ނައިޖީރިއާގެ ފްލެޓަކުން ފެނުނު ޑޮލަރުތައް.
21 އެޕްރީލް 2017 - 12:32
ލާގޯސް (އެޕްރީލް 21) - ނައިޖީރިއާގެ މައި ސިޓީއެއް ކަމަށްވާ ލާގޯސްގެ މީހުން ނޫޅޭ ފްލެޓެއްގެ ތެރޭން 43 މިލިއަން ޑޮލަރު ފެނުނު މައްސަލާގައި އެ ގައުމުގެ ޖާސޫސީ ވެރިޔާ އަޔޯ އޯކޭ ސަސްޕެންޑްކޮށްފި އެވެ.
ރައީސް މުހައްމަދު ބުހާރީގެ އޮފީހުން ވަނީ، ޖާސޫސީ ވެރިޔާ އަށް އެނގިގެން އެހާ ގިނަ ފައިސާ ބެހެއްޓި މައްސަލަ ތަހުގީގު ކުރަން އަންގައިފަ އެވެ. ބުހާރީ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ސަރުކާރުގެ ތެރޭން ކޮރަޕްޝަން ފުހެލުމުގެ ވައުދާ އެކު އެވެ. ފްލެޓުން ފެނުނު ފައިސާ އަކީ ޖާސޫސީ ވެރިޔާގެ އެއްޗެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ފްލެޓެއްގެ ތެރޭން ގިނަ އަދަދެއްގެ ފައިސާ ފެނުނު މައްސަލައިގައި ބުހާރީގެ އަރިސް ބޭފުޅެއް ކަމަށްވާ ޑޭވިޑް ބަބާޗިރް ލަވާލް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ ތިން މެންބަރުންގެ ކޮމިޓީއެއް ވެސް އުފައްދައިފަ އެވެ. މި ކޮމިޓީގެ ވެރިއަކީ ނައިބް ރައީސް ޔެމީ އޮސިންބަޖޯ އެވެ. މި މައްސަލަ ބެލުމަށް ފަހު 14 ދުވަސް ތެރޭ ރިޕޯޓް ހުށަހެޅުމަށް ބުހާރީގެ އޮފީހުން ވަނީ އަންގައިފަ އެވެ.
އޮފިޝަލުން އެ ފްލެޓް ބަލާ ފާސްކުރަން ފެށީ، "ބާ ހެދުމެއްގައި ހުންނަ ވަރުބަލިވެފައިވާ އަންހެނަކު" އެ ފްލެޓުން ދަބަސްތަކެއްގައި އެއްޗެހިތަކެއް ނެރެ، ވައްދާތީ ބަޔަކު މީހުން ރިޕޯޓް ކުރުމުންނެވެ. މިއީ ގަވާއިދާ ޚިލާފު މުއާމަލާތްތަކުން ހޯދާފައިވާ ފައިސާ ކަމަށްވެ އެވެ.
ލާގޯސްގެ މުއްސަނދި އޭރިޔާއެއްގައި ހުރި ހަތަރު ކޮޓަރީގެ ފްލެޓުން ފެނުނު 43 މިލިއަން ޑޮލަރުގެ އިތުރުން ވަނީ 27،800 ޕައުންޑާއި 23 މިލިއަން ނައިޖީރިއަން ނައިރާ (75،000 ޑޮލަރު) ވެސް ފެނިފައި ކަމަށް އިކޮނޮމިކް އެންޑް ފައިނޭންޝަލް ކްރައިމްސް ކޮމިޝަނުން ބުންޏެވެ.
ގާޑުން ބުނި ގޮތުގައި ހަތް ވަނަ ބުރީގައި ހުންނަ އެ ފްލެޓުގައި އެއްވެސް މީހަކު ނޫޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
22 April 2017
ރާއްޖޭގައި ދެނީ ނައިބުރައީސްކަން
ހޯބޯ
22 April 2017
ކަލޯ ރާއްޖެއާ ނައިޖީރިއާ އާއި އަޅުވާ ކިޔަނީ އެނގޭތަ އެއީ ކޮންތަނެއްކަން؟