ކުޅިވަރު

ޕޮގްބާ އަނިޔާގައި: އޭނާ ހިތްވަރު ހޯދަނީ ﷲގެ ބަސްފުޅަކުން

ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރެފައި އަލުން ކުޅުމުގެ ތެރެއަށް އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އޭނާއަށް އަނިޔާވެ، މުހިއްމު މެޗުތަކެއް ގެއްލުމުގެ ބިރު ހީވެއްޖެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލުން ޔުނެވްޓަސް އަށް ބަދަލުވި ޕޮގްބާ ގާތްގަނޑަކަށް އަހަރެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އޭނާ ކުޅުމުގެ ތެރެއަށް އައިސް ފުރަތަމަ މެޗެއް ކުޅެދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެންމެ ފަހު ދުވަހުގެ ރޭ ލީގުގައި ޓޮރީނޯއާ ދެކޮޅަށެވެ.

ކުޅެން ފެށިތާ ދެ ހަފްތާ ވެފައި ވާއިރު އޭނާ އަށް އަނެއްކާ ވެސް މިވަނީ އަނިޔާގެ އިތުރު މައްސަލައެއް ދިމާވެފަ އެވެ. ފަރިތަކުރުންތަކުގައި ފްރީކިކް ޖަހަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާ ވުމާ ގުޅިގެން އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމަށް ބެލެވެ އެވެ.

ލީގުގައި ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، އެއަށް ފަހު ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޕޮގްބާ ކުޅުނެވެ. ނަމަވެސް އަހުލާގީ މައްސަލައަކާ ގުޅިގެން ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ޖަރުމަންގެ ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ނަގާފައި ނުވާއިރު، އާދިއްތަ ދުވަހުގެ ރޭ ލީގުގައި ސަމްޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.

ސަމްޑޯރިއާ މެޗުން އޭނާ އަށް ފުރުސަތު ނުލިބުނީ ފަލަމަސްގަނޑަށް އަނިޔާ ވެގެން ކަން ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ހާމަ ކޮށްފަ އެވެ. އަދި ކްލަބުން ނެރުނު ބަޔާނެއްގައި ވާގޮތުން ޕޮގްބާގެ ފަލަމަސްގަނޑުން ވަނީ ތަންގަނޑެއް އިރައިގެން ގޮސްފަ އެވެ.

މުސްލިމް އެތުލީޓުންގެ ތެރޭގައި މަޝްހޫރު ޕޮގްބާ، މި އަނިޔާއާ ގުޅިގެން ވަނީ އޭނާގެ އިންސްޓަގްރާމުގައި، ކީރިތި ގުރުއާނުގައި ބަގަރާ ސޫރަތުގެ 286 ވަނަ އާޔަތުން ތަންކޮޅެއްގެ މާނަ ހިއްސާ ކޮށްފަ އެވެ.

"ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަށް މެނުވީ ތަކުލީފެއް ނުޖައްސަވަ އެވެ،" ޕޮގްބާގެ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯގައި އިނގިރޭސި އިބާރާތުން ލިޔެފައިވެ އެވެ.

ޕޮގްބާގެ މި ޕޯސްޓަށް އޭނާއަށް ތާއީދުކޮށް ޔުވެންޓަސް އަށް ކުޅޭ އެންހެލް ޑި މާރިއާ، ލިއަންޑްރޯ ޕަރޭދޭސް، ނިކޯލޯ ފަގިއޯލީ އަދި މަޓިއަސް ސޫލޭ ވެސް ވަނީ ކޮމެންޓް ކޮށްފަ އެވެ. މީގެ އިތުރުން އޭނާ އެމްބެސަޑަރުކަން އަދާކުރާ މަޝްހޫރު ކުޅިވަރު ބްރޭންޑް އެޑިޑާސް އިން ވެސް ވަނީ އެއީ 100 ގެ ވާހަކައެއްކަމަށް ބުނެ ކޮމެންޓް ކޮށްފަ އެވެ.

ޕޮގްބާ އަކީ ރޯދަ މަހުގެ މެޗުތައް ކުޅޭއިރު ވެސް ގަވާއިދުން ރޯދަ ހިފާ ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ކޮންމެ ސީޒަނަކަށް ފަހު ކަހަލަ ގޮތަކަށް އޭނާ މައްކާ އަށް ގޮސް އުމްރާގެ މަތިވެރި އަޅުކަން އަދާކުރާ ކުޅުންތެރިއެކެވެ.

މި މަހު އޮންނަ އިންޓަނޭޝަނަލް ބްރޭކުގައި ފްރާންސްގެ ގައުމީ ޓީމުން ޔޫރޯ މުބާރާތުގެ ކޮލިފައިން މެޗުތައް ވެސް ފަށަން ހަމަޖެހިފައި ވާއިރު، މި އަނިޔާއާ ގުޅިގެން މި މަހު ނެދަލެންޑްސް އާއި އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ނުފެންނާނެ އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޕޮގްބާ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތި ލަމުން އަންނައިރު، މިދިޔަ އަހަރުގެ ވޯލްޑް ކަޕް ވެސް އަނިޔާގެ ސަބަބުން އޭނާ އަށް ގެއްލުނެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 18%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 55%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454