ފައިޒާގެ ވެކްސިންގެ ހުއްދަ އަށް އެދިއްޖެ

ވޮޝިންޓަން (ނޮވެމްބަރު 20) - އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ގެ ވެކްސިންގެ އަޖުމަ ބެލުމުގެ ތަހުލީލުތައް ނިންމާލުމަށް ފަހު ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަށް އެދިއްޖެ އެވެ.


ވެކްސިންގެ ރައްކާތެރިކަމާ މެދު ގޮތެއް ނިންމުން މިހާރު އޮތީ ޔޫއެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ އަތުގަ އެވެ. ފައިޒާގެ ވެކްސިންގެ ޑޭޓާ ސްޓަޑީ ކުރަން އެފްޑީއޭ އިން ނަގާނީ ކިހާ މުއްދަތެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުން އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭ ވެކްސިން އަށް އެމެރިކާ ސަރުކާރުން ހުއްދަ ދޭނެ ކަމަށް ބެލެވެ އެވެ.

ފައިޒާގެ ވެކްސިންގެ ޑޭޓާ ދައްކާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން އިން 94 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ފައިޒާގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގައި 44،000 މީހުން ބޭނުން ކުރި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު ބާކީ ތިބި މީހުންނަށް ދިނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ.

ފައިޒާގެ ވެކްސިން އަށް އިނގިރޭސި ވިލާތުން ވަނީ 40 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އަދި އަހަރު ނިމޭހާތާނގައި 10 މިލިއަން ޑޯޒް ފޯރުކޮށްދޭނެ ކަމަށްވެ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން ބުނީ ވެކްސިން އަށް އަންނަ މަހު ކުރީކޮޅު ހުއްދަ ދިނުމާ އެކު "މަދު ގަޑިތަކެއްގެ ތެރޭގައި" ވެކްސިން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން ވެކްސިން މި އުފައްދާފައި ވަނީ ގާތްގަނޑަކަށް ދިހަ މަހެއްހާ ދުވަސްތެރޭގައި ވައިރަސްގެ ޖެނެޓިކް ކޯޑު ދެނެގަނެގެންނެވެ. މިއީ ވެކްސިނެއް އުފައްދަން ބަލާނަމަ ވަރަށް ކުރު މުއްދަތެކެވެ.

ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ. ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.

ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.