04 ސެޕްޓެމްބަރ 2019 - 09:35
ލަންޑަން (ސެޕްޓެމްބަރު 4) - ޗެލްސީގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް ނައިޖީރިއާ ގައުމީ ޓީމަށް ކުޅުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޕޯޓިންލައިފް އިން ރިޕޯޓްކުރާގޮތުގައި ނައިޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަމަޖޫ ޕިނިކް ވަނީ އަބްރަހަމްގެ އޭޖެންޓާ ބައްދަލުކޮށް އޭނާ ނައިޖީރިއާ ޓީމަށް ކުޅުމަށް ދައުވަތު ދެއްވައިފަ އެވެ.
އިނގިރޭސި މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި ނައިޖީރިއާ އިން މަސައްކަތްކުރަނީ އަބްރަހަމްގެ ނިންމުމަކަށް ނުފޫޒުފޯރުވާށެވެ. އެއީ މި ވަގުތު އަބްރަހަމް ރަނގަޅު ފޯމެއްގައި ހުއްޓައި ކުރިއަށް އޮތް ޔޫރޯ ކޮލިފައިންގެ ދެ މެޗަށް އިންގްލެންޑުން ނެގި ސްކޮޑުން އަބްރަހަމަށް ފުރުސަތު ނުދޭތީ އޭގެ ފައިދާނަގަން ނައިޖީރިއާ އިން މަސައްކަތްކުރާ ކަމަށް ބުނެ އެވެ.
އަބްރަހަމް ވަނީ އިންގްލެންޑްގެ ތިން އުމުރުފުރާގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އިންގްލެންޑްގެ ސީނިއާ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުތަކެއްގައި ސްކޮޑުގައި ހިމެނި އެއް މެޗުގައި ކުޅުނެވެ. އެކަމަކު ރަސްމީ މެޗެއްގައި އަދި އޭނާ ކުޅެފައިނުވާތީ އަދި ވަކި ގައުމީ ޓީމެއް އިހުތިޔާރުކުރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.
ނައިޖީރިއާގެ ރައީސް ޕިނިކް ވިދާޅުވީ އަބްރަހަމް އުފަންވީ ލަންޑަނުގެ ކެމްބާވެލްގައި ކަމަށް ވިޔަސް އޭނާގެ ބައްޕަގެ އުފަން ގައުމަކީ ނައިޖީިރިއާ ކަމަށްވުމުން އޭނާ ތަމްސީލުކުރަން ޖެހޭނީ ނައިޖީރިއާ ކަމަށެވެ.
އިންގްލެންޑްގެ އުމުރުފުރާ ޓީމުތަކަށް މޮޅު ކުޅުމެއް ދެއްކި ކްރިސްޓަލް ޕެލަސްގެ ވިންގް ވިލްފްރެޑް ޒަހާ ވެސް ވަނީ އިންގްލެންޑްގެ ސީނިއާ ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2017 ވަނަ އަހަރު ކުޅެން ފަށައިފަ އެވެ.
ޗެލްސީގެ ޔޫތު ޓީމުގައި މޮޅަށް ކުޅެމުން އައި އަބްރަހަމް މިދިޔަ އަހަރުތަކުގައި ލޯން އެއްބަސްވުމެއްގެ ދަށުން ގިނަ ޓީމުތަކަށް ވަނީ ކުޅެފަ އެވެ. އެއީ ބްރިސްޓޯލް ސިޓީ، ސްވަންސީ ސިޓީ އަދި އެސްޓަން ވިލާ އެވެ. ޗެލްސީ އަށް ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ކުޅުންތެރިއަކު ނުގެނެވޭތީ އެ ޓީމުން ވަނީ ކުރިން ފުރުސަތު ނުލިބި ތިބި އަބްރަހަމް ފަދަ ކުޅުންތެރިންނަށް ޓީމުން ޖާގަދޭން ފަށައިފަ އެވެ.
އުމުރުން 21 އަހަރުގެ އަބްރަހަމް ވަނީ ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ އަބްރަަހަމަށް ޗެލްސީގެ އެޓޭކް ލީޑުކުރުމުގެ ޒިންމާ އަދާކުރެވޭނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy