ސްލޮވީނިއާގެ ފޮރިން މިނިސްޓަރު ކާލް އެރްޖަވެޗް. --ފޮޓޯ:އޭޕީ
28 ޖެނުއަރީ 2018 - 13:05
ލުބްލިއާނާ (ޖެނުއަރީ 28) - ފަލަސްތީނުގެ ދައުލަތް ގަބޫލް ކުރަން އެ ގައުމުގެ ޕާލަމެންޓުގެ މެންބަރުން ތައްޔާރަށް ތިބި ކަމަށް ޚާރިޖީ ވަޒީރު ކާލް އެރްޖަވެޗް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސްލޮވީނިއާގެ ޕާލަމެންޓަރީ ފޮރިން އެފެއާޒް ކޮމިޓީ މި މަހު 31 ވަނަ ދުވަހު ބައްދަލު ކުރާނެ އެވެ. އޭގެ ފަހުން އެ މައްސަލަ ޕާލަމެންޓަށް ފޮނުވާނެ އެވެ. ސްލޮވީނިއާ ޕަބްލިކް ޓީވީން ބުނެފައި ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ ބެހޭ ގޮތުން ޕާލަމެންޓުގައި ވޯޓު ނަގާނީ މާޗް ނުވަތަ އޭޕްރީލް މަހު ކަމަށެވެ.
އީޔޫގެ މެންބަރު 28 ގައުމުގެ ތެރޭން ފަލަސްތީނުގެ ދައުލަތް މިހާތަނަށް ބަލައިގެންފައި ވަނީ ހަމައެނި ސްވިޑަން އިންނެވެ. އެއީ 2014 ވަނަ އަހަރު އެވެ. އީޔޫގައި ބައިވެރިވުމުގެ ކުރިން އަށް ގައުމަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގެންފަ އެވެ. އެއީ ޗެކް ރިޕަބްލިކް، ސްލޮވޭކިއާ، ހަންގޭރީ، ބަލްގޭރިއާ، ރުމޭނިއާ، މޯލްޓާ އަދި ސައިޕްރަސް އެވެ.
"ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތުގައި ފަލަސްތީނުގެ މަޝްވަރާތައް ސްލޮވޭނިއާ އަށް ވަރުގަދަ ކުރެވޭނެ. ސްލޮވޭނިއާ އިން ގެންގުޅެނީ މިނިވަން ޚާރިޖީ ސިޔާސަތެއް،" ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިދިޔަ ހަފުތާގައި ވަނީ ބްރަސެލްސް އަށް ވަޑައިގެން އީޔޫގެ 28 ގައުމުގެ ޚާރިޖީ ވަޒީރުންނާ ބައްދަލު ކުރައްވާ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ ބެހޭ ގޮތުން ބާރު އަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy