ޑި ރޮސީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރޯމް (ޖެނުއަރީ 7) – އާޖެންޓީނާގެ ގަދަބާރު ބޮކާ ޖޫނިއާސްއާ މީގެ ހަޔެއްކަ މަސް ކުރިން ގުޅުނު އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއަލް ޑި ރޮސީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.


އެ ޓީމަށް އެންމެ ހަތް މެޗު ކުޅެދިން ޑި ރޮސީ ބުނީ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކްލަބުން ވަކިވެ އަދި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމީ އާއިލީ ސަބަބަކާ ހެދި އެނބުރި ގައުމަށް ދާން ޖެހުމުން ކަމަށެވެ.

"އަހަރެން ގެޔަށް ދާން ޖެހިއްޖެ. އަހަރެން ބޮކާ އާއި ފުޓްބޯޅަ މި ދޫކޮށްލަނީ،" އުމުރުން 36 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

ބޮކާ އަށް ރޮސީ ގެންދިޔައީ ބޮކާގެ ސްޕޯޓިން ޑިރެކްޓަރު ނިކޮލާ ބާޑިސޯ އެވެ. ރޮސީއާ އެކު ރޯމާ އަށް ކުޅުނު ބާޑިސޯގެ މަގާމް ގެއްލި މިހާރު އެ މަގާމް ފުރަނީ ކުރީގެ ކުޅުންތެރިޔާ ހުއާން ރޯމަން ރިކުއެލްމޭ އެވެ. ރޮސީ ބުނީ ކްލަބް ދޫކޮށްލަނީ އާ މެނޭޖްމަންޓާ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

ރޮސީ ބުނީ ގައުމާ ދުރުގައި ހުންނައިރު ދުވަހުން ދުވަހަށް ގައުމުގައި ތިބި ގާތް މީހުންނާ ގުޅުން ބޭއްވުން ދަތިކަމަށާއި އޭނާ އެނބުރި ދަނީ ވެސް އިޓަލީގައި ހުރި 14 އަހަރުގެ އަންހެން ދަރިފުޅާ އެކު ވަގުތު ހޭދަކުރުމަށް ކަމަށެވެ.

ރޮސީ ބުނީ ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނީ ފުޓްބޯޅައިގެ ތެރޭގައި ކަމަށާއި އެކަމަކު އަދާކުރާނެ މަގާމެއް އަދި ނޭގޭ ކަމަށެވެ. އަދި އިޓަލީގައި މަސައްކަތްކުރާނީ ރޯމުގައި ނުވަތަ ކައިރި ސަރަހައްދެއްގައި ކަމަށް ބުންޏެވެ.

ރޯމާގެ ޔޫތު ޓީމާ 2000 ވަނަ އަހަރު ގުޅުނު ރޮސީ ސީނިއާ ޓީމަށް ކުޅެން ފެށީ 2001 ގަ އެވެ. އެ ޓީމަށް 615 މެޗު ކުޅެދިން ނަމަވެސް ހޯދުނީ މަދު ކާމިޔާބީތަކެކެވެ. އެއީ 2007 އާއި 2008 ގެ އިޓާލިއަން ކަޕެވެ. އެކަމަކު އެތައް ކްލަބަކުން އޭނާ އަށް އޮފާކުރި ނަމަވެސް ކްލަބް ދޫކޮށްލުމުގެ ހިޔާލެއް ނުކުރި އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ވެސް ހިމެނެ އެވެ.

ޑި ރޮސީ ގިނަ ބަޔަކަށް ފާހަގަވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. އެ މުބާރާތުގެ ދެ ވަނަ މެޗުގައި އެމެރިކާ ކުޅުންތެރިޔެއްގެ މޫނުމަތި ފަޅާލުމުން ދިން ސަސްޕެންޝަނާ އެކު މުބާރާތް ނިމުނީ ކަމަށް ބެލެވުނެވެ. އެކަމަކު ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ފައިނަލުގައި ވެސް ކުޅެ އިޓަލީ އަށް މުބާރާތް ކާމިޔާބުކޮށްދިނުމުގައި ދައުރެއް އަދާކުރި އެވެ. އިޓަލީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީފަ އެވެ.

ބޮކަ ޖޫނިއަސް އަށް ކުޅެން ޑި ރޮސީ ނިންމީ އޭނާ އަށް ފިއޮރެންޓީނާ އާއި އާސެނަލް އަދި ސެވިއްޔާ އިން ވެސް ހުށަހެޅުންތަކެއް ލިބިފައިވަނިކޮށެވެ.