"ސެމްސަންގް ގެލަކްސީ ބުކް" ތައާރުފުކޮށްފި އެވެ. ގަންނަންވީ ސަބަބުތައް ގިނަ ކަމަށް ސެމްސަންގުން ބުންޏެވެ. އޭގެ ކުރިން ގަދައީ ކޮން ޓެބްލެޓެއްތޯ ބަލައިލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. ޓެބްލެޓް މާކެޓްގައި ވެސް ސެމްސަންގަށް ހައިސިއްޔަތު އެބަ އޮތެވެ.
ސެމްސަންގް ގެލަކްސީ ބުކް ލެޕްޓޮޕަކަށް ނުވެ އެވެ. ޓެބްލެޓެއް ވެސް ނޫނެވެ. އެ ދެ ބޭނުންހިފޭ އާލާތެކެވެ. މި ލިޔުން ކިޔާލަން ފަސޭހަ އަށް ޓެބްލެޓޭ ކިޔާނީ އެވެ.
މި ވައްތަރުގެ ޓެބްލެޓްތައް ނިސްބަތްކުރެވެނީ ވަރަށް ހަނި މާކެޓެކަށެވެ. އިޚުތިޔާރުކުރާނެ ގިނަ އާލާތްތަކެއް ނެތެވެ. އެޕަލް އާއި މައިކްރޮސޮފްޓް ފިޔަވައި ދެން އުޅެނީ ޝޯމީ ފަދަ ދެވަނަ ގިންތީގެ ކުންފުނިތަކެވެ. އެހެންކަމުން ގެލަކްސީ ބުކްގެ ވާދަވެރިން ގޮތުގައި މައިކްރޮސޮފްޓް ސާފަސް ޕްރޯ އަދި އެޕަލް މެކްބުކާއި އައިޕެޑް ޕްރޯ ފިޔަވައި ގަދަދެއްކޭ ވަރުގެ އާލާތްތަކެއް ނެތެވެ.
ގެލަކްސީ ބުކް އޮޕަރޭޓްކުރަނީ މައިކްރޮސޮފްޓް ވިންޑޯޒުންނެވެ. މާނަ އަކީ ގެލަކްސީ ބުކް ވާދަކުރަން އޮތް ލިސްޓުން އެޕަލްގެ އާލާތްތައް ވެސް އުނިކުރެވިދާނެ ކަމެވެ. ދެން ޖެހޭނީ މައިކްރޮސޮފްޓް ސާފަސް ޕްރޯއާ ކުރިމަތިލާށެވެ.
ގެލަކްސީ ބުކްގެ އަގާ ބެހޭ ގޮތުން ސެމްސަންގުން އަދި އެއްޗެއް ނުބުނެވެ. ގެލަކްސީ ބުކް ތައާރުފުކޮށްފައި ވަނީ ހެޔޮ ވަރުގެ ސްޕެކަކާ އެކު އެވެ. ސްކްރީން ސައިޒް ދެ މިނެއްގައި ގެލަކްސީ ބުކް އުފައްދާފައި ވާއިރު އެއީ 10.6 އިންޗި އަދި 12 އިންޗި އެވެ.
ސެމްސަންގުން ގެލަކްސީ ބުކް ލިބެނީ "އެސް ޕެން" އާ އެކުގަ އެވެ. އެކަމަކު އެސް ޕެން ބޭނުންކޮށްގެން ކޮންޓްރޯލްކުރާނެ ގިނަ ސޮފްޓްވެއާތަކެއް ވިންޑޯޒް 10 އޮޕަރޭޓިން ސިސްޓަމްގައި ނެތެވެ. ގަބޫލުކުރެވޭ ގޮތުގައި ސެމްސަންގުން މި ވަރުގެ އިންވެސްޓްމަންޓެއް ކުރާނީ ތަސައްވުރެއް އޮވެގެންނެވެ.
ވިންޑޯޒް 10 ޑިވައިސްތައް ވަށައިގެން ގެލަކްސީ ޑިވައިސްތައް އެނބުރުވަން ސެމްސަންގުން މަސައްކަތްކުރެވެ އެވެ. އެ ގޮތުގައި ގެލަކްސީ ފޯނުތަކަށް އަންނަ ނޮޓިފިކޭޝަން މެސެޖްތައް ވިންޑޯޒް 10 ޑިވައިސްތަކުން ކޮންޓްރޯލްކުރެވުން ހިމެނެ އެވެ. ގެލަކްސީ ބުކަކީ ވެސް އެ ބާރު ލިބިފައިވާ އާލާތެކެވެ.
ގެލަކްސީ ބުކްގެ އަނެއް ބާރަކީ އެމޯލެޑް ސްކްރީނެވެ. އެކަމަކު އެމޯލެޑް ސްކްރީން އިންނަނީ 12 އިންޗި މޮޑެލްގަ އެވެ. އޭގެ އިތުރުން ސްޓޯރޭޖަށް ބެލި ނަމަވެސް ބާރުވެރިކޮށްފައި ވަނީ ބޮޑު ޓެބްލެޓެވެ.
ދޭދޭ މީހުންގެ ވާހަކަކަށް ބަލާއިރު ސާފަސް ޕްރޯ އަށް ވުރެ މޮޅަށް، ގެލަކްސީ ބުކަށް ކުޅެވިދާނެ އެވެ. އެކަމަކު ޝަރުތަކީ އަގު ހެޔޮވުމެވެ. މާނަ އަކީ ވާދަވެރިންނަށް ގޮތެއް ހަދާލަން ނުކުރޭ ވަރަށް ސެމްސަންގުން އަގު ހެޔަވަރުކޮށްފި ނަމަ ވިޔަފާރި ރަނގަޅުވާނެ ކަމެވެ.