ގާޒާ ބޯޑަރުގައި އިޒްރޭލް ސިފައިން ބަޑި ޖެހުމުން ޒަޚަމްވި ޕަލަސްތީން މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ
14 މެއި 2018 - 16:37
ގާޒާ (މެއި 14) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް ގާޒާ ބޯޑަރަށް ޖަމާވި މީހުންގެ ގަޔަށް އިޒްރޭލް ސިފައިން ބަޑި ޖަހާ 16 މީހުން ޝަހީދު ކޮށްލައިފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ އިތުރުން 500 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި 14 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
އެމްބަސީ ބަދަލު ކުރުމާ ދެކޮޅަށް އެތައް ހާސް ބަޔަކު ވަނީ ގާޒާ ބޯޑަރަށް މިއަދު ޖަމާވެފަ އެވެ. ގާޒާ ފެންސް ކައިރި އަށް ޖަމާވި ބައެއް މީހުން ވަނީ އިޒްރޭލް ސިފައިން ގަޔަށް ގާ އުކައިފަ އެވެ. އަނެއް ބަޔަކު ވަނީ ފެންސް ހަލާކު ކޮށްލަން މަސައްކަތް ކޮށްފަ އެވެ. އެ ފެންސްގެ އަނެއް ފަރާތުގައި އިޒްރޭލުގެ ސްނައިޕަރުން ތިބީ ހަމަލާ ދޭން ތައްޔާރުވެގެންނެވެ.
ގާޒާ ބޯޑަރުގައި އިޒްރޭލް ސިފައިން ބަޑި ޖެހުމުން ޒަޚަމްވި ޕަލަސްތީން މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލް ސިފައިން ބުނީ ހަމަލާ ދިނީ ހަމަނުޖެހުން އުފައްދަން ބޯޑަރަށް ޖަމާވި މީހުންނަށް ކަމަށެވެ. އަދި ހަމަލާ ދެނީ އޮޕަރޭޓިން ޕްރޮސީޖާއާ އެއްގޮތަށް ކަމަށް ވަނީ ބުނެފަ އެވެ.
އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި 8،00 މަންދޫން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އާއި އޭނާގެ ފިރިކަލުން ޖާރެޑް ކުޝްނާ ހިމެނެ އެވެ. އެމްބަސީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިޒްރޭލުން ވަނީ 1،000 ސިފައިން ނެރެފަ އެވެ.
ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަންޕް
14 May 2018
ދުނިޔޭގެ ނިމުން ގާތްވަނީހެން ހީވަނީ. ތައްޔާރުވުން އޮތީ.