ދިރާސާގައި ބޭނުންކުރި މީހަކު ބަލިވުމުން ޖޯންސަންގެ ކޮވިޑް ވެކްސިން ވަނީ މަޑުޖައްސާލާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
14 އޮކްޓޯބަރ 2020 - 10:52
ވޮޝިންޓަން (އޮކްޓޯބަރު 14) - އެމެރިކާގެ ޖޯންސަން އެންޑް ޖޯސަން އިން އުފައްދާ ކޮވިޑް ވެކްސިންގެ ދިރާސާތަކުގައި ބޭނުންކުރި ވޮލަންޓިއަރަކު ބަލިވުމާ ގުޅިގެން ވެކްސިން މަޑުޖައްސާލައިފި އެވެ.
ޖޯންސަން އެންޑް ޖޯސަން އިން ބުނީ ވޮލަންޓިއަރު ބަލިވީ ވެކްސިން ދިނުމުންތޯ ނުވަތަ އެހެން ގޮތަކުންތޯ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން ބަޔަކު ތަހުގީގު ކުރާނެ ކަމަށެވެ. ވެކްސިންގެ ދިރާސާތައް މެދުކަނޑާލިއިރު ކުރިއަށް ދަނީ ތިން ވަނަ ފޭހުގެ މަސައްކަތެވެ. އެހެންވެ މިހާރު ވަނީ ވެކްސިންގެ ތަހުލީކުތަކަށް އިތުރަށް ވޮލަންޓިއަރުން ނެެގުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ކުންފުނިން ބުނީ އެތައް ހާސް ބަޔަކު ބޭނުންކޮށްގެން ޓެސްޓްތައް ކުރަމުންދާ އިރު މީހަކު ބަލިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ވޮލަންޓިއަރުންގެ ބަލިތައް ބަލައި ހޯދާ ދަސްކުރަމުން މިދަނީ. އެންމެ މުހިންމު ކަމަކީ ކަމާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް ހޯދުން،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖޯންސަން އެންޑް ޖޯސަންގެ ވެކްސިންގެ ޓްރަޔަލް އަށް ވޮލަންޓިއަރުން ރެކްރޫޓް ކުރަން ފެށީ ސެޕްޓެމްބަރު މަހު ފަހުކޮޅު އެވެ. ކުންފުނީގެ އަމާޒަކީ އެމެރިކާ އާއި ސައުތު އެމެރިކާ އަދި ސައުތު އެފްރިކާ އިން 60،000 އަށް ވުރެ ގިނަ މީހުންނަށް ޓްރަޔަލްގައި ވެކްސިން ދިނުމެވެ.
މިއީ ޓްރަޔަލް މަރުހަލާގައި ވޮލަންޓިއަރަކު ބަލިވެގެން ހުއްޓާލި ފުރަތަމަ ވެކްސިނެއް ނޫނެވެ. އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިންގެ ޓްރަޔަލްގައި ވެސް ވޮލަންޓިއަރަކު ބަލިވުމާ ގުޅިގެން ވަނީ ވެކްސިންގެ މަސައްކަތް މެދުކަނޑާލައިފަ އެވެ. ނަމަވެސް ފަހުން ވަނީ ވެކްސިން ދޭން ފަށައިފަ އެވެ.
ކޮރޯނާވައިރަހަށް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ 180 އަށް ވުރެ ގިނަ ވެކްސިން ޓެސްޓް ކުރަމުންނެވެ. އެކަމަކު މީގެ ތެރޭން އެއްވެސް ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްތައް ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy