ސްކޫލް ކުއްޖަކަށް ހެދިގެން ޓެސްޓް ހެދި ޓީޗަރު ޖަލަށް

ބުޖުމްބުރާ (އޮގަސްޓް 15) - ދަރިވަރަކަށް ހެދިގެން ނޭޝަނަލް އެގްޒާމް ހެދި ބުރުންޑީގެ ސްކޫލެއްގެ ހެޑް ޓީޗަރު ފަސް އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.


ބެންޖަމިން މަނީރާމްބޯނާ ޓެސްޓް ހަދަން އުޅުނީ އެހެން ދަރިވަރެއްގެ ނަމުގަ އެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ސަރުކާރުގެ އެއްވެސް އޮފީހެއްގައި 10 އަހަރު ވަންދެން މަސައްކަތް ކުރުން ނުވަތަ ކިޔަވައިދިނުން ވަނީ އޭނާ އަށް މަނާކޮށްފަ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ސްކޫލް ޔުނިފޯމުގައި ޓެސްޓް ހަދަން އިންދަ އެވެ. ޓީޗަރު ވަނީ މަކަރު ހެދި ކަމަށް އެއްބަސްވެފަ އެވެ. ބެންޖަމިން ބުނެފައި ވަނީ އޭނާ ޓެސްޓް ހެދީ ސޮމާލިއާގައި ހަރަކާތްތެރިވާ ބުރުންޑީ ސިފައިންގެ މީހެއްގެ ނަމުގައި ކަމަށެވެ. އަދި އެ ސިފައިންގެ މީހާ ބޭނުންވީ ކޮލެޖް އިމްތިހާނުން ފާސްވެގެން ޔުނިވާސިޓީ އަށް ވަންނަން ކަމަށް ވެސް ބުނެފައިވެ އެވެ. ސިފައިންގެ މީހާ ވަނީ އެނބުރި ބުރުންޑީ އަށް ގޮސް ޓީޗަރަށް ފައިސާ ދޭން އެއްބަސްވެފަ އެވެ.

ބެންޖަމިން ޓެސްޓް ހަދަން އެހީވި ސްކޫލުގެ ދެ މުވައްޒަފަކު ވެސް ވަނީ ދެ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ. އެ ދެ މުވައްޒަފު ވަނީ ސްކޫލްގެ ހެޑްމާސްޓަރަށް ވެސް އޮޅުވާލައިފަ އެވެ.