ރޯދަ މަހުގެ ފުރަތަމަ ދުވަހު މަސްޖިދުލް އަގްސާ ސަރަހައްދު ފަޅަށް. --ފޮޓޯ:އޭއެފްޕީ
20 މެއި 2020 - 13:46
ގުދުސް (މެއި 20) - ކޮރޯނާވައިރަސް ފެތުރޭތީ އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ނަމާދު ކުރުން މެދުކަނޑާލި އަގްސާ މިސްކިތް އަންނަ ފިތުރު އީދަށް ފަހު ހުޅުވަން ނިންމައިފި އެވެ.
ވޭތުވެދިޔަ 50 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަގްސާ މިސްކިތް މިދިޔަ މާޗް މަހު ބަންދުކުރީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ޖެރޫސަލަމް އިސްލާމިކް ވަގްފް ކައުންސިލުންނެވެ. މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާގެ ކަންކަން ބަލަހައްޓާ އިސްލާމިކް ވަގްފް އިން ބުނެފައި ވަނީ އެއީ "ވަރަށް ހިތަށް ދަތުވި" ނިންމުމެއް ކަމަށެވެ.
އަގްސާ މިސްކިތުގައި ފަސް ވަގުތު ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ކޮންމެ ނަމާދު ވަގުތަކު ވެސް ބަންގި ގޮވަ އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ، އަގްސާ މިސްކިތް އާއްމުންނަށް ބަންދުކުރީ މާޗް 23 ވަނަ ދުވަހު އެވެ. މިސްކިތުގެ ޑައިރެކްޓަރު ޝެއިޚް އުމަރު އަލް ކިސްވާނީ ވިދާޅުވީ އެއީ 1967 ވަނަ އަހަރުގެ ފަހުން، ވަގްފް ކައުންސިލުން އަންގައިގެން އަގްސާ މިސްކިތް ބަންދުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މުސްލިމުންގެ އެންމެ މާތް ދެ ހަރަމްފުޅު ކަމަށްވާ މައްކާގެ މަސްޖިދުލް ހަރާމް އާއި މަދީނާގެ މަސްޖިދުއްނަބަވީގައި ވެސް މިހާރު ވަނީ، ކޮރޯނާވައިރަހާ ގުޅިގެން، އާއްމުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފަ އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމުން ފަލަސްތީނާއި އިޒްރޭލުގެ ބައެއް ސަރަހައްދުތައް ދާދި ފަހުން ވަނީ ހުޅުވަން ފަށައިފަ އެވެ. އާބާދީގައި ނުވަ މިލިއަން މީހުން ހިމެނޭ އިޒްރޭލުން 16،650 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 277 މީހުން ވަނީ މަރުވެފަ އެވެ. ފަލަސްތީނުގެ 4.5 މިލިއަން މީހުންގެ ތެރޭން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ 400 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
20 May 2020
މިއީ އިސްރާއީލުގެ ވެރިރަށުގަ ހުންނަ، ބައިތު ހަ މިޤުދުސް ކިޔާ ތަނެއް.