09 އޮކްޓޯބަރ 2019 - 09:25
މިއުނިކް (އޮކްޓޫބަރު 9) - މަތީ ފަންތީގައި 17 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހު ޖަރުމަނުގެ ބަސްޓިއަން ޝްވައިންސްޓައިގާ ރިޓަޔާކުރިކަން އިއުލާނުކުރިތާ އިރުކޮޅެއްގެ ތެރޭ ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅެން އޭނާ އަށް ދައުވަތު ލިބިއްޖެ އެވެ.
އުމުރުން 35 އަހަރުގެ ޝްވައިންސްޓައިގާ އެންމެ ބޮޑަށް ފާހަގަވީ ބަޔާން މިއުނިކުންނެވެ. އޭނާ ވަނީ 2002 އިން 2015 އަށް ބަޔާނަށް ކުޅެފަ އެވެ. ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ދެ އަހަރު ކުޅުމަށް ފަހު އެންމެ ފަހުން ޝްވައިންސްޓައިގާ ފެނުނީ އެމެރިކާގެ ކްލަބް ޝިކާގޯ ފަޔާސް އިންނެވެ. އުމުރުން 35 އަހަރުގެ ޝްވައިންސްޓައިގާ ފުޓްބޯޅަ އިން ރިޓަޔާކުރިކަން އިއުލާނުކޮށްފައިމިވަނީ އެމެރިކާގެ ފުޓްބޯޅަ ލީގު ނިމުނުތާ ދެ ދުވަސް ފަހުންނެވެ. އޭނާގެ ކްލަބް ޝިކާގޯ ލީގު ނިންމާލީ 17 ވަނައިގަ އެވެ.
"އަހަރެން ފުޓްބޯޅަ ކުޅުން ނިމުމަކަށް އައީ. މިއީ އެ ވަގުތު. ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. އެ މީހުން އަހަންނަށް މިކަން ފުރިހަމަކޮށްދިނީ،" ޝްވައިންސްޓައިގާ ބުންޏެވެ.
ޝްވައިންސްޓައިގާ ރިޓަޔާކުރިކަން އިއުލާނުކުރިތާ މަދުވަގުތުކޮޅެއްގެ ތެރޭގައި ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ އޭނާގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ޝްވައިންސްޓައިގާ އަށް އޮންނާނެ ކަމަށް ބުނެ ދައުވަތުދީފަ އެވެ.
"ޝްވައިންސްޓައިގާ އަށް އަބަދުވެސް ގައުމީ ޓީމުގައި ފުރުސަތު އޮންނާނެ. އޭނާ އަކީ ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ވެސް ހާއްސަވާނެ ކުޅުންތެރިޔެއް. އޭނާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބޮޑު އަނިޔާއެއް ލިބުމުން ވެސް ޓީމު މޮޅުކޮށްދޭން ކުރި މަސައްކަތް އެންމެންގެ ހަނދާނުގައި ހުންނާނެ،" ޖަރުމަނުގެ ކޯޗު ލޯ ބުންޏެވެ.
ޖަރުމަނު ގައުމީ ޓީމާ އެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޝްވައިންސްޓައިގާ އެންމެ ފުރަތަމަ ގައުމީ ޖޯޒީގައި މެޗެއް ކުޅުނީ 2004 ވަނަ އަހަރު ޖޫން މަހު ހަންގޭރީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އޭގެ ފަހުން ގަވާއިދުން ގައުމީ ޓީމުގައި ހިމެނެމުން އައި ޝްވައިންސްޓައިގާ އަކީ ޓީމުގެ އެންމެ މުހިއްމު އެއް ތަނބެވެ. ޖަރުމަނު ގައުމީ ޓީމުން ހޯދި ކާމިޔާބީތަކުގައި އޭނާގެ ދައުރު ބޮޑެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އެވެ.
ޝްވަންސްޓައިގާގެ ޔޫތު ކެރިއަރު 1990 ވަނަ އަހަރު ފެށިއިރު އެ ލެވެލްގައި ވެސް އޭނާ ފާހަގަވާން ފެށުމުން ބަޔާނުގެ ޔޫތު ޓީމުން އޭނާ ގެންދިޔައީ 1998 ވަނަ އަހަރު އެވެ. ފަހުން ބަޔާނުގެ ސީނިއާ ޓީމަށް ޕްރޮމޯޓްވެ އެ ޓީމާ އެކު އޭނާ ވަނީ 18 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ. ފަހުން ޔުނައިޓެޑަށް ބަދަލުވެ އެ ޓީމާ އެކު އެފްއޭ ކަޕް ކާމިޔާބު ކުރި އެވެ.
ޝްވައިންސްޓައިގާ ވަނީ އޭނާގެ ކެރިއަރުގެ ފަހުކޮޅުގައި އޭނާގެ އަންހެނުން ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެނާ އިވަނޯވިޗް ދިން ހިތްވަރު ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
09 October 2019
ސާބަހޭ ބަސްޓިއަން ޝްވައިންސްޓައިގާ.#ޖާމަންލެޖެންޑް