ބަންގްލަދޭޝްގެ ކޮމާންޑޯއިން ބޯޑު ގާޑުކޮށްގެން. --ފޮޓޯ:އޭއެފްޕީ
25 ފެބުރުއަރީ 2019 - 13:13
ޑާކާ (ފެބްރުއަރީ 25) - ބަންގްލަދޭޝްގެ ގައުމީ އެއާލައިންގެ މަތިންދާ ބޯޓެއް ރޭ ހައިޖެކްކޮށްފައި ވަނީ ކުޅޭ ކުޅޭ ފިސްތޯލައެއް ބޭނުންކޮށްގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދެކުނުގެ ޗިޓަގޮން ސިޓީގެ ސީނިއާ ފުލުސް އޮފިސަރު ކުސުމް ދެވާން ވިދާޅުވީ ބޯޓު ހައިޖެކް ކުރި މީހާގެ އަތުގައި ގޮވާ ތަކެތީގެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
"ހީވަނީ އެއީ ސިކުނޑި ހަމަނުޖެހޭ މީހެއްހެން. އަޑުއިވޭ ގޮތުން އޭނާގެ އަންހެނުންނާ ވަނީ މައްސަލަ ޖެހިފައި. އަދި ބޯޓު ޖައްސަން ޕައިލެޓަށް ބިރު ދެއްކީ ބޮޑުވަޒީރާ ވާހަކަ ދައްކަން ބޭނުންވެގެން. އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ދެވާން ވިދާޅުވި އެވެ.
ފުލުހުން ބުނީ ފޭކް ފިސްތޯލައެއް ނަމަވެސް ޑާކާގެ ހަޒްރަތު ޝާހު އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ހުރަސްކޮށް ކެބިންއާ ހަމައަށް އެ ގެންދިޔަ ގޮތެއް ބަލާނެ ކަމަށެވެ.
ޝާހު އަމާނަތު އެއާޕޯޓުގައި ބޯޓު ޖެއްސުމާ އެކު ބަންގްލަދޭޝްގެ ކޮމާންޑޯ އިން ބޯޓަށް އަރާ އަމާން ދިނުމަށް އޭނާ އަށް ވަނީ އަންގައިފަ އެވެ. އޭނާ އަމާން ނުދިނުމުން ވަނީ ބަޑި ޖަހާ މަރާލައިފަ އެވެ.
ބޯޓުން ދަތުރު ކުރި ޕަސިންޖަރަކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ބޯޓު ފުރިތާ 10 މިނިޓްތެރޭ އެ މީހާ ތެދުވެ ބިރު ދައްކަން ފަށައިފި ކަމަށެވެ.
"އޭނާގެ އަތުގައި ބޮމެއް ކަހަލަ އެއްޗެއް އޮތް ކަމަށާއި ކޮކްޕިޓް ނުހުޅުވަައިފި ނަމަ ބޯޓު ގޮއްވާލާނެ ކަމަށް ވެސް އެ މީހާ ބުނި،" ބޯޓުގެ ޕަސިންޖަރަކު ބުންޏެވެ.
އެއާ ވައިސް މާޝަލް މުފީދު ބުނީ ޗިޓަގޮންގައި ބޯޓު ޖެއްސުމާ އެކު އޭނާ ދިޔައީ ބޯޓު ހައިޖެކް ކުރި މީހާއާ ފޯނުން ވާހަކަ ދައްކަމުން ކަމަށެވެ.
"އޭނާ ބުނަމުން ދިޔައީ ބޮޑު ވަޒީރު ހަސީނާއާ ވާހަކަ ދައްކަން ބޭނުން ކަމަށް. އަދި އޭނާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް ވެސް ބުނި،" މުފީދު ބުންޏެވެ.
ދުބާއީ އަށް ދަތުރު ކުރަމުން ދިޔަ ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބީމާންގެ ޗިޓަގޮންގެ ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުވީ ކޮކްޕިޓަށް ވަދެ ޕިސްތޯލައަކުން ޕައިލެޓަށް ބިރު ދެއްކުމަށް ފަހު އެވެ. ޕައިލެޓް ގާތު ވެސް އޭނާ ބުނެފައި ވަނީ ބޮޑު ވަޒީރު ޝެއިޚް ހަސީނާއާ ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ. ބޯޓު ހައިޖެކް ކުރީ އުމުރުން 25 އަހަރުގެ މަހަދީ ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ބޯޓު ހައިޖެކް ކުރި ނަމަވެސް ބޯޓުގައި ތިބި 134 ޕަސިންޖަރުންނާއި 14 ކްރޫން ވަނީ ސަލާމަތްކޮށްފަ އެވެ.
ސިފައިންގެ ތަރުޖަމާން މޭޖާ ޖެނެރަލް މުތީއުއް ރަހުމާން ވިދާޅުވީ ބޯޓު ޖެއްސިތާ ދިހަ ވަރަކަށް މިނިޓް ތެރޭ އޮޕަރޭޝަން ނިންމާލައި ބޯޓު ކްލިއާ ކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފައި
25 February 2019
ހެހް! ކާފައި އަތު ޖެހުނު ނަމަ ކުޅިހޮޑު ލައްވައިލީސް!