16 ޖުލައި 2025 - 10:23
ބާސެލޯނާގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލްގެ 18 ވަނަ އުފަން ދުވަހުގެ ޕާޓީގައި، ޑްވާފިޒަމް ހުންނަ މީހުންގެ ގްރޫޕެއް، މުނިފޫހިފިލުވަން ބޭނުންކުރި މައްސަލައަކާ ގުޅޭ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ސްޕެއިނުގެ ސޯޝަލް ރައިޓްސް މިނިސްޓްރީން ބުނެފި އެވެ.
ޑްވާފިޒަމް އަކީ ޖެނެޓިކް ނުވަތަ ސިއްހީ ކަމެއްގެ ސަބަބުން ހެދިބޮޑުވުމަށް މައްސަލަ ދިމާވެ، އުމުރާ ބަލާއިރު އިސްކޮޅުން އާދަޔާހިލާފަށް ކުރުވުމެވެ.
ބާސެލޯނާގެ ރަށްބޭރުގައި އޮންނަ އޮލިވެޔާގައި ބޭއްވި ޕްރައިވެޓް ޕާޓީގެ މައްސަލަ ބަލަން ޕްރޮސެކިއުޓަރުންނަށް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ. މިނިސްޓްރީން މި މައްސަލަ ބަލަން އިސްނެގީ ޑްވާފިޒަމް ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އަކުން ޝަކުވާކުރުމުންނެވެ.
މުނިފޫހިފިލުވުމުގެ ކަމެއްގައި ޑްވާފިޒަމް ހުންނަ މީހުން ބޭނުންކުރުމަކީ އެ ޖަމިއްޔާ އިން މަނާކުރާ ކަމެކެވެ. އަދި އެފަދަ ކަމެއްކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޮންނަނީ ދީފަ އެވެ. ޔަމާލްގެ ޕާޓީގައި ވީޑިއޯކުރުން އޮތީ މަނާކޮށްފަ އެވެ. އެކަމަކު ޑްވާފިޒަމް ހުންނަ ބަޔަކު ޕާޓީ އޮތް މާލަމަށް ވަންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.
އޭގެ ތެރެއިން އެކަކު ސްޕެއިނުގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ މީހުން ޕާޓީގައީ ގާނޫނާ ހިލާފު ކަމެއް ނުކުރާ ކަމަށާއި، އަދި އެ މީހުންނަށް އެއްވެސް މީހަކު އިހުތިރާމް ކުޑަކުރުމުގެ އަމަލެއް ނުހިންގާ ކަމަށެވެ. އަދި ޕާޓީގައި ކުރިހާ ވެސް ކަމަކީ ސާވްކުރުމާއި، ޖާދޫ ހެދުމާއި، ނެށުން ކަމަށެވެ.
"ތިޔަ ޖަމިއްޔާ އަކުން އުޅެނީ އަހަރެމެންނަށް ގެއްލުން ދޭން. އެ މީހުން ބޭނުމެއް ނުވޭ އަހަރެމެން، އަހަރެމެން ކުރާ ހިތްވާ މަސައްކަތެއް ކުރާކަށް. އެކަމަކު އެ މީހުން އަހަރެމެންނަށް މަސައްކަތެއް ދަސްކޮށްދެނީއެއް ނޫން، ތަމްރީނެއް ދެނީއެއް ނޫން،" އޭނާ ބުންޏެވެ.
"މި ހުރިހާ ރޯޅިއެއް މި އަންނަނީ ޔަމާލްގެ ޕާޓީ ވީމާ."
ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވި މި ޕާޓީގައި ބާސެލޯނާގެ ބައެއް ކުޅުންތެރިންނާއި، މަޝްހޫރު ބައެއް ލަވަކިޔުންތެރިން ބައިވެރިވި އެވެ.
މި ޕާޓީގައި އާއްމު އަދަބާ ހިލާފު ކަންކަން ކުރިއަށް ދިޔަ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު ބާސެލޯނާގެ ސަޕޯޓަރުން ބުނާ ގޮތުގައި މިއީ ވާދަވެރި ރެއާލް މެޑްރިޑުގެ ސަޕޯޓަރުން އިސްވެ ތިބެ ޔަމާލްގެ އަގުވައްޓާލަން އަރުވާ އަޑެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy