މެޑްރިޑް އެއާޕޯޓުގެ ސްޓާފަކު ފަސިންޖަރުންގެ ހުން ބަލަނީ: ސްޕޭނުން މިދިޔަ އަހަރުގެ ކުރީކޮޅު ކޮރޯނާވައިރަސް ފެނިފައިވާ ކަމަށްވޭ. --ފޮޓޯ:އޭއެފްޕީ
27 ޖޫން 2020 - 14:53
މެޑްރިޑް (ޖޫން 27) - ސްޕޭނުގެ ބައެއް ސަރަހައްދުތަކުގެ ފާޚާނާ ނިޒާމުން މިދިޔަ އަހަރުގެ މާޗު މަހު ބޭރުވި ފެނުގައި ކޮރޯނާވައިރަހުގެ ޖެނޯމް ހުރި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެހެންކަމުން މިހާރު ބެލެވެނީ ސައެންޓިފިކް ކޮމިއުނިޓީ އަށް ހީކުރެވިފައިވާ މުއްދަތަށް ވުރެ މާކުރިން ކޮރޯނާވައިރަސް އުޅުނު ކަމެވެ.
މިދިޔަ އަހަރުގެ މާޗު މަހު ސްޕޭނުން ކޮރޯނާވައިރަސް ޓްރޭސް ކުރެވިފައިވާކަން ހޯދާފައި ވަނީ ބާސެލޯނާ ޔުނިވާސިޓީގެ ދިރާސާ ޓީމަކުންނެވެ. އެ ޓީމުން އަންނަނީ، ކޮރޯނާވައިރަސް ފެތުރުނު ދުވަސްވަރެއް ހޯދުމަށްޓަކައި، ފާޚާނާ ނިޒާމުން ބޭރުވާ ފެން ތަހުލީލު ކުރުމުގެ މަސައްކަތް އެޕްރީލް މަހު މެދުތެރޭން ފެށިގެން ކުރަމުންނެވެ. އެ ޓީމުން ވަނީ ކުރީގެ ސާމްޕަލްތައް ވެސް ތަހުލީލު ކުރަން ފަށައިފަ އެވެ.
އެ ގޮތުން ދިރާސާ ޓީމުގެ ހޯދުންތަކުން ފާހަގަވެފައި ވަނީ ޖެނުއަރީ 15، 2020 ގައި ބާސެލޯނާ އިން ނެގި ސާމްޕަލްގައި ވެސް ވައިރަހުގެ އަސަރު ހުރި ކަމެވެ. އެއީ ސްޕޭނުން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ރިޕޯޓް ކުރުމުގެ 41 ދުވަސް ކުރި އެވެ.
ދެން އެ ޓީމުން ވަނީ ޖެނުއަރީ 2018 އާއި ޑިސެމްބަރު 2019 އާ ދެމެދުގެ ސާމްޕަލްތައް ނަގައިފަ އެވެ. ފާހަގަ ކުރެވުނު ކަމަކީ މާޗް 12، 2019 ގައި ނެގި ސާމްޕަލްގައި ކޮރޯނާވައިރަހުގެ ޖެނޯމް ހުރި ކަމެވެ.
"ސާސް-ކޯވް-2 (ކޮވިޑް-19 ޖައްސާ ވައިރަސް) ހުރި ލެވެލް ވަރަށް ދަށް. އެކަމަކު ޕޮޒިޓިވް،" ރިސާޗް ޓީމުގެ ލީޑަރު އަލްބާޓް ބޮޝް ވިދާޅުވި އެވެ.
ސްޕޭނުގެ ސޮސައިޓީ ފޯ ޕަބްލިކް ހެލްތު އެންޑް ސެނިޓަރީ އެޑްމިނިސްޓްރޭޝަންގެ ޑރ. ޖޯން ރޭމަން ވިލަލްބީ ވިދާޅުވީ އެންމެ ސާމްޕަލެއް ފެނުމުން، އެކަމާ މެދު ގޮތެއް ނިންމުން އަދި މާއަވަސް ކަމަށެވެ. އަދި އެކަން ޔަގީން ކުރުމަށްޓަކައި އިތުރު ސާމްޕަލާއި އިތުރު ޑޭޓާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭވާލާ ނިޒާމަށް ބަލި ޖައްސާ ތަފާތު ބާވަތުގެ ކޮރޯނާވައިރަސްތައް އެއްގޮތް ވުމުން "ފޯލްސް ޕޮޒިޓިވް" ނަތީޖާއަކަށް ވެދާނެ ކަމަށް ވެސް ބައެއް ތަޖްރިބާކާރުން ބުނެ އެވެ.
އިޓަލީގެ ދެ ސިޓީއެއްގެ ފާޚާނާ ނިޒާމުން ބޭރުވި ފެނުގައި ކޮރޯނާވައިރަހުގެ އަސަރު ހުރިކަން ޑިސެމްބަރު މަހު ފާހަގަކުރެވުނު ކަމަށް އެ ގައުމުގެ ސައެންސްވެރިން ވަނީ ބުނެފަ އެވެ. އިޓަލީގައި ކޮރޯނާވައިރަސް ފެތުރޭކަން ރަސްމީކޮށް ރިޕޯޓްކޮށްފައި ވަނީ ފެބްރުއަރީ މަހު މެދުތެރޭގަ އެވެ. ފްރާންސްގެ ވެރިރަށް ޕެރިހާ ކައިރީގައިވާ ހޮސްޕިޓަލެއްގައި ޑިސެމްބަރު މަހު 27 ވަނަ ދުވަހު ނިއުމޯނިއާ އަށް ފަރުވާ ހޯދި މީހަކު ކޮރޯނަވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ޑޮކްޓަރު ވަނީ ބުނެފަ އެވެ. އެ މީހާ އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ޑޮކްޓަރު ލަފާކުރައްވަނީ ޑިސެމްބަރު 14-22 އާ ދެެމެދު އެވެ. ކޮރޯނާވައިރަހުގެ ފުރަތަމަ ތިން ކޭސް ފްރާންސް އިން ރިޕޯޓްކޮށްފައި ވަނީ ޖެނުއަރީ 24 ގަ އެވެ.
ވޫހާން ސިޓީގައި ކޮރޯނާވައިރަސް ފެތުރެމުންދާކަން ޗައިނާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް އަންގާފައި ވަނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިސްކަލްު
27 June 2020
ސްޕެނިޝް ފުލޫ ދޮތަ. ސްޕެނިޝް ކޮރޯނާވައިރަސް.
ައަފުރާސިޔާބު
27 June 2020
ތިޔަވައިރަހުގެ އަސްލަކީ އެމެރިކާ. 2015 ހިސާބުން ސާމްޕަލް ޓެސްޓްކުރިޔަސް ފެންނާނެ. 2014 ގައި ޔޫއެސް ބައިލޮޖިކަލް ލެބޯރެޓަރީ ބަންދުކުރަން އެންގީ. އެއިރު އެތައްބަޔަކު ތިޔަވައިރަހުގައި އެ ލެބްހުރި ސަރަހައްދުން މަރުވެފައި. 2008 ހާހިސާބުގައި ފޯޓް ޑެޓްރިކްގެ ބައިލޮޖިކަލް ވަޕަންސް ރިސާޗްގެ ސީނިއަރ ރިސާޗަރަކުވެސްވަނީ އެތަނުގައި މަރުވެފައި. ބުނަނީ އޭނާ އަމިއްލައަށް މަރުވީއޭ. ދެން ޗައިނާއަށް ޖަރާސީމުތައް ބަދަލުކުރީ.
ޓެޑްރޯސް
28 June 2020
ޑަބްލިއުއެޗްއޯއަށް ފައިސާ ނުދޭނެކަމުގެ ބިރު ދައްކާފަ ވަކިވީ އެމެރިކާ ތެރޭގަ ތަހުގީގު ކުރުމުގެ ބާރު ނައްތާލަން؟