ޚާލިދާ ޒިޔާގެ ހުކުމް އިސްތިއުނާފް ކުރުމުން އަދަބު ދެގުނަ ކޮށްފި

ޑާކާ (އޮކްޓޯބަރު 31) - ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ މައްޗަށް މިދިޔަ ފެބްރުއަރީ މަހު އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން އަދަބު ދެ ގުނަކޮށް 10 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފި އެވެ.


ޚާލިދާ ޒިޔާގެ މައްޗަށް ފެބްރުއަރީ މަހު ހުކުމް ކުރީ ކޮރަޕްޝަނުގެ ކުށުގަ އެވެ. ޚާލިދާގެ އަދަބު ބޮޑު ކުރިއިރު އެކަމަނާގެ މައްޗަށް މީގެ ދެ ދުވަސް ކުރިން ވަނީ ހަތް އަހަރުގެ އިތުރު ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ. ޕްރޮސެކިއުޓަރުން ބުނީ ޚާލިދާގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމެއް ތަންފީޒް ކުރާނީ އެކުއެކީގައި ކަމަށެވެ.

"ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ވަނީ ދެ ގުނަ ބޮޑުކޮށްފައި،" އެންޓި-ކޮރަޕްޝަން ކޮމިޝަން ޕްރޮސެކިއުޓާ ޚުރްޝީދު ޚާން ވިދާޅުވި އެވެ.

ޚާލިދާގެ ވަކީލުން ވިދާޅުވެފައި ވަނީ އެންމެ ފަހުން އިއްވި ހުކުމްތައް އެންމެ މަތީ ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރުގެ މައްޗަށް ފެބްރުއަރީ މަހު ހުކުމް އިއްވި ފަހުން ހުކުމް ތަންފީޒް ކުރަމުން ގެންދަނީ ޑާކާގެ ސެންޓްރަލް ޖަލުގަ އެވެ. ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން އެކަމަނާ ދާދި ފަހުން ވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ސިޔާސީ ވާދަވެރިޔާ ޝެއިޚް ހަސީނާ 2014 ވަނަ އަހަރު ކާމިޔާބު ކުރެއްވި އިންތިޚާބު ޚާލިދާ ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

އެޓާނީ ޖެނެރަލް މަހްބޫބް އާލަމް ވިދާޅުވީ ޚާލިދާގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އެންމެ މަތީ ކޯޓުން ބާތިލް ނުކުރާހާ ހިނދު އިންތިޚާބުގައި ދެން ވާދަ ނުކުރެއްވޭނެ ކަމަށެވެ. ޚާލިދާގެ ވަކީލް ސަނާއުﷲ މިއާ ވިދާޅުވީ ސުޕްރީމް ކޯޓުގައި އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.