ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ތުރުކީގެ ކުޅުންތެރިން ސެލިއުޓް ނަގައިގެން.-- ފޮޓޯ: އޭއެފްޕީ
08 ނޮވެމްބަރ 2019 - 10:32
އިސްތަންބޫލް (ނޮވެމްބަރު 8) - ޔޫރޯ ކޮލިފައިންގައި ތުރުކީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރިއިރު ސެލިއުޓް ނަގައި ސިޔާސީ ކަންކަމަށް ބާރުލިބޭ ފަދަ އިޝާރާތެއް ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގު ޔުއެފާ އިން ފަށާފައިވަނިކޮށް އެ ތަހުގީގަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ފާޑުވިދާޅުވެއްޖެ އެވެ.
ޔޫރޯ ކޮލިފައިންގައި އަލްބޭނިއާ އަތުން 1-0 އިން މޮޅުވި މެޗާއި ފްރާންސާ 1-1 އިން އެއްވަރުކުރި މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ތުރުކީ ކުޅުންތެރިން ވަނީ މިލިޓަރީ ސެލިއުޓެއް ނަގައިފަ އެވެ. މިއީ ސީރިއާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިއާގެ ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީގެ ސިފައިން ކުރާ ހަނގުރާމަ އަށް ތާއީދުކުރުމުގެ ގޮތުން ނެގި ސެލިއުޓެއް ކަަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި ޓްވީޓެއްގައި ވެސް އެ ކަމަށް ހިތްވަރުދޭ މޭރުމުން މެސެޖެއް ދީފައިވުމުންނެވެ.
މި މައްސަލަ ފުރަތަމަ ފީފާގެ ސަމާލުކަމަށް އައި ނަމަވެސް ރަސްމީކޮށް ތަހުގީގު ފެށީ ޔުއެފާ އިންނެވެ. ގިނަ ކުޅުންތެރިންތަކެއް ސެލިއުޓް ނެގުމުގައި ބައިވެރިވެފައިވާއިރު، އެ ކުޅުންތެރިންނަށް އަންނާނެ އަދަބަކީ ޖޫރިމަނާއެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އަންކާރާގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އުރުދުގާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
"އެ އޮޕަރޭޝަން (ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން ކުރާ މަސައްކަތް) ފެށީއްސުރެން ތުރުކީގެ ކުޅިވަރު ތަރިން އަންނަނީ އެ ކަމަށް ސަޕޯޓް ދެމުން. ޔުއެފާގެ މި ތަފާތު ކުރުން އަހަރެމެން ބަލައެއް ނުގަންނަން. އެހެން ގައުމުތަކުގައި ވެސް އެބަހުރި މި ކަހަލަ ގޮތްގޮތަށް ކަންތައް ކޮށްފައި. ގައުމުގެ ސަލާމަތަށް މަސައްކަތްކުރާ ސިފައިންނަށް ސެލިއުޓް ކުރުމަކީ މައްސަލައެއް ނޫން،" އަންކާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރުދުގާން ވިދާޅުވި އެވެ.
މި މައްސަލަ ބަލަން ޔުއެފާ އިން ނިންމުމުން ތުރުކީގެ ސްޕޯޓްސް މިިނިސްޓަރު މެހެމެތު މުހައްރަމް ކަސަޕޯލޫ ވަނީ ސެލިއުޓް ނެގި ކުޅުންތެރިންނަށް އޭނާގެ ސަޕޯޓް އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި ފީފާ އިން މި މައްސަލަ ބަލަން ޔުއެފާ އަށް އެންގީ އެއްވެސް އަސްލެއްގެ މައްޗަށް ބެލުމަށް ފަހު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ތުރުކީގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ މިހެން ދިމާވާ ކަންކަމުގައި ބައެއް ގައުމުތަކަށް މި ގޮތަށް ފިޔަވަޅު އެޅުމެވެ.
އެ ގޮތުން މިދިޔަ ޖޫން މަހު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެ ގައުމުގެ ރައީސް ރައީސް އެމަނުއަލް މެކްރޮން އަށް ސެލިއުޓް ނެގި މައްސަލައިގެ އިތުރުން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ކޮޕަ އެމެރިކާ މެޗެއްގެ ތެރެއިން ސިޔާސީ މަންފާ ހޯދުމަށް ބްރެޒިލްގެ އެފްއޭގެ އޮފިޝަލުންނާ ބައްދަލުކުރި މައްސަަލަ ތަހުގީގުނުކުރާކަން ތުރުކީން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުމުއްދީން
08 November 2019
އުރުދުގާން ހަބޭސް.