އަލްބޭނިއާގެ ބޮޑުވަޒީރު އެދީ ރަމާ: އޭނާ ވިދާޅުވީ އެ ގައުމުގެ ދީނީ މަޒްހަބަކަށް ކުޑަ ދައުލަތެއް އުފައްދައި ދޭނެ ކަމަށް
24 ސެޕްޓެމްބަރ 2024 - 06:10
ޓިރާނާ، އަލްބޭނިއާ (ސެޕްޓެމްބަރު 24) - އަލްބޭނިއާގައި އެކި ދީންތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމުގެ މަޝްވަރާތައް ފަސޭހަކުރުމަށް އެ ގައުމުގައި ސޫފީ މަޒްހަބުގެ ވަކި ފިރުގާއަކަށް ކުޑަކުޑަ މިނިވަން ދައުލަތެއް އުފައްދަން ނިންމައިފި އެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އެދީ ރަމާ ވިދާޅުވީ އެ ކުޑަ ދައުލަތުން އެ ގައުމުގެ ހަތަރުވަނަ އަށް އޮތް ދީނީ އަގީދާ ކަމަށްވާ ބެކާތިޝިއްޔާ މުސްލިމުންނަށް ސިޔާސީ ދައުލަތެއްގެ ސިފައިގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ބެކާތިޝިއްޔާ ފިކުރަކީ 19 ވަނަ ގަރުނުގައި އުފެދުނު ދީނީ ފިކުރެކެވެ. އެ ފިކުރުގެ ބާނީ އަކީ އުސްމާނީ ހިލާފަތުގެ ދުވަސްވަރު އުޅުއްވި ސޫފީ މުސްލިމެއް ކަމަށްވާ ހާޖީ ބެކްތާޝް އެވެ.
އެއީ އަލްބޭނިއާގެ އާބާދީގައި ހަތަރުވަނަ އަށް އެންމެ ބޮޑު ފިކުރެވެ. ސުންނީ މުސްލިމުންނާއި އޯތަޑެކްސް ނަސާރާއިން އަދި ކެތޮލިކުންނަށް ފަހު އަލްބޭނިއާގައި ދެން އެންމެ ބޮޑު ފިކުރަކީ ބެކާތިޝިއްޔާއިންނެވެ.
އުސްމާނީ ހިލާފަތް އުވާލުމަށް ފަހު ވަކި ދައުލަތެއް ތުރުކީގައި އުފަން ކުރި މުސްތަފާ ކަމާލް (އަތާތުރުކް) ގެ ވެރިކަމުގައި، ބަކްތާޝިއްޔާގެ ހަރަކާތްތައް ވެސް ތުރިކީގައި މަނާ ކުރުމުން، އެ ފިކުރުގެ ގިނަ އަދަދެއްގެ ބަޔަކު، އެ ގައުމު ދޫކޮށް އަލްބޭނިއާ އަށް ހިޖުރަކުރި އެވެ.
އ.ދ ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އެދީ ރަމާ ވިދާޅުވީ އަލްބޭނިއާގެ ވެރިރަށް ޓިރަނާ އަކީ ބެކްތާޝީ ފިކުރުގެ މައި މަރުކަޒުކަމުގައި ހަދަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހިތްވަރަކަށްވީ ޓިރަނާގައި ގައި ހުންނަ ބެކްތާޝީ ވޯލްޑް ސެންޓަރު. (އެ ސަރަހައްދަކީ) މިނިވަން ދައުލަތަކަށް ހަދަން އިއުލާން ކުރަން. އޭގެ ބޭނުމަކީ މެދުމިނު އުސޫލުތަކުގެ އާ މަރުކަޒަކަށް އެތަން ހެދުން. އެހެން ދީންތަކުގެ މެދުގައި ވެސް ސުލްހަވެރި އެކުވެރިކަން ދަމަހައްޓައި ދޭ އާ މަރުކަޒަކަށް ބަދަލުކުރުމަށް އެއްބާރުލުން ދިނުން،" ރާމާ ވިދާޅުވި އެވެ.
އޭނާގެ އެ ނިންމެވުމަށް ބެކްތާޝީން ވަނީ މަރުހަބާ ކިޔައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy