ޕެރޫގެ ކުރީގެ ރައީސް ޓޮލެޑޯ. --ފޮޓޯ:ރޮއިޓާސް
11 ފެބުރުއަރީ 2017 - 17:23
ލީމާ (ފެބްރުއަރީ 11) - ޕެރޫގެ ކުރީގެ ރައީސް އަލެހެންދުރޯ ޓޮލެޑޯ ހައްޔަރު ކުރަން މަގުފަހިކޮށް ދިން ފަރާތަކަށް 30،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.
ޕެރޫގައި 2001 އިން 2006 އަށް ވެރިކަން ކުރެއްވި ރައީސްގެ މައްޗަށް ތުހުމަތުކޮށްފައިވާ 20 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރަން މިހާރު ވަނީ ކޯޓު އަމުރެއް ވެސް ނެރެފަ އެވެ. މި ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ބްރެޒިލްގެ ކުންފުންޏަކަށް ދީގެންނެވެ.
ޕެރޫގެ އޮފިޝަލުން ބުނެފައި ވަނީ ޓޮލެޑޯ ދިރިއުޅެނީ އެމެރިކާގެ ސެން ފްރެންސިސްކޯގައި ކަމަށެވެ. އޭނާ އިޒްރޭލަށް ވަޑައިގެންފާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސްޓެންފޯޑް ޔުނިވާސިޓީގެ ވިޒިޓިން ޕްރޮފެސަރެއް ކަމަށްވާ ޓޮލެޑޯގެ އަންހެނުންނަކީ އިޒްރޭލުގެ ރައްވެއްސެކެވެ. ޕެރޫ ސަރުކާރުން ބުނެފައި ވަނީ ޓޮލެޑޯ ހައްޔަރު ކުރުމުގައި އެހީތެރިވުމަށް އެމެރިކާ އާއި އިޒްރޭލުގައި ވެސް އެދިފައިވާ ކަމަށެވެ. އަދި ޓޮލެޑޯ ހައްޔަރު ކުރުމަށް އެހީތެރިވުމަށް އިންޓަޕޯލުގައި އެދިފައިވާނެ ކަމަށް ވެސް ޕެރޫގެ ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.
ޕެރޫގެ މިހާރުގެ ރައީސް ޕެޑްރޯ ޕަބްލޯ ވަނީ ޓޮލެޑޯ ގައުމަށް ވަޑައިގެން ތަހުގީގަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ދާދި ފަހުން ދެއްވި އިންޓަވިއުތަކުގައި ޓޮލެޑޯ ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ރިޝްވަތުގެ މައްސަލައާ ދެކޮޅު ހައްދަވައިފަ އެވެ.
ޓޮލެޑޯގެ ކުރިން ޕެރޫގައި ރައީސްކަން ކުރެއްވި އަލްބާޓޯ ފުޖިމޯރީ މިހާރު ހުންނެވީ ޖަލުގަ އެވެ.
ޕެރޫގެ ކުރީގެ ރައީސް ޓޮލެޑޯ ރިޝްވަތު ނެންގެވި ކަމަށް ބުނާ ބްރެޒިލްގެ ކުންފުނި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލާ މަލްޓި-ނޭޝަނަލް ކޮރަޕްޝަނުގެ މައްސަލައެއްގެ ސަމާލު ކަމަށް އައިސްފަ އެވެ. ލެޓިން އެމެރިކާގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށް ރިޝްވަތުގެ ގޮތުގައި 800 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ޕެރޫ ސަރުކާރަށް 2005 އިން 2014 އާ ދެމެދު ދިން 29 މިލިއަން ޑޮލަރުގެ ރިޝްވަތު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑީބް އެންޑް ބަދީއް
11 February 2017
ތިވަރުބޮޑުކަމެއް ކުރަންދާން 30000 ތަންކޮޅެއް މަދު.
ވަޓް
11 February 2017
ހެއިލޯ ޕެރޫގެ ސަރުކާރު. ކޮރަޕްޓް ލޯޑުން ހައްޔަރު ކުރަން ތަމެން ތިޔާ ހުށައެޅީ 30 ހާސް ޑޮލަރު. އެއީ ބަތްކައްކާ ކުޅޭ ޕްރައިސް ޓެގް ދޯ. ހޭވް އަ ޕްރައިސް ޓެގް އޮފް ފައިވް މިލިއަން ޑޮލަރ އެއިރުން ތިކަމާއި މީހަކު އުޅޭނީ ވެސް.