ބަންގްލަދޭޝްގެ ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ބަޔަކު ޑިންގީއެއްގައި ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ
15 ޖުލައި 2020 - 13:14
ޑާކާ (ޖުލައި 15) - ދެކުނު އޭޝިއާ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބަންގްލަދޭޝް އަށް ބޯކޮށް ވާރޭވެހި ގައުމުގެ ތިންބައިކުޅަ އެއްބައި ފެނު އަޑިއަށް ހިނގައްޖެ އެވެ.
އާއްމުކޮށް ޖޫން އިން ސެޕްޓެމްބަރަށް ދިގު ދެމިގެންދާ ވިއްސާރަ މޫސުމަކީ ދެކުނު އޭޝިއާ އަށް ކޮންމެ އަހަރެއްގައި ވެސް ބޮޑު ގެއްލުމެއް ލިބޭ ދުވަސްވަރެކެވެ. މީހުންގެ ގެދޮރާއި ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބެ އެވެ.
"މިއީ އެތައް ޒަމާނަކަށް ފަހު ބަންގްލަދޭޝް އަށް މިހާ ބޯކޮށް ވާރޭ ވެހޭ ފުރަތަމަ ފަހަރު،" ފްލަޑް ފޯކާސްޓިން އެންޑް ވޯނިން ސެންޓަރުގެ ޑިރެކްޓަރު އަރީފުއްޒަމާން ބުއިޔާން ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ފެންބޮޑުވެފައިވާ ސަރަހައްދެއްގައި މުދާތައް ހިފައިގެން ބަޔަކު ޑިންގީއެއްގައި ދަތުރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
އޭނާ ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ވަނީ ފެނުއަޑީގައި ކަމަށާއި އެކަމުގެ ގެއްލުން 1.5 މިލިއަން މީހުންނަށް ފޯރާފައިވާ ކަމަށެވެ. ބައެއް އަވަށްތައް އެކުގައިހެން ވަނީ ފެނުއަޑީގަ އެވެ.
ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރެއް ކަމަށްވާ ފާރޫކް އަހުމަދު ވިދާޅުވީ އުތުރުގެ ސަރަހައްދެއްގައި އޮންނަ ބްރަހްމަޕުތުރާ ކޯރު ބަންޑުންވެދާނެކަމުގެ ބިރު ބޮޑު ކަމަށެވެ.
ބުއިޔާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކޯރުތައް ބަންޑުން ވެއްޖެ ނަމަ ގައުމުގެ 40 ޕަސެންޓް ފެނުއަޑިއަށް ދާނެ ކަމަށެވެ.
ބަންގްލަދޭޝްގެ ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ބަޔަކު ޑިންގީއެއްގައި ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ
ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު ދަނޑުވެރިއެއް ކަމަށްވާ އަބްދުއްރާޝިދު، 35، ބުނީ އޭނާ އާއި އަންހެނުން އަދި ތިން ކުދިން މިހާރު ދިރިއުޅެން ޖެހިފައި ވަނީ ސަރުކާރުގެ ސްކޫލެއްގައި ކަމަށެވެ.
"އަހަރެންގެ މުޅި ގެ ވަނީ ފެނު އަޑީގައި. އާއިލާ އެންމެން ސްކޫލަށް ބަދަލު ކުރި ނަމަވެސް އަހަރެން މި ހުންނަނީ ގޭގައި ހުރި ތަކެތި ބެލެހެއްޓުމުގައި،" ރާޝިދު ބުންޏެވެ.
ފެންބޮޑުވުމުގެ ސަބަބުން އިންޑިއާގެ އާސާމުން ވެސް ވަނީ 2.1 މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.
"މިދުވަސްވަރު މިވަނީ ބޮޑު ދެ ގޮންޖެހުމަކާ ކުރިމަތިވެފައި. އެއީ ކޮވިޑް-19 އާއި ފެންބޮޑުވުން،" އާސާމްގެ ރެސްކިއު ޓީމުގެ މެންބަރެއް ކަމަށްވާ އަބީޖީތު ކުމާރު ވަރްމާ ބުންޏެވެ.
ފެންބޮޑުވުމުގައި ނޭޕާލުން ވަނީ 50 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
15 July 2020
ބަނގްލަދޭޝް އޮންނަނީ ހިމާލިޔާ ފަރުބަދަ މައްޗަށް ވެހޭ ފެން ބަންގާޅު ކަޅިއަށް ދާ މަގުމަތީގަ.