ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިންގެ 95 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ
18 ނޮވެމްބަރ 2020 - 23:54
ވޮޝިންޓަން (ނޮވެމްބަރު 18) - އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާ ކޮވިޑް-19 ގެ ވެކްސިންގެ އަޖުމަ ބެލުމުގެ ތަހުލީލުތައް ނިންމާލައި، އެ ވެކްސިން ދޭ މީހުންގެ 95 ޕަސެންޓް މީހުން ކޮރޯނާވައިރަސް އިން ދިފާއުކޮށްދޭ ކަމަށް ބުނެފި އެވެ.
ފައިޒާ އިން ބުނީ އެމެރިކާގައި ވެކްސިން ބޭނުން ކުރުމުގެ އިމަޖެންސީ ހުއްދަ އަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.
އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏާއި ޖަރުމަނުގެ ޕާޓްނަރު ގުޅިގެން އުފެއްދި ވެކްސިނުން ލިބުނު އުއްމީދީ ޚަބަރުން ކޮރޯނާވައިރަހުގެ ކަންބޮޑުވުމުގައި ތިބި އެތައް ބަޔަކަށް ވަނީ ހިތްހަމަޖެހުން ގެނެސްދީފަ އެވެ. ފައިޒާ އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އެ ކުންފުނީގެ ވެކްސިން 90 ޕަސެންޓް ކާމިޔާބު ކަމަށް ޕްރިލިމިނަރީ ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ. މިދިޔަ ހަފުތާގެ ޑޭޓާ ހާމަކޮށްފައި ވަނީ ބަލިވި 94 މީހެއްގެ މައުލޫމާތަށް ބިނާކޮށެވެ.
ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.
ފައިޒާގެ ވެކްސިންގެ ކާމިޔާބުކަމުގެ އުފާވެރި ޚަބަރު ލިބުނު އިރު ވަނީ ޓްރަޔަލްތަކުގައި ބޭނުންކުރި 44،000 މީހުންގެ ތެރޭން 170 މީހުން ބަލިވެފަ އެވެ. އޭގެ ތެރޭން 162 މީހުންނަށް ދީފައި ވަނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ. އަނެއް އަށް މީހުންނަށް ދީފައި ވަނީ ދެ ޑޯޒުގެ އަސްލު ވެކްސިނެވެ. ބަލިވި 170 މީހުންގެ ތެރޭން 10 މީހެއްގެ ކިބައިން ވަނީ ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތުގެ އަލާމާތްތައް ފެނިފަ އެވެ. މި 10 މީހުންގެ ތެރޭން ނުވަ މީހުންނަކީ ޕްލެސީބޯ ގްރޫޕެވެ. އަނެއް މީހާ އަކީ އަސްލު ވެކްސިން ގްރޫޕެވެ.
ވެކްސިންގެ އެންމެ ފަހުގެ ޑޭޓާތައް ދައްކާ ގޮތުން ސައިޑް-އިފެކްޓްސް ވެސް ވަރަށް ކުޑަ އެވެ. އަދި އެއީ އަވަހަށް ފިލައިގެންދާ ޒާތުގެ ސައިޑް-އިފެކްޓްސް އެވެ. ގާތްގަނޑަކަށް ހަތަރު ޕަސެންޓް މީހުންނަށް ވަރުބަލިކަން އިހްސާސް ކުރެވުނު އިރު ދެ ޕަސެންޓް މީހުންނަށް ވަނީ ބޮލުގެ ރިހުން ތަޖްރިބާކުރަން ޖެހިފަ އެވެ.
ފައިޒާގެ ވެކްސިންގެ އެންމެ ފަހު ސްޓޭޖުގެ ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާ، ޖަރުމަން، ތުރުކީ، ސައުތު އެފްރިކާ، ބްރެޒިލް އަދި އާޖެންޓީނާގެ 150 ސައިޓެއްގަ އެވެ. ފައިޒާ އިން ނިންމާފައި ވަނީ ވެކްސިން އިން ލިބިދޭ ދިފާއީ ބާރު ކިހާ މުއްދަތަކަށް ހުރޭތޯ ބެލުމަށް ޓްރަޔަލްތައް ދެ އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށެވެ.
