އިދިކޮޅު ލީޑަރު ކަމާލް ހުސައިން (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
31 ޑިސެމްބަރ 2018 - 10:54
ޑާކާ (ޑިސެމްބަރު 31) - ބަންގްލަދޭޝްގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި ވޯޓުލާން ފެށުމުގެ ކުރިން ވެސް ބައެއް ވޯޓު ފޮށިތައް ހުރީ ވޯޓު އަޅައި ފުރާލައިފައި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ޝަކުވާކޮށްފި އެވެ.
އިދިކޮޅު ޕާޓީތަކުން ވަނީ ވޯޓުގައި ވަރަށް ބޮޑަށް އޮޅުވާލައި މަކަރު ހަދާފައިވާތީ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އިދިކޮޅު ޕާޓީތަކުން މިހާރު ޑިމާންޑް ކުރަމުން ދަނީ ވަކި ފަރާތަކަށް ނުޖެހޭ ވަގުތީ ސަރުކާރެއްގެ ދަށުން އާ އިންތިޚާބެއް ބޭއްވުމަށެވެ.
އިންތިޚާބުގައި ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ޕާޓީން ވަނީ އިންތިޚާބުގައި ވާދަކުރި 300 ގޮނޑީގެ ތެރޭން 288 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ބަންގްލަދޭޝްގެ އިންތިޚާބުގައި އިއްޔެ މީހަކު ވޯޓު ދެނީ. --ފޮޓޯ:އޭއެފްޕީ
ބީބީސީގެ ނޫސްވެރިއަކު ބުނީ އިއްޔެގެ އިންތިޚާބުގައި ވޯޓުލާން މީހުން ދިއުމުގެ ކުރިން ވެސް ޗިޓަގޮން ސަރަހައްދުގެ ފޮށިތަކަށް ވޯޓު އަޅައި ފުރާލައިފައިވާ މަންޒަރު އޭނާ އަށް ފެނިފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް ކައިރީ ތިބުމުގެ ހުއްދަ ދީފައި ވަނީ ވެރިކަން ކުރާ ޕާޓީގެ އޮފިޝަލުންނަށް އެކަނި ކަމަށް އޭނާ ބުނެފައިވެ އެވެ.
ވޯޓުލާން ދިއުމުން ބައެއް ވޯޓު ފޮށިތަކުގެ ކައިރިއަށް މީހުން ނުވެއްދުމުގެ ޝަކުވާ ވެސް ވަނީ ކޮށްފަ އެވެ. އަދި ބައެއް މީހުން ދިޔަ އިރު އެ މީހުންގެ ނަމުގައި ވޯޓުލާފައިވާ ކަމުގެ ޝަކުވާ ވެސް އެތައް ބަޔަކު ވަނީ ކޮށްފަ އެވެ.
"މި އިންތިޚާބު ބާތިލް ކުރަން އިލެކްޝަން ކޮމިޝަނަށް ގޮވާލަން،" އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް އިއްވާފައިވާ ކޮރަޕްޝަނުގެ ކުށުގެ ޖަލު ހުކުމާ ގުޅިގެން އެކަމަނާ އަށް ވާދަ ނުކުރެވޭތީ އިދިކޮޅު ބީއެންޕީގެ ފަރާތުން ނެރުނު ކެންޑިޑޭޓް ކަމާލް ހުސައިން، 82، ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ނަން ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ރޮއިޓާސް އަށް ބުނެފައި ވަނީ ވޯޓުގައި އެކި ހިސާބުތަކުގައި މަކަރު ހެދިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އަދި އެ ކަންތައްތައް ތަހުގީގު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ވޯޓުލީ ދުވަހުގެ ހަމަނުޖެހުންތަކުގައި 17 މީހުން ވަނީ މަރުވެފަ އެވެ.
ޝެއިޚް ހަސީނާގެ އަވާމީ ލީގުން ދަނީ 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރަމުންނެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު އިދިކޮޅު ބީއެންޕީން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.
ބީއެންޕީން ބުނެފައި ވަނީ އެ ޕާޓީން ވާދަކުރި 300 ދާއިރާގެ ތެރޭން 221 ދާއިރާގައި މަކަރު ހަދައި ވޯޓު އޮޅުވާލައިވާ ކަމަށެވެ. ބަންގްލަދޭޝްގެ ޕާލަމެންޓުގައި ހިމެނެނީ 350 ގޮނޑި އެވެ. މީގެ ތެރޭން 50 ގޮނޑި ވަނީ އަންހެން މެންބަރުންނަށް ރިޒާވް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަބުއްދި
01 January 2019
ހަސީނާމެން ކުރިމަތީގަ ޔާމީނުމެން މިވީ ހައްޕުނޑަށް ..
ވިލްސް
31 December 2018
ދުވަހަކުވެސް ނުފައިބާނެ. ވޯޓް ލުމުގެ ކުރިން އިންތިޙާބު ކާމިޔާބު ކޮށްފި. ދެރަ ކަމެއްނު؟
ޔެލޯ ޑިޒީސް
31 December 2018
ބަނގުލަދޭޝްގަ ޑިމޮކްރަސީ ނެތީމަ އިންޑިއާއަށް އޯކޭ. ރާއްޖޭގެ ހީވަނީ ފަޔަށް ހިނި އަރައިގެން އުޅޭހެން
މަޖިލިސް ީ
31 December 2018
ހަސީނާ އެއީ އިންޑިޔާ ގެ ޕަޕެޓެއް...
އަންނިމާރި
31 December 2018
ޔާމީނަށް ހެދުނީ ކޯންޗެއް...
އެޔާމީނު
31 December 2018
އިނދިކޮޅު މީހުންނަކަށް ހަސީނާ ބައްޔެއް ނުކުރެވޭނެ، އެހެނީ އެއިރުން އެބަލި ކުރެވުނީ އިންޑިއާއި އެމެރިކާއެވެ. މިއީ ވަރަށް ވާހަކައެވެ.