ޚާލިދާ ޒިޔާ އަށް އަނެއްކާވެސް ހަތް އަހަރުގެ ޖަލު ހުކުމެއް

ޑާކާ (އޮކްޓޯބަރު 29) - ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު އަދި އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ އަށް ހަތް އަހަރުގެ އިތުރު ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.


ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ޒަމާންވީ ސިޔާސީ ވާދަވެރިޔާ އަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ދެ މައްސަލާގައި ވެސް ހުކުމް އިއްވާފައި ވަނީ ކޮރަޕްޝަނުގެ ކުށުގަ އެވެ. އެންމެ ފަހުން ހުކުމް އިއްވި މައްސަލާގައި ފަނޑިޔާރު ވަނީ ޗެރިޓީ ފަންޑެއްގެ ފައިސާ އިން، އުމުރުން 73 އަހަރުގެ ޚާލިދާގެ ވެރިކަމުގައި ބާރާއި ނުފޫޒުން 31.5 މިލިއަން ޓާކާ (375،000 ޑޮލަރު) ގަވާއިދާޚިލާފަށް ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައިފަ އެވެ.

ޚާލިދާ ޒިޔާގެ ވަކީލުން ގެންދަނީ މިއީ ސިޔާސީ ގޮތުން ބަދަލު ހިފުމެއް ކަމަށް ވިދާޅުވަމުންނެވެ. ޑާކާގެ ސެންޓަރުގެ ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ގެންދާ ޚާލިދާގެ ސިއްހީ ހާލަތު ގޯސްވުމުން ދާދި ފަހުން ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. ހަތް އަހަރުގެ ޖަލު ހުކުމް މިއަދު އިއްވި އިރު ވެސް ޚާލިދާ އޮންނެވީ ހޮސްޕިޓަލުގަ އެވެ.

ޚާލިދާ ޒިޔާ ސިޔާސީ ދާއިރާ އަށް 1980 ގެ އަހަރުތަކުގައި ވަދެވަޑައިގަތީ ފިރިކަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.