22 ސެޕްޓެމްބަރ 2022 - 11:26
މި އަހަރުގެ ބެލޮންޑިއޯ އެވޯޑުގައި، އިންސާނިއްޔަތާ ގުޅޭ އެވޯޑެއް، ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސޮކްރަޓީސްގެ ނަމުގައި ދޭން ފަށާނެ ކަމަށް އެ އެވޯޑް އިންތިޒާމުކުރާ ފްރާންސް ފުޓްބޯލް މަޖައްލާ އިން ބުނެފި އެވެ.
އެ މަޖައްލާ އިން ބުނި ގޮތުގައި މި އެވޯޑް ދެނީ އެންމެ ރަނގަޅު އިޖުތިމާއީ އިސްނެގުމަކަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިޖްތިމާއީ އެއްބައިވަންތަކަމާއި ތިމާވެށި ހިމާޔަތްކުރުމާއި ހަމަޖެނުމުގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުންނަށް ފޯރުކޮށްދޭ އެހީތެރިކަމެވެ.
މި އެވޯޑް ސޮކްރަޓީސްގެ ނަމުގައި ދެނީ، އަސްކަރީ ހުދުމުހުތާރު ވެރިކަމެއްގެ ދަށުގައި ބްރެޒިލް އޮތްއިރު އޭނާގެ ކްލަބް ކޮރިންތިއަންސް އިން "ކޮރިންތިއަން ޑިމޮކްރަސީ" ގެ ނަމުގައި ފެށި ކެމްޕެއިނަށް ފޯރުކޮށްދިން އެހީގެ ސަބަބުންނެވެ.
ސިޔާސީ ކަންކަމާ ނުބެހެން އެ ކުޅުންތެރިންނަށް އިންޒާރު ދިން ނަމަވެސް، އަދަބެއް ނުލިބި ސަލާމަތްވީ އެ ކުޅުންތެރިންގެ މަޝްހޫރުކަމުގެ ސަބަބުންނެވެ.
މި އިނާމު ދޭނެ ފަރާތެއް ކަނޑައަޅާ ޖޫރީންގެ ތެރޭގައި ސޮކްރަޓީސްގެ ކޮއްކޮ އަދި ބްރެޒިލާއި ޕީއެސްޖީގެ ކުރީގެ މިޑްފީލްޑަރު ރާއީ ހިމެނެ އެވެ.
ސޮކްރަޓީސް އަކީ ބްރެޒިލްގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ޓީމުގެ މެމްބަރެކެވެ. އެކަމަކު އެ ފަހަރު އިޓަލީ އަތުން ބަލިވެ ދެ ވަނަ ބުރުން ކެޓީ އެވެ.
ސޮކްރަޓީސް ވަނީ 1979 އިން 1986 އަށް ބްރެޒިލަށް 60 މެޗު ކުޅެދީ 22 ގޯލް ޖަހައިފަ އެވެ. ކުޅުމުގެ ސްޓައިލާއި ދިރިއުޅުމުގެ ވަށްޓަފާޅީގެ ސަބަބުން ސޮކްރަޓީސް ފާހަގަކުރެވިފައި ވަނީ އެ ޖީލުގެ އެންމެ ޝަހުސިއްޔަތު ވަރުގަދަ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ.
ބްރެޒިލްގެ ލެޖެންޑް ޕެލޭ 2004 ވަނަ އަހަރު އެކުލަވާލި ދުނިޔޭގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު ސޮކްރަޓީސް އަކީ މެޑިކަލް ޑޮކްޓަރެއް ވެސް މެ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ޑޮކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ އެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު ކުޅިވަރާއި ސިޔާސީ ކަންކަމާއި އިގްތިސާދީ ކަންކަމާ ގުޅޭ ކޮލަމްތައް ނޫސްތަކާއި މަޖައްލާތަކަށް ލިޔުނެވެ.
އޭނާގެ ނަމުގައި އެވޯޑެއް ތައާރަފުކުރި ބެލޮންޑިއޯ އަކީ 1965 ދެމުން އަންނަ އަދި ފުޓްބޯޅައިގެދޭ އެންމެ ޝަރަފްވެރި އެވޯޑެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތް ދީދީ
25 September 2022
ކޮންއިރަކުންބާ މުޅި ދުނިޔޭގަ އުފެދުނު އެއްމެ މޮޅު ކޯޗު އަލީ ސުޒޭނު ނަމުގަ އެވޯޑެއް ތައާރަފު ކުރަނީ
ކަރީމް ބެންޒެމާ
22 September 2022
އެންމެ މޮޅު 100 ކުޅުންތެރިންގެ ލިސްޓެއް ނޫން ޕެލޭ އެކުލަވައިލީ. އެއީ 125 ކުޅުންތެރިންގެ ލިސްޓެއް. "ފީފާ 100" ކިޔުނު ސަބަބަކީ އެއީ ފީފާގެ 100 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ނެރުނު ލިސްޓަކަށް ވީމަ