ގްލޯބަލް ސުމުދް ފްލޮޓީލާގެ އުޅަނދުތަކެއް ޣައްޒާއަށް ދަތުރު ފެށުމުގެ ކުރިން ސްޕެއިންގެ ބާސެލޯނާ ބަނދަރުގައި. -- ފޮޓޯ: ރޮއިޓާޒް
24 ސެޕްޓެމްބަރ 2025 - 09:59
ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ އެކްޓިވިސްޓުން އެހީގެ ސާމާނާ އެކު ޣައްޒާއަށް ވަންނަން ދަތުރުކުރަމުން ގެންދާ އުޅަނދުތަކަށް ހަމަލާދީ ހުރަސްއަޅަން ފަށާފައިވާ ކަމަށް އެ ދަތުރު އިންތިޒާމްކުރާ މީހުން ބުނެފި އެވެ.
ސުމުދު ފްލޮޓީލާގައި 51 އުޅަނދު ހިމެނޭއިރު އެ އުޅަނދުތައް މިހާރު ތިބީ ގްރީސް ކައިރީގައި ކަމަށާއި ބައެއް އުޅަނދުތަކަށް ޑްރޯނުން ހަމަލާދީފައި ވާއިރު މުއާސަލާތީ ހިދުމަތްތައް ޖޭމްކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.
"ގިނަ އަދަދެއްގެ ޑްރޯންތައް އުދުހެމުން ދާއިރު ގޮތް ނޭނގޭ އެއްޗެހިތަކެއް އެ ޑްރޯންތަކުން ވަނީ އަޅާފައި. މުއާސަލާތީ ވަސީލަތްތައް ޖޭމްކޮށް، ބައެއް ބޯޓުތަކުން ގޮވުންތަކުގެ އަޑު އިވިފައިވޭ. އަހަރެމެން މިހާރު މި ތަޖުރިބާކުރަމުންދަނީ ނަފްސާނީ ހަނގުރާމައެއް. އެކަމަކު ބިރުން ފަހަތަކަށް ނުޖެހޭނަން،" ގްލޯބަލް ސުމުދް ފްލޮޓީލާ (ޖީއެސްއެފް) އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަރުމަނުގެ އެކްޓިވިސްޓް ޔާސްމިން އަކާރް އިންސްޓަގްރާމް ވީޑިއޯއެއްގައި ބުނި ގޮތުގައި ފަސް އުޅަނދަކަށް ވަނީ ހަމަލާ ދީފަ އެވެ.
މީގެ ކުރިން އާންމުކުރި ވީޑިއޯއެއްގައި އަކާރް ބުނީ 15 އާއި 16 އާ ދެމެދުގެ އަދަދަކަށް ޑްރޯން ފެނިފައިވާ ކަމަށާއި އެ މީހުންގެ މުއާސަލާތީ ވަސީލަތްތައް ވެސް މިހާރު ބޭނުން ނުކުރެވޭ ކަމަށެވެ.
ފްލޮޓިލާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓްކުރި ވީޑިއޯއެއްގައި އުޅަނދަކަށް ހަމަލާ ދިނުމުން ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ބްރެޒިލްގެ އެކްޓިވިސްޓެއް ކަމަށްވާ ތިއާގޯ އަވީލާ އެ ޕޭޖުގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެހެން އުޅަނދަކަށް ވެސް ހަމަލާދީ އަދި ބައެއް ބޯޓުތަކަށް އެއްޗެހިތަކެއް އަޅާފައިވާ ކަމަށެވެ.
ފްލޮޓީލާގެ އުޅަނދެއްގައި އެއްޗެއް ގޮވަނީ
މި މަހު ކުރީކޮޅު ފްލޮޓީލާގެ އުޅަނދުތައް ޓިއުނީޝިއާގައި ބަނދަރުކޮށްފައި ތިއްބާ ބައެއް އުޅަނދުތަކަށް މަތިން އެއްޗެއް ވެއްޓި ރޯވި އެވެ. މިއީ ވެސް ޑްރޯނުން ދިން ހަމަލާތަކެއް ކަމަށް ޖީއެސްއެފް އިން ބުނެފައިވެ އެވެ. އެކަމަކު ޓިއުނީޝިއާގެ ކަމާބެހޭ އިދާރާތަކުން އޭރު ބުނީ ޑްރޯނުން ހަމަލާ ދިން ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
އިޒްރޭލުން ޣައްޒާ ހިސާރުކޮށް ހަމަލާދެމުން ގޮސް އެތަން ބަނޑަށް ޖައްސާފައި ވާއިރު އެ ހިސާރު ނިމުމަކަށް ގެނައުމުގެ މަގްސަދުގައި މީގެ ކުރިން ވެސް އެކްޓިވިސްޓުން ވަނީ ކަނޑުމަގުން ޣައްޒާއަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އިޒްރޭލު ސިފައިން އަރައި ކޮންމެ ފަހަރަކު ވެސް ހުއްޓުވަނީ އެވެ. އިޒްރޭލުން ހޯމަ ދުވަހު ވަނީ މިފަހަރު ވެސް އެއްވެސް އުޅަނދަކަށް ޣައްޒާއަށް އެތެރެ ނުވެވޭނެ ކަމަށާއި އެކަމަށް ހުރަސްއަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިލާވަޅު
24 September 2025
އިޒްރޭލޭ ކިޔައިގެން އުޅޭ ޔަހޫދީ ބައިގަނޑު މައިތިރި ކުރާނެ ހިތްވަރު ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ކިބައިގައި ނެތްކަމީ އެމީހުންގެ ނުލަފާ އަމަލުތަކުގައި ބައިވެރިވުން. މިއީ ދުނިޔޭގެ ފަހުގެ ތާރީހުގައި ފެނުނު އެންމެ ލާއިންސާނީ، އަދި އެންމެ ނާއިންސާފު، ހުދުމުހުތާރު، ޖައްބާރު ބައިގަނޑު. މިއީ މުނާފިގުކަމާ، ނާއިންސާފުގެ އެންމެ ބޮޑު ބޭޒާރުވުން. ދުނިޔެ މަތީގެ ކަންކަން ހިނގާ ނާއިންސާފު ކަމުގެ ބޮޑުކަން ހާމަކޮށްދޭ ފިލާވަޅެއް.