ދުނިޔޭގެ ކުޅިވަރު

ބެލޮންޑިއޯ ހަފުލާގައި ލޫލާ އަށް ރާއީ ކެމްޕެއިންކޮށްދީފި

ސެނެގާލްގެ ސަޑިއޯ މާނޭ (ކ) އަށް ރާއީ އިނާމު ހަވާލުކުރަނީ. --ފޮޓޯ: އޭއެފްޕީ

ރޭ އޮތް ބެލޮންޑިއޯ އެވޯޑް ހަފުލާގައި 'ސޮކްރަޓީސް އެވޯޑް' ހަވާލުކުރަން އެރި ސޮކްރަޓީސްގެ ކޮއްކޮ ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ރާއީ، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ވާތު ފިޔައިގެ ލީޑަރު ލޫކާ އަށް ކެމްޕެއިންކޮށްދީފި އެވެ.

ބެލޮންޑިއޯ އަށް މި އަހަރު ތައާރަފުކުރި 'ސޮކްރަޓީސް އެވޯޑް' އަކީ ބްރެޒިލްގެ ސިޔާސީ މަސައްކަތަކާ ގުޅިފައިވާ އެވޯޑެކެވެ. އެގޮތުން މި އެވޯޑް ދެނީ ބްރެޒިލްގައި 1964-1985 އަށް އަސްކަރީ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފުޓްބޯޅައިގެ ތެރެއިން، އޭރުގެ ބްރެޒިލް ކެޕްޓަން ސޮކްރަޓީސް ކުރި މަސައްކަތުގެ ރޫހު ދެމެހެއްޓުގެ ގޮތުންނެވެ.

އެންމެ ރަނގަޅު އިޖްތިމާއީ އިސްނެގުމަކަށް ދޭ އެވޯޑް ފުރަތަމަ ފަހަރަށް ރޭ ހާސިލްކުރީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. އޭނާ އަށް އެވޯޑް ދިނީ އުފަން ގައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރާ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ރާއީ. --ފޮޓޯ: އޭއެފްޕީ

މި އިނާމު ލިބޭ ފަރާތެއް ހޮވާ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ރާއީ ރޭ އެވޯޑް ދޭން އަރައި، ބްރެޒިލްގެ އިންތިހާބުގެ ވާހަކަދައްކައި، އަތުގެ އިޝާރާތުން ދައްކާލީ ލޫލާގެ ނަން ފެށޭ އަކުރު ކަމަށްވާ "އެލް" އަކުރުގެ ނިޝާނެވެ.

އެއާ އެކު ލޫލާ ވަނީ ވަގުތުން ޓްވީޓްކުރައްވައި ރާއީ އަށް ޝުކުރުއަދާކުރައްވައިފަ އެވެ.

"އަހަރެން ހުރިން މަންޒަރު ބަލަން،" ލޫލާގެ ޓްވީޓުގައިވެ އެވެ.

ބްރެޒިލްގެ ރައީސްކަން 2003 އިން 2010 އަށް ކުރެއްވި ލޫލާ މި މަހު 30 ގައި އޮންނަ އިންތިހާބުގައި ވާދަކުރައްވަނީ ކަނާތު ފިޔައިގެ ޖެއާ ބޮލްސޮނާރޯއާ އެވެ. ފުރަތަމަ ބުރުން ލޫލާ ވަނީ 48 ޕަސެންޓް ހޯއްދަވައިފަ އެވެ. އެ ބުރުން ބޮލްސޮނާރޯ އަށް ލިބިވަޑައިގަތީ 43 ޕަސެންޓެވެ.

ބްރެޒިލާ އެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރާއީ ރޭގެ ހަފުލާގައި ބުނީ އޭނާގެ ބޭބެ ރަމްޒުކޮށްދިނޯ އިންސާފާއި އިންސާނިއްޔަތުކަމާއި ޑިމޮކްރަސީގެ އުސޫލުތައް ކަމަށެވެ.

"އަހަރެމެން މި އަންނަނީ މި މަހު ފަހުކޮޅު، ފާގަތި މުސްތަގުބަލަކާ ގުޅޭ މުހިއްމު ނިންމުމެއް ނިންމަން ތައްޔާރުވަމުން އަންނަ އަހަރެމެންގެ ގައުމާ މެދު ވެސް ވިސްނަމުން. އަހަރެމެން އެންމެންނަށް އެނގޭ (އިންތިހާބުގައި) ސޮކްރަޓީސް ހުންނާނީ ކޮން ކޮޅެއްގައިކަން،" "އެލް" އަކުރު ދައްކާލުމުގެ ކުރިން އޭނާ ބުންޏެވެ.

ބްރެޒިލްގެ މިހާރުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނޭމާ ތާއީދުކުރަނީ ބޮލްސޮނާރޯ އަށެވެ.

ބޮލްސޮނާރޯ ކޭމްޕުން ބްރެޒިލް ފުޓްބޯޅަ ޓީމުގެ ކުލަ ކަމަށްވާ ރީނދޫ ބޭނުންކުރާތީ މި އަހަރުގެ ވޯލްޑް ކަޕުގައި އެ ކުލަ ބޭނުންނުކުރަން ބައެއް ސަޕޯޓަރުން ވަނީ ނިންމައިފަ އެވެ.

ރާއީ ވާހަކަދައްކާއިރު އޭނާގެ ބޭބެ ސޮކްރަޓީސްގެ ފޮޓޯ އަޅުވާފައި. --ފޮޓޯ: އޭއެފްޕީ

ސޮކްރަޓީސް އަކީ ބްރެޒިލްގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ޓީމުގެ ކެޕްޓަނެވެ. އެކަމަކު އެ ފަހަރު އިޓަލީ އަތުން ބަލިވެ ދެ ވަނަ ބުރުން ކެޓީ އެވެ.

ސޮކްރަޓީސް ވަނީ 1979 އިން 1986 އަށް ބްރެޒިލަށް 60 މެޗު ކުޅެދީ 22 ގޯލް ޖަހައިފަ އެވެ. ކުޅުމުގެ ސްޓައިލާއި ދިރިއުޅުމުގެ ވަށްޓަފާޅީގެ ސަބަބުން ސޮކްރަޓީސް ފާހަގަކުރެވިފައި ވަނީ އެ ޖީލުގެ އެންމެ ޝަހުސިއްޔަތު ވަރުގަދަ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ބްރެޒިލްގެ ލެޖެންޑް ޕެލޭ 2004 ވަނަ އަހަރު އެކުލަވާލި ދުނިޔޭގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު ސޮކްރަޓީސް އަކީ މެޑިކަލް ޑޮކްޓަރެއް ވެސް މެ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ޑޮކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ އެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު ކުޅިވަރާއި ސިޔާސީ ކަންކަމާއި އިގްތިސާދީ ކަންކަމާ ގުޅޭ ކޮލަމްތައް ނޫސްތަކާއި މަޖައްލާތަކަށް ލިޔުނެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454