ބަންގްލަދޭޝް ސިފައިން ކާރެއް ހުއްޓުވައި ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ
29 ޑިސެމްބަރ 2018 - 13:04
ޑާކާ (ޑިސެމްބަރު 29) - ބަންގްލަދޭޝްގައި މާދަމާ ބާއްވާ އާއްމު އިންތިޚާބުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ހަ ލައްކަ އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން ނެރެފި އެވެ.
ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެލީޓް ރެޕިޑް އެކްޝަން ބެޓޭލިއަން، ކަނޑުގެ ސިފައިން އަދި ބޯޑަރު ބަލަހައްޓާ ސިފައިންނާއި ކޯސްޓް ގާޑުގެ އިތުރުން އޮގްޒިލަރީ ޕޮލިސް ޔުނިޓްތައް ހަރަކާތްތެރިވާނެ ކަމަށެވެ. ވޯޓުލުމަށްޓަކައި 40،000 ބޫތު ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
"ގައުމުގެ ނިސްބަތުން ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ،" އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ރަފީގުލް އިސްލާމް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އިލެކްޝަން އޮފިޝަލުން ވޯޓު ފޮށިތައް ގެންދަން ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
އިންތިޚާބަށް ކެމްޕޭން ކުރިއިރު، އެންމެ ވާދަވެރި ދެ ޕާޓީ ކަމަށްވާ އަވާމީ ލީގާއި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އެކްޓިވިސްޓުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ވަނީ 13 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފަ އެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ބޮއިކޮޓް ކުރި ބީއެންޕީން ބުނެފައި ވަނީ އެ ޕާޓީގެ އެކްޓިވިސްޓުންނާ ދެކޮޅަށް ސަރުކާރުން ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ އިންތިޚާބުގެ ކެމްޕޭން ނޮވެމްބަރު މަހު 8 ވަނަ ދުވަހު ފެށި ފަހުން 14،000 އަށް ވުރެ ގިނަ ސަޕޯޓަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޮރަޕްޝަނުގެ ކުށުގައި ބީއެންޕީގެ ލީޑަރު ޚާލިދާ ޒިޔާ ހުންނެވީ ޖަލުގަ އެވެ. އެކަމަނާ އަށް އިންތިޚާބުގައި ވާދަކުރުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy