ނުރައްކާތެރި ކުށްވެރިޔާ އެލް ޗަޕޯ އުމުރަށް ޖަލަށް

ނިއު ޔޯކް (ޖުލައި 18) - މެކްސިކޯގެ ނުރައްކާތެރި ޑްރަގު ކުށްވެރިޔާ ހުއާކިން "އެލް ޗަޕޯ" ގުޒްމަން އުމުރަށް ޖަލަށްލުމަށް އެމެރިކާގެ ފަނޑިޔާރަކު އިއްޔެ ހުކުމްކޮށްފި އެވެ.


ގުޒްމަން، 62، ގެ މައްޗަށް ވަނީ ޑްރަގު ޓްރެފިކިން އާއި މަނީ ލޯންޑަރިންގެ 10 ދައުވާއެއް ފެބްރުއަރީ މަހު ސާބިތުވެފަ އެވެ. ސައިނަލޮއާ ކާޓެލްގެ ކުރީގެ ވެރިޔާ ގުޒްމަން އަކީ އެމެރިކާ އަށް އެންމެ ގިނައިން ޑްރަގު އެތެރެކޮށްފައިވާ ފަރާތެވެ.

ހުކުމްކުރުމުގެ ކުރިން ނިއު ޔޯކުގެ ކޯޓުގައި ތަރުޖަމާނެއް މެދުވެރިކޮށް ގުޒްމަން ބުނީ އެމެރިކާގެ ޖަލުގައި އޭނާ އަށް ދަނީ 24 ގަޑިއިރު އަނިޔާ ލިބެމުން ކަމަށާ އަދި އޭނާގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށެވެ.

އުމުރަށް ޖަލަށްލުމުގެ އިތުރުން ގުޒްމަން އަށް ވަނީ ގަވާއިދާޚިލާފަށް ހަތިޔާރު ގެންގުޅުމުން އިތުރު 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ގުޒްމަންގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް އޭނާގެ އަތުން 12 ބިލިއަން ޑޮލަރު ހޯދަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ގުޒްމަން އަށް ކުރި ހުކުމަށް ފަހު އޭނާގެ އަންހެނުން އެމާ ކޮރޮނެލް އައިސްޕޫރޯ ކޯޓުން ނުކުންނަނީ. --ފޮޓޯ:އޭއެފްޕީ

ޕްރޮސެކިއުޓަރުން ބުނީ ގުޒްމަންގެ ހުކުމް ތަންފީޒް ކުރާނީ "ދަގަނޑު ފުންޏެއްގެ" ޖަލެއްގައި ކަމަށެވެ. ޕްރޮސެކިއުޓަރުން އެ އިޝާރާތްކޮށްފައި ވަނީ ކޮލަރާޑޯގެ ހައި-ސެކިއުރިޓީ ޖަލަށެވެ.

ގުޒްމަންގެ ވަކީލް ޖެފްރީ ލިޗްޓްމަން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން ވިސްނާ ކަމަށެވެ. އޭނާ ބުނީ ޝަރީއަތް ދިޔައީ އިންސާފުން ނޫން ކަމަށާއި މީޑިއާ ކަވަރޭޖުގެ ސަބަބުން ފަނޑިޔާރުންނަށް ނުފޫޒް ފޯރާފައިވާ ކަމަށެވެ.

އެލް ޗަޕޯ އަކީ ކާކު؟

އެލް ޗަޕޯ ނުވަތަ ޝޯޓީ އަކީ މެކްސިކޯގެ އުތުރުގައި ނުރައްކާތެރި ގޭންގެއް ހިންގި މީހެކެވެ. ފޯބްސްގެ 2009 ވަނަ އަހަރުގެ ލިސްޓުގައި އެންމެ މުއްސަނދިންގެ 701 ވަނައިގައި ގުޒްމަން ވަނީ ހިމެނިފަ އެވެ. އޭރު އޭނާގެ މިލްކިއްޔާތުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފައިވެ އެވެ. އެމެރިކާ އަށް އެތައް ޓަނެއްގެ ކޮކޭން އެތެރެކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. މީގެ އިތުރުން މީހުން ވަގަށް ނެގުމާއި މީހުން މެރުމުގެ އެތައް ޖަރީމާއެއްގެ ކުށް އޭނާގެ ބޮލުގައި އަޅުވާފައިވެ އެވެ.

ގުޒްމަން ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

މެކްސިކޯގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ ގުޒްމަން ވަނީ ބިމު އަޑިން މަގެއް ކޮނެގެން 2015 ވަނަ އަހަރު ފިލައިފަ އެވެ. ފަސް މަސް ދުވަސް ވަންދެން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކޮށް، އެމެރިކާއާ ހަވާލު ކުރީ 2017 ގަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު ޖަލުގައި ބަންދުކުރި ގުޒްމަން ވަނީ 2001 ވަނަ އަހަރު ވެސް ޖަލުން ފިލައިފަ އެވެ. އެ ފަހަރު އޭނާ ޖަލުން ފިލީ ލޯންޑްރީ ކާޓެއްގައި ފިލައި އޮވެގެންނެވެ. އޭނާ އަތުލައިގަތުމަށް ފަހު ދެ ވަނަ ފަހަރަށް ޖަލަށްލީ 2014 ވަނަ އަހަރު އެވެ.