ފައިޒާގެ ވެކްސިނަށް އެފްޑީއޭ އިން ހުއްދަ ދީފި ނަމަ ފުރަތަމަ ވެކްސިން ދޭނީ އެމެރިކާގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި އެހެން ހައި-ރިސްކް ގްރޫޕްތަކުގެ މީހުންނަށެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭ ވެކްސިން ދެވޭނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެ އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ.
އެމެރިކާގެ ބަޔޯޓެކް ކުންފުނި މޮޑާނާ އިން ވެސް ހޯމަ ދުވަހު ބުނެފައި ވަނީ އެ ކުންފުންޏާއި ޔޫއެސް ނޭޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު (އެންއައިއެޗް) ގުޅިގެން އުފައްދާ ވެކްސިންގެ 94.5 ޕަސެންޓް ކާމިޔާބު ކަމަށެވެ. ފައިޒާގެ ވެކްސިންގެ ދެ ޑޯޒެއް، ތިން ހަފުތާގެ ދުރުމިނެއްގައި ދޭން ޖެހެ އެވެ.
ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.
ފައިޒާގެ ވެކްސިން ގެންގުޅެން ޖެހެނީ 70- ޑިގްރީ ސެލްސިއަސް (94- ޑިގްރީ ފެރަންހައިޓް) ގަ އެވެ. ނަމަވެސް މޮޑާނާގެ ވެކްސިން 20- ސެލްސިއަސް (4- ފެރަންހައިޓް) ގައި ގެންގުޅެވެ އެވެ. މިއީ އާދައިގެ ފްރީޒަރެއްގައި ވެސް ގެންގުޅެވޭނެ ފިނިމިނެވެ. ދެ ވެކްސިން ގެންގުޅުމުގެ ފިނިހޫނުމިނުގެ މިހާ ބޮޑު ތަފާތެއް އައިސްފައި ވަނީ އެމްއާރުއެންއޭ މޮލެކިއުލްސްތައް ފޯރުކޮށްދިނުމުގައި "ލިޕިޑް ނެނޯޕާޓިކަލްސް" ފޯމިއުލޭޝަން ތަފާތުވުމުންނެވެ.
ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.
އަނެއްކޮޅުން ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ޑޯޒްތައް ކުޑަ (30 މައިކްރޯގްރާމްސް) އެވެ. މޮޑާނާ-އެންއައިއެޗްގެ ވެކްސިން ޑޯޒަކީ 100 މައިކްރޯގްރާމްސް އެވެ. އެހެންކަމުން ފައިޒާގެ ވެކްސިންގެ ޑޯޒެއް އުފެއްދުމުގެ ޚަރަދު ކުޑަ އެވެ.
މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 56.3 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހި 1.3 މިލިއަން މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީޝާ
20 November 2020
ތި ވެކްސިން ނެރުނަސް ރާއްޖެ ގެނެވޭނެ ދުވަހެއް ހަމަ ބުނާކަށް ނޭގޭ ވީމާ ރައްކާވެތިބީއްޔާ ދަތުރެވެ.
2021
19 November 2020
ތިފާއިޒާ ދީގެންވެސް އަވަހަށް މިކަ މުން ސަލާ މަތްވޭތޯ ބަލަންވެއްޖެއްނު
ބަސް
19 November 2020
ޝާހިދު މިހާރުވާނީ ތީގެ ވެކްސިން ކޮޅެއް ލިބޭތޯ މަސައްކަތް ކޮށްފަ
ފާއިޒާ
19 November 2020
ކޮބާ ޒުވާން މިނިސްޓަރ ނަސީމުބެ؟ އެތިކޮޅެއް ލިބޭތޯ ޔޫސް އަށް ނައްޓާލަ ބަލަ. އެއްމެ 5ލައްކަ އެވެ.
މާރަނގަމާކުންބެ
19 November 2020
5 ލައްކަ ޑޯޒު އަވަހަށް އެތެރެކުރާންއުޅޭ.