27 ޖެނުއަރީ 2020 - 07:45
ލޮސް އެންޖެލްސް (ޖެނުއަރީ 27) – ލޮސް އެންޖްލެސްގެ ރަށްބޭރަށް ޕްރައިވެޓް ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރުކުރި ނުވަ މީހުން މަރުވި ހާދިސާގައި، ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެމެރިކާގެ ކޯބީ ބްރަޔަންޓާއި އޭނާގެ ދަރިފުޅު ޖިއާނާ ރޭ މަރުވެއްޖެ އެވެ.
މިހާރު ރިޓަޔާކޮށްފައިވާ އުމުރުން 41 އަހަރުގެ ބްރަޔަންޓް ދަތުރުކުރަމުން ދިޔައީ އޭނާ ދިރިއުޅޭ އޮރޭންޖް ކައުންޓީން އޭނާ ހިންގާ ޔޫތު ބާސްކެޓްބޯޅަ އެކަޑަމީ އަށެވެ. ބޭނުމަކީ އެތަނުގައި ކުރިއަށްދާ މަމްބާ ކަޕުގައި ވާދަކުރާ އޭނާގެ ދަރިފުޅުގެ ޓީމަށް ކޯޗުކޮށްދިނުމެވެ. އެ ބޯޓުން ދަތުރުކުރި އިތުރު ޖޫނިއާ ކުޅުންތެރިޔަކާއި އޭނާގެ އާއިލާ މެމްބަރުން ވެސް މި ހާދިސާގައި މަރުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ ގަޑިން ހެނދުނު ގާތްގަނޑަކަށް 10 އެއް ޖެހިއިރު ގަދަ ދުންފިނީގެ ތެރޭގައި ހިނގި މި ހާދިސާގައި ބޯޓް ވެއްޓި އެއްކޮށް ވަނީ އަނދައި ކުދިކުދިވެފަ އެވެ.
ކޯބީ ބްރަޔަންޓް (ކ) އާއި އޭނާގެ ދަރިފުޅު ޖިއާނާ. --ފޮޓޯ: ގެޓީ އިމޭޖަސް
"ބްލެކް މަމްބާ" ގެ ނަމުން މަޝްހޫރުވި ބްރަޔަންޓުގެ މަރާ އެކު މުޅި ކުޅިވަރު ދުނިޔެ އަށް ވަނީ ސިހުން ލިބިފަ އެވެ. އޭނާގެ އަކީ ބާސްކެޓްބޯޅަ ކޯޓުން ބޭރުގައި ވެސް ގިނަ ބަޔެއްގެ މަގުބޫލު ކުޅުންތެރިޔެކެވެ. އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެތުލީޓުންގެ ތެރޭގަ އެވެ. ހާއްސަކޮށް އޭނާގެ ހިތްތިރި އަދި ގިނަ ބަޔަކާ ގުޅެ މިޒާޖުގެ ސަބަބުންނެވެ. އެންބީއޭގެ ކުރީގެ ކުޅުންތެރިޔާ ޖޮއެލް ބްރަޔަންޓްގެ ދަރިފުޅު ކޯބީ ބްރަޔަންޓް ކުޑައިރުގެ ބައެއް ދުވަސްތައް ހޭދަކުރީ އޭރު އޭނާގެ ބައްޕަ ޕްރޮފެޝަނަލީ ބާސްކެޓްބޯޅަ ކުޅެމުންދިޔަ އިޓަލީގަ އެވެ. އެ ދުވަސްވަރު ބްރަޔަންޓް ފުޓްބޯޅަ ވެސް ކުޅުނެވެ. އެކަމަކު ޓީވީން ބާސްކެޓްބޯޅަ މެޗުތައް ފެނި ކުރިއަށްދިޔައީ އެ ކުޅިވަރުންނެވެ.
އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އިން ބުނި ގޮތުގައި އާދަޔާހިލާފު ހުނަރަކާއި މޮޅުވުމަށް ދިން ސަމާލުކަމެއް އެކުވުމުން، ނެރެވޭ ނަތީޖާ 20 އަހަރު ވަންދެން ކޯބީ ދައްކުވައިދިން ކަމަށެވެ.
ބްރަޔަންޓްގެ މަރާ އެކު ވެސް އެންބީއޭގެ މިއަދުގެ މެޗުތައް އަންނަނީ ކުޅެމުންނެވެ. ބައެއް ފަރާތްތަކުން އަންނަނީ މެޗުތައް ކެންސަލްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އެގޮތުން ބްރަޔަންޓް މަރުވިކަމުގެ ކުއްލި ހަބަރާ އެކު ލިބުނު ފުން ހިތާމަ ތަހައްމަލުކުރާނެ ވަގުތު ވެސް ނުލިބި މެޗު ކުޅެން އެރުމުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުުކުރާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މެޗު ކުޅެމުން ދިޔައިރު ބައެއް ކުޅުންތެރިން ބެންޗުގައި ތިބެ ރުއި މަންޒަރު ވެސް ފެނެ އެވެ.
އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް. --ފޮޓޯ: އޭއެފްޕީ
ބްރަޔަންޓުގެ ޝަރަފުގައި އެންބީއޭގެ ޑަލަސް މަވެރިކްސް އިން ވަނީ އޭނާ ބޭނުންކުރި 24 ނަމްބަރު ޖާޒީ އެ ކްލަބުގައި ދެން ބޭނުންނުކުރަން ނިންމައިފަ އެވެ. އެހެން ކްލަބްތަކުން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ބެލެވެ އެވެ.
ބްރަޔަންޓް ވަނީ އެމެރިކާ ގައުމީ ބާސްކެޓްބޯޅަ ޓީމާ އެކު 2008 އަދި 2012 ވަނަ އަހަރު އޮލިމްޕިކްސް ރަން މެޑަލް ހޯދައިފަ އެވެ. މުޅި ކެރިއަރުގައި، 1996 އިން 2016 އަށް އެންބީއޭގެ ލޮސް އެންޖެލްސް ލޭކާސް އަށް ކުޅުނު ބްރަޔަންޓް ވަނީ އެ ކްލަބާ އެކު އެންބީއޭ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ބްރަޔަންޓަކީ އެންބީއޭގެ ތާރީހުގައި އެއް މެޗެއްގައި ދެ ވަނަ އަށް އެންމެ ގިނަ ޕޮއިންޓް އެޅި ކުޅުންތެރިޔާ އެވެ. އެ ރެކޯޑް އޭނާ ގާއިމްކުރީ 2006 ވަނަ އަހަރު ޓޮރޮންޓޯ ރެޕަޗުއާސް ކޮޅަށް 81 ޕޮއިންޓް އަޅައިގެންނެވެ.
ކުޅުން ހުއްޓާލުމަށް ފަހު ފަހުން އޭނާ ސަމާލުކަން ދިން އެއް ކަމަކީ ދަރިފުޅު ޖިއާނާ މޮޅު ކުޅުންތެރިޔަކަށް ހެދުމެވެ. ޖިއާނާ ވެސް ވަނީ ވިމެންސް އެންބީއޭގައި ކުޅެ ބްރަޔަންޓްގެ ލެގަސީ ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ ޖިއާނާގެ ކުރިއެރުމަށް އަމިއްލަ ގޮތުން މަސައްކަތްކުރުމަށްޓަކައި ޖިއާނާގެ ޓީމަށް ބްރަޔަންޓް ކޯޗުކޮށްދެމުން އައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯލްޑު
27 January 2020
މަރުވެދާާނޭ މާދަމާ ގަައިމޭ، ދޫކޮށްފަ ލޯތްބާ އުފާ...
ރަދީފް
27 January 2020
ވަރަށް ހިތާމަކުރަން.