްޔާ ސާފުކޮށްލީމެވެ. ބޮޑުދައިތަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ކުރާ ކަންތައް ނިކަން ރަނގަޅަށް ބަލައެވެ. ނިދަން އޮށޯތްއިރު ވެސް ބޮޑުދައިތަ ބަލަހައްޓައިގެން އޮތެވެ. ދެ ފަހަރަކު އަހަރެން ބަލައިލިއިރު ވެސް އޭނަ އޮތީ ބަލަހައްޓައިގެންނެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. އެންމެ ބަހެއް ވެސް ނުބުނެ އެ ވަރަށް އޭނަ ބެލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެންމެ ފަހުން އަހަރެން ބިއްދޮށަށް އެނބުރިލީމެވެ. ނުއެއް ނިދަމެވެ. އެހެން އޮއްވާ ޒާހިރާ ވަނެވެ.

"ނިދީތަ؟" ޒާހިރާ ބުނެލި އަޑު އިވުނެވެ.

"ވަރަށް މަސައްކަތްކުރާ އަންހެނެއް ތި ގެނައީ!" ފުރަތަމަ ފަހަރަށް ބޮޑުދައިތަގެ އަޑު އަހަންނަށް އިވުނެވެ.

"އޭނަ ގެނައީ މަސައްކަތްކުރާކަށް ނޫން. ކޮންމެވެސް ކޯހެއް ހަދަން އައީ،" ޒާހިރާ ބުންޏެވެ. "މާ ގިނަ ދުވަހަކު ނުވެސް ހުންނާނެ."

"ތަންތަން ކުނިކަހައި ސާފުކޮށް، ވަރުބަލިވެގެން ކަންނޭނގެ ނިދިފަ އެއޮތީ،" ބޮޑުދައިތަ ޖަވާބުދިނެވެ. "ވަރަށް މުރާލި."

ޖެހިގެން އައި ދުވަހު ފަތިހު އަހަރެން ހޭލިއިރު ބޮޑުދައިތަ އެނދަކު ނެތެވެ. އަހަރެން ނަމާދުކޮށް ނިމުނުތަނާ ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ބޮޑުދައިތަ ބޯދިއްކޮށްލިއެވެ.

"އާދޭ ރޮށިފިހަން." ބޮޑުދައިތަ ވަރަށް އާދައިގެ ރާގެއްގައި ބުނެލިއެވެ.

އަހަރެން ގޮސް ބޮޑުދައިތަ ބުނި ވަރަށް ފުށް ނަގައިގެން ރޮށިފިހެ ނިންމައިލީމެވެ.

"މި ތަން ސާފުކޮށްލަބަލަ!" ސިންކުގެ އަރިމައްޗަށް އިޝާރާތްކޮށްފައި ބޮޑުދައިތަ ބުންޏެވެ.

އަހަރެން ކުރީ ދުވަހު ވެސް އެ ތަން ސާފުކުރީމެވެ. އެކަމަކު ދެވަނަ ފަހަރަށް ވެސް ސާފުކޮށް ނިންމައިލީމެވެ.

"ތަޅުންގަނޑު ވެސް ނިކަން ރަނގަޅަށް ސާފުކޮށްލަބަލަ!" ބޮޑުދައިތަ އެދުނެވެ. "މޮޕު ވެސް ހާކާލާތި!"

އަހަރެން ތަޅުންގަނޑު ސާފުކުރީމެވެ. ވައްކަޅިން ގަޑިއަށް ބަލަމުންނެވެ. އަހަރެން ހުރީ ވިލިނގިލީގައެވެ. ފެރީ ދަތުރަށް ވެސް ވަގުތު ނަގާނެއެވެ. ޓެކްސީއެއް ލިބޭނެކަމެއް ނޭނގެއެވެ. ހިތަށްއެރިއެވެ. މާޒީ ތަކުރާރު ވަނީބާއެވެ؟

އަނެއްކާ ވެސް އަހަރެން ކޮލެޖަށް ގަޑިޖެހެނީބާއެވެ؟ ހަތެއްޖެހުމުން މަސައްކަތް ހުއްޓައިލީމެވެ.

"މިއަދު މި ހިސާބަށް ނިންމާލާނީ،" އަހަރެން ބުނީމެވެ. "ދެން އެހެން ފަހަރަކުން."

ބޮޑުދައިތަ އެއްޗެކޭ ނުބުނެއެވެ. އަހަރެން ފެންވަރައިގެން، ސައިބޮއިގެން ދިޔައީ ކޮލެޖަށެވެ. އޭރު ވެސް އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. ކޮންމެވެސް ކަމެއް ވާން އެބަ އުޅެއެވެ. ބޮޑުދައިތަގެ ނިޔަތް ރަނގަޅެއް ނޫނެވެ. -- ނުނިމޭ

20 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 52%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންމަ

11 January 2019

ވަރަށް ހާަލުގަ އުޅެނީ މާލޭގަ. ހުރިހާ ކަމެއް މާލެޔަށް ބަރޯސާވާ ގޮތަށް.

The name is already taken The name is available. Register?

ހިލިބޯ

10 January 2019

ކޮންތާކު..އަތޮޅު ތެރެއިން މި އަންނަ މީހުން ވެސް މިހާރު ސެވަން ސްޓަރ ފެންވަރުގައި ނޫނިއްޔާ އުޅޭކަށް ބޭނުމެއް ނުވޭ..ހެނދުނު ސައި ކީއްކުރަން،މެންދުރަށް ކައްކާލާވެސް ފެންނާނީ މަދު ބައެއް..އިރު އަރައިގެންނެއްނު ކަމެއް ވާނީ..މުޅިން ތަންތަނުނުން އޯޑަރު ކޮށްގެން ތައްޔާރީ ކާނާ ގެނެސްގެން ކާން ވަނީ..24 ގަޑިއިރު އޭސީ ޖަހައިގެން އުޅެން ވަނީ،ފަންކާއެއް ފެންނަން ހުއްޓަސް..ފާހާނަވެސް ހުންނަން ޖެހެނީ ރަނުން ގިރިޓީ ކޮށްފަ..ބޮޑުވަރެއް މީ

The name is already taken The name is available. Register?

ކުރަފަތްއައިމިނަ

10 January 2019

ނާސިހާ އަވަހަށް ރަށަށް ދޭބަލަ.. ރަށުގަ ވާހަކައިގެ ކުންނު އޮތީ

The name is already taken The name is available. Register?

ކުރަފަތްބޭބެގެ

10 January 2019

ރުޅިއަތުވެއްޖެ. ބިންމާ މިހާރު ލިޔާ ވާހަކަތަކުގަ މުޅިންވެސް އެއްކަމެއް ބުރުޖެހުން ނޫން ކަމެއް ނުވޭ. ދެން ތިބޭ ވާހަކަ ނިމެންދެން އެއްކަމެއް ވާނީ

The name is already taken The name is available. Register?

aރިނާ

09 January 2019

Sަސަޅި

The name is already taken The name is available. Register?

ފާތުން

09 January 2019

ކަންތައް ބޮޑީކީ ނޫން ސާފުތާހިރުކޮށް އުޅޭމީހުނަށް ކެތެއްނުވާނެ އެހާ މުޑުދާރު ތަންތާކު. ށާފުތާހިރުމީހުންނަށް އެކަން އިހްސާސްކުރެވޭނީ

The name is already taken The name is available. Register?

ރިގްއަތު

09 January 2019

އޭބުނަން ރަނގަޅު ވާހަކައެއް މާލެ ރާއްޖެތެރެ އެއްކިޔާނެ ކަމެއްނެތް އުޅުންހުރި ސާފްތާހިރު މީހުންނަކަށް ކޮންމެ ކޮންމެ ގޮތެއް ވަރިހަމަ އެއްނުވާނެ ވާހަކާގެ އެބުނުއް ނާސިހާ އެއީ ގެވެހިއަންހެނެއް ވީމަ ކަމުނުދަނީ ދޯ

The name is already taken The name is available. Register?

މާމާލެވެފަފެންވަރުއޮޅިފަ

09 January 2019

ރަށްރަށުން ކިޔަވަން މިއަންނަ ކުދިންވެސް އުޅޭނީ މިހެން. ނޫސްތަކުގަ އަބަދުވެސް މިކުދިންގެ ވާހަކަތައް ހަގީގަތް ބަލައި ލުމެއްނެތި ޖަހާ އުޅޭ. އޭސީއާ ހުރިހާ ހިދުމަތެއް ލިބިގެން ކުދިން ބަހައްޓާ ގޭގޭގަ ދުވާލަކަށް ސަތޭކަ ދީފަ މި ކަހަލަ ކުދިންގެ އެކްސްޕެކްޓޭޝަން ހުންނަނީ ސެވަން ސްޓަރ ފެންވަރުގަ. ކޮންމެ އިރެއްގެ ކެއުމަށް ބްފޭ. ނިދަން ރަން ޗާނދަލިޔާއިން ގިރިޓީކޮށްފަ ހުންނަ ކޮޓަރިއެއް! ފިހާރައެއްގެ ވަޒީފާއަކަށްވިޔަސް މާލެ ނޫނީ ކަމަކު ނުދޭ! އެވަރުންވެސް މާލެ

The name is already taken The name is available. Register?

މާލޭމީހާ

09 January 2019

ތަންފުކެއް ކަންތައް ބޮޑީ މި އަންހެނާ. ހަމަ ރާއްޖެތެރޭ މީހުންގެ ވައްތަރު.

The name is already taken The name is available. Register?

އޯހ ޕްލީޒް

09 January 2019

ވަރުގަދަ ނަސިހާ އެެއްތާ މިއީ!!! މަށަކީވެސް ކްލީން ކްލީން އެއް. ބައެއް މީހުންވެސް އެހެން ކިޔާ. އެކަމު މިވަރެއްނޫން. މަށަކީ މާލެ މީހެއް. ރަށްރަށަށް ގޮސް ތިހާ ޒާތްކޮޅުބޮޑެއްނޫން.

The name is already taken The name is available. Register?

ދިރޭރަހަ

09 January 2019

ކަލޭމެން މާލެ މީހުންނަކީ ކިބުރުވެރި ބަޔެއް. ދެން ހަޖަމްކޮށްލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454