މީހުން މެރުމުގެ ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި. --ފޮޓޯ:އޭއެފްޕީ
11 ޖޫން 2016 - 17:48
ޑާކާ (ޖޫން 10) - ބަންގްލަދޭޝްގައި އިތުރުވަމުންދާ މީހުން މެރުމުގެ ކުށްތަކާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި 3،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފި އެވެ.
ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ކޮންމެ މަރެއްގެ ވެސް ގާތިލްގެ ފަހަތުން ދުވެ އަތުލައިގަންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ 37 މީހުންނާއި ޖިނާއީ ކުށްތައް ކުރިން ކޮށްފައި ތިބި މީހުންނާއި އާދައިގެ ރައްޔިތުން ވެސް ހިމެނެ އެވެ. ބަންގްލަދޭޝްގައި މީހުން މެރުމުގެ ހަރަކާތްތައް ވޭތުވެދިޔަ ހަފުތާތަކުގައި ވަނީ އިތުރުވެފަ އެވެ.
"ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 3،155 މީހުން ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ޖަމާއަތުލް މުޖާހިދީން ބަންގްލަދޭޝް (ޖޭއެމްބީ) އަށް ނިސްބަތްވާ ހަނގުރާމަވެރިންގެ 37 މީހަކު ވެސް ހިމެނޭ،" ފުލުހުންގެ ޑިޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޭ.ކޭ.އެމް ޝަހިދުއްރަހުމާން އޭއެފްޕީ އަށް ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި ހިންގާ މީހުން މެރުމުގެ ހާދިސާތަކާ ދެކޮޅަށް އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ
ބަންގްލަދޭޝްގައި މީހުން މެރުމުގެ ހަރަކާތްތަކުގެ ފަހަތުގައި ވަނީ ޖޭއެމްބީ ކަމަށް ސަރުކާރުން ތުހުމަތު ކުރެ އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ދެކުނު އޭޝިއާގެ އަލްގައިދާ ގޮތްޕާ ވެސް މި ޖަމާއަތުން ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ވެރިކަންކުރާ އަވާމީ ލީގުގެ ބައްދަލުވުމެއްގައި ބޮޑު ވަޒީރު ހަސީނާ ވިދާޅުވީ ގައުމުގައި ހިންގާ ހަމަނުޖެހުންތައް ފުލުހުން ހަމައަކަށް އަޅުވާނެ ކަމަށެވެ.
"މުޖްރިމުން ފިލާ ތިބޭނީ ކޮންތާކު؟ މިިދިޔަ އަހަރު ގައުމުގެ ދަތުރު ފަތުރުގެ ނިޒާމް ހުއްޓާލި މީހުން ހޯދި ގޮތަށް މި މުޖްރިމުންތައް ވެސް ތިބި ތަނަކުން ނެރޭނަން،" ހަސީނާ އިންޒާރު ދެއްވި އެވެ.
"މުޖްރިމުން ފިލާ ތިބޭނީ ކޮންތާކު؟ މިިދިޔަ އަހަރު ގައުމުގެ ދަތުރު ފަތުރުގެ ނިޒާމް ހުއްޓާލި މީހުން ހޯދި ގޮތަށް މި މުޖްރިމުންތައް ވެސް ތިބި ތަނަކުން ނެރޭނަން،" ހަސީނާ
ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ މިއީ ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރަން ފެށި ކެމްޕޭނެއް ކަމަށެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް ފަޚުރުލް އިސްލާމް އާލަމްގީރު ވިދާޅުވީ އެ ޕާޓީ އަށް ނިސްބަތްވާ އެތައް ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހަސީނާ ވިދާޅުވީ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ބީއެންޕީ އާއި އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތު އިސްލާމް ޕާޓީން އުޅެނީ ގައުމުގައި ހަމަނުޖެހުން އުފައްދާ ހަލަބޮލިކޮށްލަން ކަމަށެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy